ޑިންގީއެއް ބަންޑުން ޖަހާލައި، ފުލުހަކު ގެއްލިއްޖެ

ޑިންގީއެއްގައި ބަޔަކު މަސްވެރިކަމަށް ނުކުމެ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީން މަހަށް ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި، އޭގައި ދަތުރުކުރި ފުލުހަކު ގެއްލިއްޖެ އެވެ.

ގެއްލިގެން ހޯދަމުންދަނީ ސ. ހިތަދޫ، އާބިން، ކޯޕްރަމް މުހައްމަދު ސުމައިދެވެ. އޭނާ ދަތުރު ކުރި ޑިންގީގައި ތިން މީހަކު ދަތުރު ކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ސަލާމަތްވެފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އަލީ އާޒިމް ވިދާޅުވީ، މަސްވެރިކަމަށް ނުކުމެ އުޅުނު ޑިންގީއެއް ސ. ގަމު ކަނޑުތެރެއަށް ބަންޑުން ޖަހާލުމާ ގުޅިގެން އެމްއެންޑީއެފް ސައުތާން އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކެޕްޓަން އާޒިމް ވިދާޅުވީ، ދިވެހި ތިން ފިރިހެނުން ތިބި އެ ޑިންގީ ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ 27 އަހަރުގެ ޒުވާނެއް ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ލައިގެން ހުރީ ކަޅުކުލައިގެ އަތްދިގު ޖާޒީއަކާއި ކަޅު ކުލައިގެ ޓްރެކްސޫޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

ޑިންގީއެއް ބަންޑުން ޖަހާލިކަމުގެ ރިޕޯޓެއް ސިފައިންނަށް ލިބުނީ މިރޭ 20:30 ކަންހާއިރު ކަމަށެވެ. އަދި ޑިންގީ ބަންޑުން ޖަހާލުމާއެކު އޭގެން ދެ މީހުން ފަތާފައި ޝަންގްރިއްލާ ރިސޯޓަށް އެރި ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ، ކޯސްޓްގާޑް ހަކުރާ އާއި ހާބާރ ކްރާފްޓް 108 އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިހާރު އެޑިންގީ ވަނީ ފެނިފައެވެ. ނަމަވެސް އެމީހާ ފެނިފައިނުވާތީ އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

comment ކޮމެންޓް