އިނގިރޭސިވިލާތަށް ޓެރަރިސްޓް ހަމަލާތަކެއްދީ 6 މީހުން މަރާލައިފި

ހަމަލާތައް ދިން ސަރަހައްދުގައި ލަންޑަންގެ ފުލުހުން ހަރަކާތްތެރިވަނީ

ލަންޑަން (ޖޫން 4) : އިންގިރޭސި ވިލާތުގެ ލަންޑަން ބުރިޖް ސަރަހައްދަށް ރޭ ދިނީ ޓެރަރިސްޓް ހަމަލާތަކެއް ކަމަށާއި އެ ޙަމަލާތަކުގައި ހަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އިނގިރޭސި ފުލުހުން ބުނެފި އެވެ.

ލަންޑަންގެ ފުލުހުން ބުނި ގޮތުގައި މިހަމަލާތައް ދިނީ ލަންޑަން ބްރިޖް ސަރަހައްދުގައި ދުއްވާފައި ދިޔަ ވެހިކަލެއް މީހުންގެ ގައިގާ ޖައްސައި އެކްސިޑެންޓް ކުރުވައިގެންނާއި އެއަށް ފަހު ލަންޑަންގެ ބޮރޯ މާކެޓް ސަރަހައްދުގައި މީހުންނަށް ވަޅިން ހަމަލާދީގެންނެވެ. މިދެ ހަމަލާއަކީ ވެސް ރާވައިގެންދިން ޓެރަރިސްޓް ހަމަލާތަކެއްކަމަށާއި މިހަމަލާތައް ދިނީ ހަތިޔާރުއަޅައިގެންތިބި ބައެއްކަމަށް ލަންޑަންގެ ފުލުހުން ބުނެ އެވެ.

ހަމަލާތައް ދިންމީހުންނާއި ފުލުހުންނާ ދެމެދު ބަދަލުކުރި ޙަމަލާތަކުގައި އޭގެ ތެރެއިން ތިން މީހަކު މަރުވެފައިވާ އިރު އިތުރުބަޔަކު ފިލާފައިވާ ކަމަށާއި ފިލާފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ލަންޑަންގެ ސިއްޙަތާ ބެހޭ ދާއިރާތަކުން ވަނީ 20 މީހަކު ވަރަށް ބޮޑަށް ޒަޚަމްވެގެން ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްފައިވާކަން ކަށަވަރުކޮށް ދީފަ އެވެ.

މިހަމަލާތައް ލަންޑަނަށް ދީފައިމިވަނީ މީގެ ދެހަފްތާ ކުރިން އިނގިރޭސިވިލާތުގެ ބޮޑު ސިޓީއެއްކަމަށްވާ މެންޗެސްޓާ އަށް މީހަކު އަމިއްލައަށް މަރުވެގެން ދިން ޙަމަލާއެއްގައި 22 މީހުން މަރުވި ހާދިސާއަށް ފަހު އިނގިރޭސިވިލާތަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ކުޑަވެފައިވާކަން އިނގިރޭސި ފުލުހުން ހާމަކޮށްފައި ވަނިކޮށެވެ. މެންޗެސްޓާ އަށް ދިން ޙަމަލާގެ ޒިންމާ އުފުލާފައި ވަނީ އައިއެސް ޖަމާއަތުންނެވެ. އެޖަމާއަތުން ވަނީ މިބާވަތުގެ އިތުރު ހަމަލާތައް އިނގިރޭސިވިލާތަށް ދޭނެކަމުގެ އިންޒާރު ދީފަ އެވެ.

އިނގިރޭސިވިލާތަކީ އަރަބި އެތައް ގައުމެއްގައި މިހާރު ހިނގަމުންދާ ލޭއޮހޮރުވުންތަކާއި ހަނގުރާމަތައް ވުޖޫދަށް ގެނައުމުގެ ފަހަތުގައި އެމެރިކާއާ އެކު އެންމެ މުހިއްމު ދައުރު އަދާކުރި ގައުމުކަމަށް ގިނަ ބަޔަކު ހެކިވެ އެވެ. އައިއެސް ޖަމާއަތާއި އެނޫން ވެސް ހަރުކަށި ޖަމާއަތްތައް އިރާގާއި ސޫރިޔާއާއި ލިބިޔާ ފަދަ ގައުމުތަކުގައި އުފެދުނީ އެގައުމުތަކުގައި ޑިމޮކްރަސީ ގާއިމްކުރުމުގެ ނަމުގައި އެގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް ގަދަބާރުން ވައްޓާލުމަށް އެގައުމުތަކުގެ އިދިކޮޅު ފަރާތްތަކާއި އެމެރިކާއާ ގުޅިގެން އިނގިރޭސިވިލާތް އަދާކުރި ދައުރަށްފަހުގަ އެވެ. އެކަމުގެ ޝިކާރައަކަށް އެގައުމުތަކުގެ ރައްޔިތުން އެންމެ ފުރަތަމަ ވުމަށް ފަހު މިހާރު މިވަނީ ޚުދު އިނގިރޭސީންނަށް ވެސް ސަލާމަތް ނުވެވޭމިންވަރަށް އިނގިރޭސީންގެ ގައުމުގައި އެމީހުންގެ އަމިއްލަ ބިމުގައި ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފަ އެވެ.

އިނގިރޭސިވިލާތަށް ކުރިމަތިވާ ޓެރަރިޒަމްގެ ނުރައްކާތައް ކުރިން ދެނެގަތުމުގައި އެގައުމުގެ ޖާސޫސީ ނިޒާމުވަނީ ފޭލްވެފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް