ރޮނާލްޑޯއަށް ލިބުނު ރަން މެޑަލް އޭނާގެ ލޯބިވެރިއާއަށް!

ރޮނާލްޑޯގެ ލޯބިވެރިއާ ޖޯޖީނާ ރޮޑްރިގޭޒް--ފޮޓޯ/ޓްވިޓާ

ޔުވެންޓަސް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމަށްފަހު ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެ މުބާރާތުން ލިބުނު ރަން މެޑަލް އޭނާގެ ލޯބިވެރިއާ އަޅައިގެން ހުއްޓާ ނަގާފައިވާ ފޮޓޯއަކަށް ގިނަ ބައެއްގެ ތަރުހީބު ލިބިއްޖެއެވެ.

ސްޕެއިންއަށް އުފަން ޖޯޖީނާ ރޮޑްރިގޭޒް ވަނީ ރެއާލްމެޑްރިޑް ކުޅުނު ފައިނަލް މެޗު ބަލަން ކާޑިފަށް ގޮސްފައެވެ. އަދި އޭނާ މެޗު ބަލަން ގޮސްފައިވަނީ ރޮނާލްޑޯގެ 7 ނަންބަރު ޖާޒީ ލައިގެންނެވެ.

މަޝްހޫރު މޮޑެލް ވަނީ މެޗަށް ފަހު އޭނާގެ ލޯބިވެރިޔާ (ރޮނާލްޑޯ)އަށް ލިބުނު ރަން މެޑަލް އަޅައިގެން ފޮޓޯއެއް ނަގާފައެވެ. އަދި ސޯޝަލް މީޑިއާގައި އެ ފޮޓޯ މިހާރު ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ވަރަށް ފަހަކާ ޖެހެންދެންވެސް މި ދެ ލޯބިވެރިންގެ ވާހަކަ މީޑިއާއާ ހަމައަށް ފާޅުކަން ބޮޑު ގޮތެއްގައި އައިސްފައި ނުވި ނަމަވެސް ފަހަކަށް އައިސް މި ދެލޯބިވެރިން އެއްކޮށް ވަގުތު ހޭދަކުރަނިކޮށް ބައެއް މީހުން ނަގާފައިވާ ސިއްރު ފޮޓޯ ތަކެއް ވަނީ އާންމު ވެފައެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ދެ ލަނޑު ކާމިޔާބުކޮށްފައިވާއިރު އޭނާ ރޭ ކާމިޔާބުކުރި ދެ ލަނޑަކީ ކެރިޔަރުގައި އޭނާ ކާމިޔާބުކުރި 600 ވަނަ ލަނޑެވެ. އަދި އޭނާ ވެގެންގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ތިން ފައިނަލުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށް ވެސް މެއެވެ. މީގެ އިތުރުން ރޮނާލްޑޯއަކީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއެވެ.

comment ކޮމެންޓް