ކުޅުންތެރިން ނެގުމުގައި ޒާތީ ކަމެއް ނުގެންގުޅެން: ސްޓެވާޓް

އަފްޣާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ގައުމީ ޓީމު ދުބާއީއަށް ފުރުމުގެ ކުރިން ކޯޗު ސްޓެވާޓް ނޫސްވެރިންނަށް މައުލޫމާތުދެނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި އެއްވެސް ޒާތީ ކަމެއް ނުގެންގުޅޭ ކަމަށާއި ސްކޮޑު އެކުލަވާލަނީ ކުޅުންތެރިންގެ ކުޅުމަށް ބެލުމަށްފަހު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑެރަން ސްޓެވާޓް ބުނެފިއެވެ.

މިމަހުގެ 13 ވަނަ ދުވަހު ބޫޓާނާ ދެކޮޅަށް ކުޅޭ އޭޝިއަން ކޮލިފައިން މެޗަށް ނެގި ސްކޮޑުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ނުހިމެނުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެގެންދިޔައެވެ.

އަފްޣާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ގައުމީ ޓީމު ދުބާއީއަށް ފުރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސްޓެވާޓް ބުނީ، ސްކޮޑު އެކުލަވާލަނީ އެސިސްޓަންޓުގެ އެހީތެރިކަމާއެކު ކަމަށާއި އެކަން ކުރަމުންދަނީ މެޗުތަކުގައި ދައްކާ ކުޅުމަށް ބަލައިގެން ކަމަށެވެ. އަދި މިފަހަރު ސްކޮޑު އެކުލަވާލިއިރު ވެސް އަމަލުކޮށްފައިވާނީ އެގޮތަށް ކަމަށް އޭނާ ބުންޏެވެ.

"ސްކޮޑު އެކުލަވާލުމުގައި ޒާތީ ކަމެއް ނުގެންގުޅެން. އަހަރެން ޓީމަށް ކުޅުންތެރިން ނަގަނީ އެ ކުޅުންތެރިއެއްގެ އުމުރަށް ބަލައިގެންނެއް ނޫން. އަހަރެން ކުޅުންތެރިން ޓީމަށް ނަގަނީ އަހަރެންނަށް ފެންނަ ކުޅުމަށް ބަލާފައި. ރަނގަޅު ކަމަކީ އަހަރެން އަދިވެސް މިދަނީ ކުޅުންތެރިން ދަސްކުރަމުން. މެޗުތަކަށް ބަލާފައި ސްކޮޑު އެކުލަވާލާ ވަގުތު ޖެހުނީމާ، އަހަރެމެން ސްކޮޑަށް ކުޅުންތެރިން ނަގަނީ،" އަންނަ އަންގާރަ ދުވަހު އަފްޣާނާ ދެކޮޅަށް ކުޅޭ މެޗަށް ރޭ ދުބާއީއަށް ފުރުމުގެ ކުރިން ގައުމީ ކޯޗު ބުންޏެވެ.

އަފްޣާނާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ގައުމީ ޓީމު ދުބާއީއަށް ފުރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ގިނަ ދުވަސްތަކަކަށްފަހު ގައުމީ ޓީމުގެ ސްކޮޑަށް ނެގި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ތަޖުރިބާކާރު ޑިފެންޑަރު އަކްރަމް އަބްދުލްޤަނީ އަދި ގްރީން ސްޓްރީޓްސްގެ ތަޖުރިބާކާރު ފޯވަޑް އަހްމަދު ރަޝީދު (އައްމަޑޭ)އާ ގުޅޭގޮތުން ވެސް ސްޓެވާޓް ވަނީ ވާހަކަދައްކައިފައެވެ.

"ފަލަސްތީނު މެޗަށްފަހު އަހަރެން އަކްރަމް ކައިރީ ބުނިން އޭނާ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުންދާ ވާހަކަ. އޭނާ ޓީމަށް އެރީ އަމިއްލަ މަސައްކަތުން. ފަލަސްތީން މެޗަށްފަހު ކޮންމެ މެޗެއްގައި އޭނާ ރަނގަޅު ކުޅުމެއް ދެއްކި. އޭނާގެ ވިސްނުމާއި ލީޑާޝިޕް ވަރަށް ރަނގަޅު.

"އައްމަޑޭގެ ކުޅުން ވެސް ވަރަށް ރަނގަޅު. އޭނާ ހަލުވި، އޭނާ އަބަދުވެސް ފެންނަނީ ޕެނަލްޓީ އޭރިޔާގެ ތެރެއިން. އޭނާގެ ވިސްނުން ވަރަށް ރަނގަޅު. ހުރަހެއް އަންނަ އިރަށް އޭނާ އަބަދުވެސް ފެންނަނީ ޕެނަލްޓީ އޭރިޔާ ތެރެއިން. އެއީ ސްޓްރިކަރެއްގެ ގައިގައި ހުންނަންޖެހޭ ފެންވަރު. އޭނާގެ މަސައްކަތާމެދު އަހަރެން ހިތްހަމަޖެހޭ. އަސައްކޮ (އަސަދުﷲ އަބްދުﷲ)އަށް އަނިޔާއެއްވެއްޖެނަމަ، އައްމަޑޭގެ ބޭނުން ހިފޭނެ،" ގައުމީ ކޯޗު ބުންޏެވެ.

comment ކޮމެންޓް