ގުޅުންތައް ކަނޑާލުމުން ދެރަވާކަމަށް ގަތަރުން ބުނެފި

ދަވްޙާ (ޖޫން 5) : ގަތަރާ އެކު ބާއްވަމުން ގެންދިޔަ ޑިޕްލޮމެޓިކް ގުޅުންތައް ސައޫދީ އާއި ބަހްރައިންއާއި ޔޫއޭ އާއި މިސްރުން ކުއްލި ގޮތަކަށް ކަނޑާލުމުން އެކަމާމެދު ދެރަވާކަން ގަތަރުން ހާމަކޮށްފި އެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާ އިން ބުނީ މިހަތަރު ގައުމުގެ ނިންމުމާމެދު ހައިރާންވާ ކަމަށާއި އެ ގައުމުތަކުން ގަތަރާ ދެކޮޅަށް ކޮށްފައި ވަނީ އަސާސެއްނެތް ތުހުމަތު ތަކެއްކަމުގަ އެވެ. ގަތަރުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގަލްފުގެ ސަރަހައްދަށް ބާރާއި ނުފޫޒު ހިންގައި ގަލްފުގެ ގައުމުތަކުގެ ސަރުކާރުތައް ވައްޓާލަން ގަތަރުން މަސައްކަތް ނުކުރާ ކަމަށާއި އަދި ހަރުކަށި ޖަމާއަތްތަކަށް ފައިސާދީ ގަލްފުގެ އަމަނާއި ސަލާމަތް ނަގާލަންވެސް ގަތަރުން މަސައްކަތް ކޮށްފައިނުވާނެ ކަމުގަ އެވެ.

ސައޫދީ އާއި ބަހްރައިންއާއި ޔޫއޭއާއި މިސްރުންވަނީ ގަތަރާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލުމުގެ އިތުރުން އެގައުމުތަކުގައި ތިއްބެވި ގަތަރުގެ ޑިޕްލޮމޭޓުން ފުރުމަށް ވެސް އަމުރުކޮށްފަ އެވެ.

މީގެއިތުރުން މިހަތަރު ގައުމުން ވަނީ އެގައުމުތަކުގެ ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދަށް ގަތަރުގެ ވަޔާއި ކަނޑުގެ އުޅަނދުތަކަށް ވަނުންވެސް މަނާކޮށްފަ އެވެ. މީގެތެރޭގައި ކަނޑާއި ވައިގެ ބަނދަނރުތައް ބޭނުންކުރުން ވެސް މަނާކުރުން ވެސް ހިމެނެ އެވެ. މި ހަތަރު ގައުމުގެ ތެރޭން ސައޫދީ އާއި ޔޫއޭއީން ވަނީ އެދެގައުމުގައި ދިރިއުޅޭ ގަތަރުގެ އާންމުން ވެސް 14 ދުވަހުގެ ތެރޭގައި ފުރުމަށް އަންގާފަ އެވެ.

ސައޫދީ ސަރުކާރާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އެޖެންސީ ބުނިގޮތުގައި ގަތަރާ ހުރިހާ ބާވަތެއްގެ ގުޅުންތައް ކަނޑާލަންޖެހުނީ ދީނީގޮތުން ހައްދު ފަހަނަޅައިދިޔުމާއި ޓެރަރިޒަމްގެ ނުރައްކަލުން ސައޫދީ ސަލާމަތް ކުރުމުގެ ބޭނުމުގަ އެވެ.

ބަހްރައިން އިންބުނީ ގަތަރާ ގުޅުންތައް ކަނޑާލަންޖެހުނީ އެގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާތީ ކަމުގައެވެ. ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) އިންބުނީ ގަތަރާ ގުޅުންތައް ކަނޑާލަންޖެހުނީ ގަތަރުން ގަލްފުގެ ސަރަހައްދަށް ބާރާއި ނުފޫޒު ހިންގައި ގައުމުތަކުގެ ސަރުކާރުތައް ވައްޓާލަން މަސައްކަތްކޮށް ހަރުކަށި ޖަމާއަތްތަކަށް ފައިސާދީ ގަލްފުގެ އަމަނާއި ސަލާމަތްވެސް ނަގާލަން މަސައްކަތްކުރާތީ އެވެ.

ގަލްފުގެ މުއްސަނދި އަރަބި ގައުމުތަކުގެ މެދުގައި މައްސަލަ މިޖެހުނީ އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ އެކު ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ގަލްފުގެ ގައުމުތަކުން އެލަޔަންސެއްހަދައި ސްޓްރެޓީޖިކް ގުޅުންތަކެއް ގާއިމްކުރުމަށް މިދިޔަ މަހުގެ ފަހުކޮޅު އެއްބަސްވެފައި ވަނިކޮށެވެ. ޓްރަމްޕަކީ އޭނާގެ އަމިއްލަ ގައުމު ކަމަށްވާ އެމެރިކާގެ ތެރޭގައި ހޫނުފެނަށް ވެއްޓި އެމެރިކާގެ ޒަމާންވީ ހުޅަނގުގެ ބައިވެރިންގެ އިތުބާރު ވެސް ގެއްލިފައިވާ ބޭފުޅެކެވެ.

ޓްރަމްޕްގެ ހަރުކަށި ސަރުކާރާއެކު ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ގަލްފުގެ ގައުމުތަކުން އެލަޔަންސެއްހަދައި ސްޓްރެޓީޖިކް ގުޅުންތަކެއް ގާއިމްކުރުމަށް ނިންމީ ޓެރަރިޒަމާ ހަނގުރާމަކުރުމާއި އަވަށްޓެރި އީރާނާ ކުރިމަތިލުމަށް ކަމަށް ބުނެފަ އެވެ.

އީރާނުގެ މައްޗަށް ވެސް ވަނީ ގަތަރުގެ މައްޗަށް ކުރިފަދަ ގަލްފުގެ ސަރަހައްދަށް ބާރާއި ނުފޫޒު ހިންގުމާއި ގަލްފުގެ ގައުމުތަކުގެ ސަރުކާރުތައް ވައްޓާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުތަކެއް ކޮށްފަ އެވެ.

ޔޫއޭއީއާއި ސައޫދީ އަކީ ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ގައުމެކެވެ. މިސްރަކީ ލީބިޔާގެ އަރާރުންތަކުގެ ތެރެއަށް ވަދެފައިވާ ގައުމެކެވެ. ގަތަރާއި އީރާނާއި ސައޫދީ އަކީ ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ދެގައުމެވެ. އެހެންކަމުން އެހެން ގައުމުތަކުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ނުވަން ގައުމެއް މީގެތެރެއަކު ނެތެވެ. އައިއެސް ފަދަ ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ޖަމާއަތްތަކަށް އެހީވާކަމުގެ ތުހުމަތު ކުރެވެނީ ހަމައެކަނި ގަތަރުގެ މައްޗަކަށްނޫނެވެ. ގަލްފުގެ އެހެން ބައެއް ގައުމުތަކާއި އެމެރިކާގެ މައްޗަށް ވެސް މިތުހުމަތުތައް ކުރެވިފައިވެ އެވެ.

ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި ވެސް ގަލްފުގެ ގައުމުތައްވަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި އޭރުގެ އިރާގުގެ ރައީސް ސައްދާމް ހުސައިންގެ ސަރުކާރާއެކު އެލަޔަންސެއްހަދައި ސްޓްރެޓީޖިކް ގުޅުންތަކެއް ގާއިމްކޮށްފަ އެވެ.

މިގުޅުންތަކާ އެކު ގަލްފުގެ ގައުމުތަކުގެ ފައިސާގެ އެހީތެރިކަމާއި އެމެރިކާގެ ހަތިޔާރާ އެކު ސައްދާމްގެ ވެރިކަމުގައި އިރާގުން ވަނީ އަށް އަހަރުވަންދެން އީރާނާ ދެކޮޅަށް ހަނގުރާމަކޮށް އީރާނުގެ މިލިޔަނަކަށް ވުރެ ގިނަމީހުން މަރާލައި އީރާނުގެ ބޮޑުބައެއް ފަނާކޮށްލާފަ އެވެ. އެންމެފަހުން އަށް އަހަރަށް ފަހު އިރާގާއި ގަލްފުގެ އެލަޔަންސް ނިމިގެންދިޔައީ އިރާގުން ކުވައިތަށް އަރައި ކުވައިތު ހިފައި އިރާގާއި ގަލްފުގެ ގައުމުތައް ދުޝްމަންވެގެންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް