Sun Online
ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް ---
ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް ---

ޞަޙާބިއްޔާތުންގެ ނަމޫނާ–7

އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

ދީނީ ޚިދުމަތް

ދީން ފެތުރުއްވުން

ދީނީ ޚިދްމަތްތަކުގެ ތެރެއިން އެންމެ މުހިންމު ޚިދުމަތަކީ އިސްލާމްދީނަށް ގޮވައިލުމާއި ދީން ފެތުރުމުގެ ޚިދުމަތެވެ. އިސްލާމްދީން ފެތުރުމުގައި ޞަޙާބިއްޔާތުންގެ ގުނައި ޢަދަދު ނުކުރެވޭފަދަ ގިނަ މަސައްކަތްޕުޅުތައް ހިމެނިފައިވެއެވެ.

ޞަޙާބީ ބޭކަނބަލެއް ކަމުގައިވާ އުއްމު ޝަރީކު ރަޟިޔަﷲ ޢަންހާ އަކީ މިރޮނގުން ވަރަށްބޮޑަށް ފާހަގަކުރެވުނު ބޭކަނބަލެކެވެ. އިސްލާމީ ދަޢުވަތުގެ ކުރީކޮޅުގައި އެކަމަނާ ޤުރައިޝުވަންހައިގެ އަންހެނުންގެ ތެރޭގައި ސިއްރިޔާތުގައި އިސްލާމްދީން ފަތުރުއްވަން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވިއެވެ. ޤުރައިޝުވަންހައިގެ މީހުންނަށް އެކަން ފާޅުވުމުން އެބައިމީހުން އެކަމަނާ މައްކާއިން ބޭރުކޮށްލިއެވެ.

އިސްލާމްދީން ފަތުރުއްވަން މަސައްކަތް ކުރެއްވުމުގެ ރޮނގުން ފާހަގަކޮށްލެވޭ ވަރަށް ގިނަގުނަ ޞަޙާބިއްޔާތުން ތިއްބެވިއެވެ. އޭގެތެރޭގައި އުއްމު ސުލައިމު ރަޟިޔަﷲ ޢަންހާ އަކީވެސް ފާހަގަކޮށްލެވޭ ބޭކަނބަލެކެވެ.

އަބޫޠަލްޙަތު ރަޟިޔަﷲ ޢަންހު އިސްލާމްވެވަޑައިގަތުމުގެ ކުރީން އުއްމު ސުލައިމް ރަޟިޔަﷲ ޢަންހާ އާ ކާވެނިބައްލަވައިގަންނަވާން އެދިވަޑައިގެންނެވިއެވެ. އުއްމު ސުލައިމް ޖަވާބުދެއްވިއެވެ. ކަލޭގެފާނަކީ ކާފަރަކީމުއެވެ. އަޅުގަނޑުމެން ދެމީހުންނަށް ކާވެނި ކުރެވޭނީ ކިހިނަކުންތޯއެވެ. ކަލޭގެފާނު އިސްލާމްވެވަޑައިގަންނަވާށެވެ. އޭރުން އަޅުގަނޑު ކަލޭގެފާނާ ކާވެނިކޮށްފާނަމެވެ. އަޅުގަނޑުގެ ކާވެނީގެ ރަނަކީ ކަލޭގެފާނު އިސްލާމްވެވަޑައިގަތުމެވެ. ކަލޭގެފާނުގެ އަތްޕުޅުން އިތުރު އެއްވެސް އެއްޗަކަށް ނޭދޭނަމެވެ. އަބޫޠަލްޙަތު ރަޟިޔަﷲ ޢަންހު އިސްލާމްވެވަޑައިގެން އުއްމު ސުލައިމާ ކާވެނިބައްލަވައިގެންނެވިއެވެ. އެދެކަނބަލަންގެ ކާވެނިފުޅުގެ ރަނެއްކަމުގައި ހިމެނުނީ އިސްލާމްކަމެވެ.

އާމުސްލިމުން ބެލެހެއްޓުން

އިސްލާމްދީން ފެތުރޭންފެށި ދުވަސްވަރު އިސްލާމްދީން ޤަބޫލުކުރައްވަމުން ގެންދެވި ވަރަށްގިނަ ބޭކަލުންނަށް މަޖްބޫރުވެވަޑައިގެންފައި އޮތީ އެބޭކަލުންގެ ޢާއިލާއާއި، ގެކޮޅުތަކާ ވަކިވެވަޑައިގަތުމަށެވެ. އަތްޕުޅުގައި ހުންނަ މުދަލަށް ދާންދެން ދޫކޮށްލެއްވުމަށެވެ. އެހެންކަމުން އެފަދަ ބޭކަލުންނަށް ޙިމާޔާތްއަރުވައި އެބޭކަލުންގެ ދިރިއުޅުއްވުމާއި ފަރީއްކުޅުއްވައި އުޅުއްވުމުގެ ކަންތައް ހަމަޖެއްސުމަކީވެސް އިސްލާމްދީނަށްޓަކައި ކުރާންޖެހިފައި އޮތް ވަރަށް މުހިންމު ޚިދްމަތެކެވެ. މިދެންނެވި މަތިވެރި ޚިދްމަތުގައި ކުރިއަށް ނިކުމެވަޑައިގަތީ ޞަޙާބިއްޔާތުންނެވެ. ޞަޙާބިއްޔާތުންގެ ތެރޭގައި ހިލޭސާބަހަށް އެޚިދްމަތް ކުރެއްވި ވަރަށްގިނަ ބޭކަނބަލުން ތިއްބެވިއެވެ. އެބޭކަނކަބަލުންގެ ތެރެއިންވެސް އުއްމު ޝަރީކު ރަޟިޔަﷲ ޢަންހާ އާއި ދުއްރާބިންތި ލަހަބު ރަޟިޔަﷲ ޢަންހާ ގެ ނަންފުޅު ޚާއްސަގޮތެއްގައި ފާހަގަކޮށްލެވެއެވެ. އުއްމު ޝަރީކު ރަޟިޔަﷲ ޢަންހާގެ ގެކޮޅަކީ އައުމުސްލިމުންގެ މެހްމާނުސަރާއެއް ކަހަލައެވެ.

މުޖާހިދުންނަށް ޚިދްމަތްކުރެއްވުން

ޞަޙާބީން އިސްލާމްދީނަށްޓަކައި ޖޯޝާއި ފޯރިއާއެކު ހަނގުރާމަތަކުގައި ބައިވެރިވެޑައިގަންނަވަމުން ގެންދެވިއިރު ޞަޙާބިއްޔާތުން އެރޮނގުގައިވެސް ޞަޙާބީންގެ ފަހަތްޕުޅުގައި ތިއްބަވާކަށެއް ހިތްޕުޅުހަމަޖެހިވަޑައެއް ނުގެންނެވިއެވެ. އެބޭކަނބަލުންނާ ގުޅޭކަހަލަ ރޮނގުރޮނގުން ޖިހާދުގެ މައިދާނުގައި ނުހަނު އަގުހުރި އަދި ބޭނުންތެރި ޚިދްމަތްތަކެއް ކުރައްވަމުން ގެންދެވިއެވެ.

ޒަޚަމްވެވަޑައިގަންނަވާ މުޖާހިދުންނަށް ފަރުވާކުރެއްވުމާއި، މުޖާހިދުންނަށް ފަރީއްކޮޅު ތައްޔާރުކުރެއްވުމާއި، މައިދާނަށް ވެރިފައި ހުންނަ ހަތިޔާރުތައް ހޮއްވަވައިފައި މުޖާހިދުންނަށް ދެއްވުމާއި، މުޖާހިދުންނަށް ފެން އުފުއްލައިދެއްވުމާއި، މުޖާހިދުންގެ އެއްޗެހިކޮޅު ބަލަހައްޓަވައިދެއްވުމާއި ޝަހީދުންގެ ހަށިކޮޅުތައް އުފުއްލެވުމާ މިބަވާތުގެ އެތައް ޚިދްމަތްތަކެއް ކޮށްދެއްވިއެވެ.

ޞަޙާބިއްޔާތުންކުރެ ރުފައިދާ ރަޟިޔަﷲ ޢަންހާ އަކީ ކަނޑިފާރު ބޭހަށް ވަރަށް ކުޅަދާނަ ބޭކަނލެކެވެ. އެކަމަނާއަށްޓަކައި ކައުސާހިބާ ސައްލަﷲ ޢަލައިހި ވަސައްލަމަ އަލްމަސްޖިދުއްނަބަވީގެ ގޯތިތެރޭގައި ފޭލިގެކޮޅެއް ޖެއްސެވިއެވެ. އެފޭލިގެކޮޅަކީ އެކަމަނާގެ ކްލިނިކެވެ. އަދެ، އިސްލާމީ އެންމެ ފުރަތަމަ ހަސްފަތާލެވެ. ހަމައެފަދައިން އައްސައްޔިދާ ކުޢައިބާ އަސްލަމިއްޔާ ރަޟިޔަﷲ ޢަންހާގެ ކްލިނިކެއްވެސް އަލްމަސްޖިދުއްނަބަވީއާ އިންވެގެން ހުއްޓެވެ. ހަނގުރާމަތަކުގައި ޒަޚަމްވާ މުޖާހިދުންނަށާއި ޢާއްމު ބަލިމީހުންނަށް އެފޭލިގެކޮޅުން ފަރުވާކޮށްދެއްވިއެވެ. މި މައިގަނޑު ނަމުގައި އަޅުގަނޑު ވަނީ ތަފްސީލު މަޒުމޫނެއް ޝާއިއުކޮށްފައެވެ. "ޞިއްޚީފަރުވާދޭ ވިލިތައް އުފައްދައި ބަލިމީހުނަށް ހޭހަންކުރާން ފެށީ މުސްލިމުންނެވެ" މިމައިގަނޑުނަމުގައެވެ.

ޞަޙާބިއްޔާތުންގެ މިދެންނެވި ޚިދްމަތްތަކަށް ކައުސާހިބާގެ އިތުރުން ޞަޙާބިންވެސް ވަރަށް ޤަދަރުކުރެއްވިއެވެ. ޚަލީފާއިންވެސް އެކަމުގެ އަގުވަޒަންކުރެއްވިއެވެ. އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި އެއްފަހަރަކު އެކަލޭގެފާނު މަދީނާގެ އަންހެނުންނަށް ސާލުތަކެއް ބެއްސެވިއެވެ. އެބެއްސެވި ބެއްސެވުމުގައި ވަރަށްމޮޅު ސާލުކޮޅެއް ބާކީވިއެވެ. އެވަގުތު މީހަކު ދެންނެވިއެވެ. ކަލޭގެފާނުގެ އަނބިކަނބަލުން އައްސައްޔިދާ އުއްމު ކުލްޘޫމު ރަޟިޔަﷲ ޢަންހާއަށް (އިތުރުސާހިބާގެ މާފަދަރިކަނބަލެއް) ތިޔަ ސާލުކޮޅު ދެއްވާށެވެ. ޖަވާބުގައި އުމަރުގެފާނު ވިދާޅުވިއެވެ. ނޫނެކެވެ. މިސާލު އެންމެ ޙައްޤުކަންބޮޑީ އުއްމުސަލީޠަށެވެ. އެކަމަނާ އުޙުދު ހަނގުރާމާގައި ފެންހަންތައް ފުރުއްވައިގެން ގެންނަވައި އަހަރެމެންނަށް ފެންބޯންދެއްވިއެވެ.

މިސްކިތްތަކަށް ޚިދްމަތް ކުރެއްވުން

މިސްކިތްތަކުން ކުނިކެއްސެވުމާއި މިސްކިތްތައް ފޮޅުއްވުމަކީ ޞަޙާބިއްޔާތުން ވަރަށް ޝައުޤުވެރިކަމާއެކު ކުރައްވައި އުޅުއްވި މަސައްކަތްޕުޅެކެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމާ ވަރަށް އުފާފުޅު ކުރެއްވިއެވެ.

އެއްފަހަރަކު ކޮންމެވެސް މީހެއް އަލްމަސަޖިދުއްނަބަވީއަށް ކުޅުގަނޑެއް ޖެއްސެވެ. އިތުރުސާހިބާއަށް އެތަން ފެނިވަޑައިގަތުމުން ކޯފާއިސްވެ މޫނުފުޅު ރަތްވިއެވެ. އެވަގުތު އަޞްޙާބު ބޭކަނލެއް ތެދުވެވަޑައިގެން އެތަން ސާފުކުރައްވައި އެތާނގައި ހުވަނދު ލެއްވިއެވެ. އިތުރުސާހިބާ އެކަމާ ވަރަށް އުފާފުކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަކުރީ ވަރަށް ރަނގަޅު ކަމެކެވެ.

އިތުރުސާހިބާގެ މިސްކިތްކޮޅު ކޮންމެދުވަހަކު ކުނިކައްސަވައި ފޮޅުއްވައި އުޅުއްވި ޞަޙާބިއްޔާއެއް އުޅުއްވިއެވެ. އިތުރުސާހިބާ އެކަމަނާއަށް ނުހަނު ކަމޭހިތްތަވައެވެ. އެއްރެޔަކު އެކަމަނާ އަވަހާރަވުމުން ޞަޙާބީން އެރޭ އެކަމަނާ ފަސްދާނުލެއްވިއެވެ. ކައުސަހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަފުޅަށް އޮންނެވުމުން އެކަމަނާ އަވަހާރަވި ވާހަކައެއް އެކަލޭގެފާނަކަށް ނުދަންނަވައެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެކަން އެނގިވަޑައިގަތުމުން އެކަލޭގެފާނަށް އެޚަބަރު ނުދެއްވީތީ ޞަޙާބީންނާ ސުވާލުކުރެއްވިއެވެ.

ބިދުޢަތަށް މުގުރުއްވުން

ބިދުޢައަކީ "ދީނުގެ މޫތައް ކޮށާ ކޯރާޑިއެއް" ފަދަ އެއްޗެކެވެ. އެހެންކަމުން ކުރިއަށް ތިއްބެވި ޞަޙާބިއްޔާތުން "އެކޯރާޑި" އިސްލާމްގެ "ކަދުރުރުކަށް" ފޯރިޔަނުދެއްވާން ވަރަށްބޮޑަށް ބާރުއެޅުއްވިއެވެ. ޚާއްޞަކޮށް އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަމާ ވަރަށްބޮޑަށް ގަދައަޅުއްވައި އުޅުއްވިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ޙަޔާތްޕުޅުގައި ގެފުޅުގެ ބަނޑޭރިކަމުގައި ހުންނެވި ޝައިބާ ބިން ޢުޘްމާން ގެފުޅުގެ އުރަކޮޅު ބަދަލުކުރެއްމަށްފަހު ބާއުރަކޮޅު ވަޅުލައްވަނީއެވެ. މީހުންގެ އަތްމައްޗަށް އެއުރަކޮޅު އަރައި އުރަކޮޅުގެ ޙުރުމަތް ކެނޑޭފަދަ ކަމެއް މެދުވެރި ވެދާނެތީއެވެ. އުއްމުލް މުއުމިނީންގެ އަރިހުގައި ޝައިބާ އެވާހަކަ ވިދާޅުވުމުން އެކަމަނާ ވިސްނިވަޑައިގެންނެވިއިރު އެއީ އިތުރުސާހިބާގެ އަރިހުން އިރްޝާދު ލިބިފައިވާ އިޙްތިރާމް ކުރުމެއްނޫނެވެ. އެހެންކަމުން މުސްތަޤްބަލުގައި އޭގެ ސަބަބުން ނުރަނގަޅު އިޢުތިޤާދެއް އުފެދިދާނެކަމަށްޓަކައި އެކަމަނާ އެކަން މަނާކުރެއްވިއެވެ. އެކަމަނާ ވިދާޅުވިއެވެ. ގެފުޅުގެ އުރަކޮޅު ބޭލުމަށްފަހު އެއުރަކޮޅަކީ ޢާންމު ފޮއްޗާ އެއްޙުކުމެއްގެ އެއްޗެކެވެ. ވީމާ އެއުރަކޮޅު ވިއްކައިލައިފައި އޭގެ އަގު ފަޤީރުންނަށް ބަހައިދޭށެވެ.

ހެޔޮކަންތަކަށް އަމުރުކުރެއްވުމާއި ނުބައިކަންތައް މަނާކުރެއްވުން

މީސްތަކުންގެ ދީނާއި އަޚްލާޤު އޭގެ ރަނގަޅު މަގުގައި ދަމަހައްޓާ އެންމެ ވަރުގަދަ ބާރަކީ ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް މަނާކުރުމެވެ. ޞަޙާބިއްޔާތުންގެ ކުރިއަށް ތިއްބެވި ބޭބޭކަނބަލުން އެބޭކަނލުންގެ އަތްޕުޅުންނާއި ދޫފުޅުން ނުބައިކަންތައް މަނާކުރެއްވިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެއްފަހަރަކު މެހްމާންނެއްގެ ގޮތުން ގެއަކަށް ވަޑައިގެންނެވިއެވެ. އެކަމަނާއަށް ފެނިވަޑައިގެންނެވީ އެކަމަނާގެ މޭޒުބާނުގެ ބޮޑުވެފައި ތިބި ދެއަންހެންކުދީން ބުރުގާނާޅައި ނަމާދުކުރަނިކޮށެވެ. އުއްމުލް މުއުމިނީން އެވަގުތު އެކަން މަނާކުރެއްވިއެވެ. އުއްމުލް މުއުމިނީން ވިދާޅުވިއެވެ. މީގެފަހުން އެއްވެސް ކުއްޖަކު ބުރުގާނާޅައި ނަމާދުނުކުރާށެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވެފައިވަނީ މިގޮތަށެވެ.

އެކަމަނާގެ އަޚު ޢަބްދުއްރަޙްމާނު ބިން އަބީބަކުރު ރަޟިޔަﷲ ޢަންހު އެއްފަހަރަކު ވަޑައިގެން ވަރަށް ސާދާގޮތަކަށް އަވަސްއަވަހަށް ވުޟޫކުރައްވައިގެން ނުކުމެވަޑައިގަންނަވާން އުޅުއްވުމުން އުއްމުލް މުއުމިނީން ކޯފާވިއެވެ. އެކަމަނާ ވިދާޅުވިއެވެ. ޢަބްދުރަޙްމާނެވެ. ރަނގަޅަށް ވުޟޫކުރައްވާށެވެ.

އެއްފަހަރަކު އަންހެނަކު ލައިގެންހުރި ސާލެއްގައި ޞަލީބުގެ ނިޝާންޖަހައިފައި ހުއްޓައި އުއްމުލް މުއުމިނީނަށް ފެނިވަޑައިގެންނެވިއެވެ. އުއްމުލް މުއުމިނީނަށް އެތަން ފެނިވަޑައިގަތުމާއިއެކު ކޯފާއިސްކުރައްވައި ވިދާޅުވިއެވެ. ތިޔަސާލު ބާލާށެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަށް ތިޔަކަހަލަ ފޮއްޗެއް ފެނިވަޑައިގެންފިނަމަ ވީއްދަވައިލައްވައެވެ.

އުއްމުލް މުއުމިނީނަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެއްކަމުގައިވާ ޙަފްޞާ ބިންތި ޢަބްދުއްރަޙްމާނު އެއްދުވަހަކު އެކަމަނާގެ އަރިހަށް ވަޑައިގެންނެވިއިރު ތުރުކުރައްވައިގެން އިންނެވީ ވަރަށް ތުނި ދޯޕައްޓާކޮޅެކެވެ. އުއްމުލް މުއުމިނީނަށް އެކަމަނާ ފެނިވަޑައިގަތުމާއެކު ކޯފާއިސްކުރައްވައި އެކަމަނާގެ ދޯޕައްޓާކޮޅު ވީއްދަވައިލެއްވިއެވެ. އެއަށްފަހު ބޯފޮތީގެ ދޯޕައްޓާކޮޅެއް ހޯއްދަވައިދެއްވިއެވެ.

infinity loading...
×
DB released 01.