ހަތަރު ގައުމަކުން ގަތަރާ އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

ހަތަރު ގައުމަކުން ވަނީ ގަތަރާ އޮތް ގުޅުންތައް ކަނޑާލާފަ -- ފޮޓޯ: ގެޓީ

ދޯހާ (ޖޫން 5): ސައުދީ އަރަބިއާ، މިސްރު، ބަހްރެއިން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ގަތަރާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި އެވެ.

ގަތަރާއި ގަލްފުގެ އަރަބި ގައުމުތަކާ މެދުގައި މައްސަލަ ހޫނުވެފައި ވަނީ ގަތަރުގެ ދައުލަތުގެ މީޑިއާ ބަޔަކު ހެކް ކުރި ފަހުންނެވެ. އަންގާރަ ދުވަހު އެ އެވެބްސައިޓް ހެކް ކުރި މީހުން ވަނީ ގަތަރުގެ އަމީރު ޝޭހް ތަމީމް ބިން ހަމަދު އަލް ޘާނީ ވިދާޅުވި ކަމަށް ބުނާ ކޮމެންޓުތަކެއް ބްރޯޑްކާސްޓުކޮށްފައެވެ.

އެގޮތުން ޝޭހް ތަމީމް އީރާން، ހަމާސް، ހިޒްބުﷲ އަދި އިސްރާއީލަށް ތާއިދު ކުރައްވާ ކަމަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމުގެ މާގިނަ ދުވަހު ނުހުންނަވާނެ ކަމަށް ވިދާޅުވި ކަމަށް އެރިޕޯޓުގައިވެ އެވެ.

ގަތަރުގެ ސަރުކާރުން ވަނީ ޝޭހް ތަމީމް އެފަދައިން ވިދާޅުނުވާ ކަމަށް ބުނެފައެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގައި ބުނެފައިވާ ގޮތަށް ހެކަރުންނާ މެދު އަމަލު ކުރާނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް ޔޫއޭއީގެ ސްކައި ނިއުސް އަރަބިއާ އައި އަލް އަރަބިޔާއިން ވަނީ އެހަބަރު ފަތުރާފައެވެ.

ސައުދީ އަރަބިއާގެ ދައުލަތުގެ މީޑިއާ އެސްޕީއޭ އިން މިއަދު ބުނި ގޮތުގައި ގަތަރާއެކު އޮތް ގުޅުންތައް ކަނޑާލީ އެގައުމުގެ ސަލާމަތަށްޓަކައެވެ. އަދި ޔަމަނުގައި ކުރިއަށްދާ ހަނގުރާމައިގައި ގަތަރުގެ ފައުޖުތައް ބައިވެރިކުރުން ހުއްޓާލައިފި ކަމަށްވެސް އެސްޕީއޭއިން ބުންޏެވެ.

ސައުދީން ވަނީ އެގައުމުގެ ބޯޑަރު ބަންދުކޮށް، ކަނޑާއި ވައިގެ މަގުން ގަތަރަށް ކުރާ ދަތުރުތައް ހުއްޓުވާފައެވެ. އަދި ބަހްރެއިން އާއި މިސްރުންވެސް ވަނީ ގަތަރާ ދެމެދު އޮތް ކަނޑާއި ވައިގެ ދަތުރުތައް ހުއްޓާލައިފައެވެ.

އެ ތިން ގައުމުން ވަނީ ގަތަރުގެ ރައްޔިތުން އެގައުމުތަކުން ފޭބުމަށް ދެ ހަފްތާގެ މުހުލަތެއް ދީފައެވެ. އަދި ބަހްރެއިން އާއި ޔޫއޭއީން ވަނީ އެގައުމުތަކުގައި ތިބި ގަތަރުގެ ޑިޕްލޮމެޓުން ގައުމުން ފޭބުމަށް 48 ގަޑި އިރުގެ މުހުލަތެއް ދީފައެވެ.

އެހަތަރު ގައުމުން ގަތަރާ އޮތް ގުޅުންތައް ކަނޑާލުމާ ގުޅިގެން އެގައުމުން އަދި ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް