'ދަ ފޯލްޓް އިން އަވާ ސްޓާޒް'ގެ ހިންދީ ރީމޭކް އަށް އަދިއްތުޔަ ނޫނެކޭ ބުނެފި

ކަރަން ޖޯހަރު ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވާ 'ދަ ފޯލްޓް އިން އަވާ ސްޓާޒް'ގެ ހިންދީ ރީމޭކް އަށް އާލިއާ ބަޓް އަދި އަދިއްތުޔަ ރޯއި ކަޕޫރު ހަމަޖައްސާފައިވީ ނަމަވެސް، އަދިއްތުޔަ ފިލްމު ދޫކޮށްލައިފި އެވެ.

އާލިއާ އާއެކު ފިލްމުގެ ލީޑު ރޯލު ކުޅުމަށް އަދިއްތުޔަ އަށް ހުށަހެޅީ، މި އަހަރު ކުރީކޮޅު ރިލީޒް ކުރި ފިލްމު 'އޯކޭ ޖާނޫ'ގައި އޭނާ އަދާކޮށްފައިވާ ރޯލު ކަރަން އަށް ކަމުދިޔުމުގެ ސަބަބުންނެވެ.

އެހެން ނަމަވެސް، އަދިއްތުޔަ ފަހަކަށް އައިސް ކުޅުނު އެއްވެސް ފިލްމެއް ބޮކްސް އޮފީހުގައި ކާމިޔާބު ވެފަ އެއް ނުވެ އެވެ. އަދިއްތުޔަ ފިލްމަށް ނޫނެކޭ ބުނުމާ އެކު ފިލްމު އުފައްދާ ފަރާތުން މިހާރު އަންނަނީ އެހެން އެކްޓަރެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

'ދަ ފޯލްޓް އިން އަވާ ސްޓާޒް' އަކީ ޖޯން ގްރީން ހަމަ އެނަމުގައި ލިޔެފައިވާ ވާހަކައިގެ މައްޗަށް، ޖޯޝް ބޫން ޑައިރެކްޓުކޮށް އުފައްދާފައިވާ ފިލްމެކެވެ. ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި އެ ފިލްމަކީ ކެންސަރު ޖެހިފައިވާ ދެ ޒުވާނުންގެ ދެމެދުގައި އުފެދޭ ލޯބީގެ މައްޗަށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.

comment ކޮމެންޓް