ޖޭޕީގެ ދިދަ ބޭނުނުން ނުކުރަން އެންގި މައްސަލަ ކޯޓަށް

ޖުމްހޫރީ ޕާޓީގެ ދިދަ ހިފައިގެން އެ ޕާޓީގެ މެމްބަރުންތަކެއް ހަރަކާތެއްގައި --- ސަންފައިލް ފޮޓޯ

ޖުމްހޫރީ ޕާޓީގެ ދިދަ ބޭނުން ނުކުރަން އިލެކްޝަންސް ކޮމިޝަނުން އެންގި މައްސަލަ ކޯޓަށް ހުށަހަޅަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އަންގައި އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އެކަމާ ގުޅިގެން ޖޭޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށެވެ.

އިލްކްޝަންސް ކޮމިޝަނުން ޖޭޕީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ޖޭޕީގެ ނިޝާނާއި ލޯގޯއިން ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަކޮށްފައިވާ ދިދަ ރަމްޒުކޮށްދޭ ކަމަށާއި އެ ސަބަބާ ހުރެ އެ ޕާޓީގެ ދިދަ އާއި ލޯގޯ ބަދަލު ކުރުމަށް މީގެ ކުރިން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދިދަ އާއި ލޯގޯ ބަދަލުކޮށްފައި ނުވާތީ މިއަދުން ފެށިގެން ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން ހުއްޓާލުމަށް އަންގާ ކަމަށް އަހުމަދު އަލީގެ ސިޓީގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ޖޭޕީއަށް އެ އެންގުން އަންގާފައި ވަނީ ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާ ގުޅޭ އުސޫލުގެ ދަށުންނެވެ.

ސަރުކާރުގެ ގެޒެޓުގައި މިދިޔަ މާޗު މަހުގެ ނުވައެއްގައި ޝާއިއު ކުރި އެ އުސޫލުގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނީ ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. އަދި އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.

comment ކޮމެންޓް