ރަޝިޔާ އާއި ތުރުކީ ގުޅިގެން ފަސްވަނަ ޖީލުގެ ހަނގުރާމަމަތީ ފައިޓާޖެޓް އުފައްދަނީ

ރަޝިޔާގެ ފައިޓަރ ޖެޓެއް

މޮސްކޯ (ޖޫން 4) : ހަނގުރާމަމަތީ ފައިޓާޖެޓް އުފެއްދުމުގެ މަސައްކަތް ތުރުކީއާ ގުޅިގެން ކުރަން މަސައްކަތް ކުރަމުން އަންނަކަން ރަޝިޔާ އިން ހާމަކޮށްފި އެވެ.

ރަޝިޔާގެ ފައިޓާޖެޓް އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ "ރޮސްޓިކް"ގެ ޖެނެރަލް މެނޭޖާ ސަރްގީ ގަމަޒޯޥް ވިދާޅުވީ ތުރުކީއާ ގުޅިގެން އެކުންފުނިން އުފައްދަން ގަސްދުކުރަނީ ފަސް ވަނަ ޖީލުގެ ފައިޓާޖެޓް ކަމަށާ އެއީ އެމެރިކާ ވެސް އަދި ކިރިޔާ އުފައްދަން މަސައްކަތްކުރާ ފެންވަރުގެ ހައި ޓެކްނޮލޮޖީގެ ޖެޓް ކަމުގަ އެވެ. އޭނާ ވިދާޅުވީ މިފަދަ ޖެޓް އުފައްދާ ކާރުޚާނާތައް ބިނާކުރުމުގެ ކުރިން ހުންނަންޖެހޭ އަސްކަރީ އަދި މަދަނި އިންފްރާސްޓްރަކްޗާ ތުރުކީގައި ހުރުމުން މިފަދަ މަޝްރޫއެއް ތުރުކީގައި ކުރިޔަށްގެންދަން ފަސޭހަވާނެ ކަމުގަ އެވެ.

މިމަޝްރޫއަށް ބޭނުންވާ ފައިސާގެ ކަންކަން ހަމަޖެއްސުމާ ބެހޭ ގޮތުން ރަޝިޔާއާއި ތުރުކީގެ މާލީ ވުޒާރާތަކުގެ އިސް މަސްއޫލުވެރިން މަޝްވަރާތައް ކުރައްވަމުން ގެންދަވާފައިވެ އެވެ.

ފަސް ވަނަ ޖީލުގެ ފައިޓާ ޖެޓް އުފައްދާ ކާރުޚާނާތައް ރަޝިޔާއިން ތުރުކީގައި ބިނާކޮށްދޭއިރު ތުރުކީގެ ފަންނީ މީހުންނަށް އެކަމުގެ ތަމްރީން ވެސް ދޭނެ އެވެ. އަދި އެއަރޯ އިންޖިނިއަރިންގެ ދާއިރާ ތަރައްގީ ކުރުމުގެ ރީސާޗްތައް ކުރުމުގައި ވެސް ތުރުކީގެ ސައެންސްވެރިންނާއި އިންޖިނޭރުން ބައިވެރިވާނެ އެވެ.

ތުރުކީ މިހާރު ވަނީ އެގައުމުގެ އަވަށްޓެރި އީރާނެކޭ އެއްގޮތަށް ހަތިޔާރުގެ ވަރުގަދަ އިންޑަސްޓްރީ އެއް ބިނާކުރަން ފަށާފަ އެވެ. އީރާނުން ވަނީ މީގެ ސާޅީހަކަށް އަހަރުކުރިން ހަތިޔާރުގެ އިންޑަސްޓްރީ އެއް ބިނާކުރުމުގެ މަސައްކަތްފަށައި އެކަން ވަރަށް ބޮޑަށް ތަރައްގީކޮށްފަ އެވެ. ނަމަވެސް ފައިޓާޖެޓް އުފެއްދުމުގެ ދާއިރާގައި އީރާން ވެސް ގެންދަނީ ރަޝިޔާގެ ފަންނީ އެހީތެރިކަން ހޯދަމުންނެވެ.

އަނެއްކޮޅުން ރަޝިޔާ އިން ވަނީ އެގައުމުން އުފައްދާ އެންމެ ޒަމާނީ މިސައިލް އައްޑަނައިގެ ނިޒާމު ކަމަށްވާ އެސް-400 މަރުކާގެ ނިޒާމެއް ތުރުކީއަށް ވިއްކުމަށް ނިންމާފަ އެވެ. މިނިޒާމު ތުރުކީއަށް ވިއްކަނީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

ތުރުކީއަކީ ނޭޓޯ ގެ ގައުމަކަށްވެފައި އެގައުމަކީ އަސްކަރީ ކަންކަމާއި ހަތިޔާރުގެ ދާއިރާގައި އެމެރިކާއަށް ބަރޯސާވާ ގައުމެއް ނަމަވެސް ތުރުކީގެ މިސްރާބު މިހާރުހުރީ އެމެރިކާއާ ދުރަށެވެ. އަދި އަމިއްލަ ނަފްސަށް ބަރޯސާވެގެން ހަތިޔާރާއި އެނޫން ވެސް ތަކެތި އުފައްދާށެވެ. ނަމަވެސް މިކަމުގައި ފުރަތަމަ ރަޝިޔާ ފަދަ ދުނިޔޭގެ އަސްކަރީ ސިނާއަތުގެ ދާއިރާގައި ކުރިޔަށްގޮސްފައިވާ ގައުމެއްގެ ފަންނީ އެއްބާރުލުން ތުރުކީއަށް ބޭނުންވެ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު