ޝިދާތާގެ ޕާސްޕޯޓް އިތުރު ތިން މަހަށް ހިފަހައްޓައިފި

24 މާޗް 2017: ސަރުކާރާ އިދިކޮޅު ޕާޓީތައް ގުޅިގެން ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒު ގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖެންޑާ މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފްގެ ޕާސްޕޯޓް އިތުރު ތިން މަހަށް ހިފަހައްޓައިފިއެވެ.

ޝިދާތާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ވިދިވިދިގެން ފަސް ވަނަ ކޯޓު އަމުރު ވަނީ ނެރެފައި ކަމަށެވެ. މިފަހަރު އަމުރު ނެރެފައި ވަނީ ގަނޑުކޮށް ތިން ވަނަ ފަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަތް މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ޕާސްޕޯޓް ހިފަހައްޓާފައި އޮތްއިރު، އެއްވެސްކަހަލަ ތަހުގީގެއް އަދި ޝަރީއަތެއް ވެސް ހިންގާފައިނުވާ ކަމަށެވެ.

"ﷲގެ ވާގިފުޅާއެކު މި ޖަރީމާގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް އިންސާފު ގާއިމްވާނެ ދުވަހެއް ދައްކަވާނެ،" ޝިދާތާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަން އިން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އެދުމަކަށް ޝިދަތާގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައި ކަމަށެވެ.

ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ. ޝިދާތާ ވެސް ވިދާޅުވެފައި ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ކޮން މައްސަލައަކާ ގުޅިގެންކަން އަންގާފައިނުވާ ކަމަށެވެ.

ޝިދާތާ އަކީ އަދާލަތު ޕާޓީގެ އިސްވެރިއެކެވެ. އިދިކޮޅު ހަރަކާތްތަކުގައި ވެސް އޭނާ އަންނަނީ އިސްދައުރެއް އަދާކުރައްވަމުންނެވެ.

comment ކޮމެންޓް