މޭގްނާ ގުލްޒާރުގެ ފިލްމުން ފެނިގެންދާނީ އާލިއާ އަދި ވިކީ ކޯޝަލް!

ހަރިންދަރް ސިއްކާގެ ފޮތް، 'ކޯލިންގ ސެހްމަތު' ގެ މައްޗަށް މޭގްނާ ގުލްޒާރް އުފައްދާ ފިލްމުގައި ބަތަލާ އާލިއާ ބަޓް އާއެކު ފެނިގެންދާނީ 'މަސާން' ގެ އެކްޓަރު ވިކީ ކޯޝަލް ކަމަށް ޚަބަރުތައް ބުނެފި އެވެ.

މޭގްނާ އެންމެ ފަހުން އުފެއްދި ފިލްމު، 'ތަލްވާރް' އަށް ކްރިޓިކްސްގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. މިފަހަރު އުފައްދާ ފިލްމުގައި 1971 ވަނަ އަހަރުގެ އިންޑޯ-ޕާކިސްތާން ހަނގުރާމައިގެ ބައެއް ހާދިސާތައް ހިމަނާފައި ވާނެ އެވެ.

ފިލްމުގައި ފެނިގެން ދާނީ ބޯޑަރުގެ އަނެއް ފަރާތުގައި މަސައްކަތް ކުރާ ސިފައިންގެ މީހަކާ ކައިވެނި ކޮށްގެން އުޅޭ ކަޝްމީރުގެ އަންހެނެއްގެ ވާހަކަ އެވެ.

ޖަންގްލީ ޕިކްޗާރޒް އާއި ދަރްމާ ޕްރޮޑަކްޝަންސް ގުޅިގެން ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމަށް ވިކީ އަދި ސޮއިކޮށްފައި ނުވި ނަމަވެސް، އާލިއާ އާއެކު ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.މިއީ އާލިއާ އަދި ވިކީ އެކުގައި ފެނިގެން ދާނެ ފުރަތަމަ ފަހަރެވެ.

ޚަބަރުތައް ބުނާގޮތުން އަންނަ މަހުގެ ތެރޭގައި ފިލްމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ވިކީ މިވަގުތު މަސައްކަތް ކުރަމުން އަންނަނީ ރާޖްކުމާރު ހިރާނީ ޑައިރެކްޓު ކުރާ ސަންޖޭ ދަތުގެ ބަޔޮޕިކްގަ އެވެ.

މި އަހަރު ނުކުތް އާލިއާގެ 'ބަދްރީނާތު ކީ ދުލްހަނިއާ' ބޮކްސް އޮފީހުގައި ހިޓް ފިލްމަކަށް ވެގެން ދިޔަ އިރު، އާލިއާގެ ގިނަ ފިލްމުތަކެއް ކުރިއަށް އެބަހުއްޓެވެ. އެގޮތުން ރަންވީރު ސިންގ އާއެކު 'ގަލީ ބޯއީ' އިން އާލިއާ ފެނިގެންދާނެ އެވެ. އަދި ރަންބީރު ކަޕޫރު އާއެކު 'ޑްރެގަން' އިން ވެސް ފެނިގެން ދާނެ އެވެ. މިއީ އާލިއާ ރަންވީރު އަދި ރަންބީރު އާއެކު ވެސް ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް