ޑިންގީ ބަންޑުން ޖަހާލީ ކަމަށް ގަބޫލެއް ނުކުރަން: ސުމައިދުގެ އާއިލާ

ސުމައިދު ގެއްލުނު ފަޅުރަށާވީ ސަރަހައްދު، އެސަރަައްދުން ވަނީ އޭނާގެ ފޯނާ، މަސްބާނަން ގެންގުޅު ދޮށިފެނިފައި ---

ގެއްލިގެން ހޯދަމުންދާ ފުލުހުންގެ ކޯޕްރަލް މުހައްމަދު ސުމައިދު ކަނޑަށް ވެއްޓުނީ ލޯންޗު ބަންޑުން ޖަހާލައިގެން ކަން ގަބޫލު ނުކުރެވޭ ކަމަށް ސުމައިދުގެ އާއިލާއިން ބުނެފި އެވެ.

ސުމައިދު ގެއްލިފައި ވަނީ އިއްޔެ މަހަށް ގޮސް އުޅެނިކޮށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ދަނީ ކުރަމުންނެވެ. ސުމައިދާ އެކު މަހަށް ދިޔަ އިތުރު ދެ މީހަކު ވަނީ ފަތާފައި ގޮސް ސަންގްރިއްލާ ރިސޯޓް ކައިރީގައި އޮތް ފަޅު ރަށަށް އަރައިފަ އެވެ.

ސުމައިދުގެ އާއިލާގެ މެމްބަރަކު 'ސަން' އަށް މިއަދު ބުނީ ޑިންގީގައި ހުއްޓާ އޮއި ގަދަވުމުން އަރިއަޅާލައިގެން ސުމައިދު ވެއްޓުނީ ކަމަށް ހެކިތަކަށް ބެލުމުން ގަބޫލު ކުރެވޭ ކަމަށެވެ.

"އާއިލާއިން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން ޑިންގީ ބަންޑުން ޖަހާލީ ކަމަކަށް،" ސުމައިދުގެ އާއިލާގެ މެމްބަރަކު ބުންޏެވެ.

ޕޮލިސް ކޯޕްރަލް މުހައްމަދު ސުމައިދު: އޭނާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން ދަނީ ކުރަމުން ---

އާއިލާއިން ވެސް ދަނީ ސުމައިދު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރި މަސައްކަތުން އޭނާ މަސް ބާނަން ގެންގުޅުނު ދޮށި އާއިލާއަށް ފެނިފައިވާ ކަމަށް ބުންޏެވެ.

ދޮށި ފެނިފައި ވަނީ މަސްބާނަން ޑިންގީގައި ތިބި ސަރަހައްދުން ކަމަށާއި އެއީ ފަޅުރަށާއި އެހާ ދުރުނޫން ހިސާބެއް ކަމަށް އާއިލާއިން ބުންޏެވެ.

"އޮއި ގަދަ ނޫނިއްޔާ ފަތާލާފައި ފަސޭހަ ކަމާ އެކު ދެވޭވަރު ހިސާބެއް އެއީ،" އާއިލާއިން ބުންޏެވެ.

އާއިލާ އިން ބުނީ ބައެއް ނޫސްތަކުން ސުމައިދާ ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށެެވެ. އެގޮތުން ސުމައިދު އެންމެ ފަހުން ބުނި ބަސް ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް އާއިލާ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހެލިކޮޕްޓަރު ބޭނުންކޮށްގެން އެ ސަރަހައްދު ބެލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ޑިންގީ "ބަންޑުން ޖަހާލުމުން" ޑިންގީގައި ސުމައިދާ އެކު ދެން ތިބި މީހުން ވަނީ ފަތާފައި ޝަންގްރިއްލާ ރިސޯޓަށް އަރާފަ އެވެ.

ގެއްލުނު އިރު ސުމައިދު ލައިގެން ހުރީ ކަޅުކުލައިގެ އަތްދިގު ޖާޒީއަކާއި ކަޅު ކުލައިގެ ޓްރެކްސޫޓެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް