ރޮނާލްޑޯގެ ރެކޯޑުތަކަކާއެކު ޗެމްޕިއަންސް ލީގު ދިފާއުކުރި ފުރަތަމަ ކްލަބަކަށް ރެއާލް

ޗެމްޕިއަންސް ލީގުގެ ޓްރޮފީ ރެއާލުން އުފުލާލަނީ: ޔުވެންޓަސް އަތުން ރެއާލް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ

ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑުތަކަކާއެކު، 1992 ވަނަ އަހަރު ޔޫރަޕިއަން ކަޕްގެ ނަން، ޔޫއެފާ ޗެމްޕިއަންސް ލީގަށް ރީބްރޭންޑްކުރި ފަހުން އެ މުބާރާތް ދިފާއުކުރި ފުރަތަމަ ކްލަބުގެ ޝަރަފު ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

ވޭލްސްގެ ނޭޝަނަލް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޔުވެންޓަސްގެ މައްޗަށް ރެއާލުން ކުރި ހޯދީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ. މިއީ ރެއާލުން ޗެމްޕިއަންސް ލީގު ހޯދި 12 ވަނަ ފަހަރެވެ. ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ކްލަބަކީ ވެސް ރެއާލެވެ.

މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ރެއާލުން ކުޅުނު ނަމަވެސް، ފުރަތަމަ ދެ ހަމަލާ އުފެއްދީ ޔުވެންޓަސްއިންނެވެ. ޔުވެންޓަސްގެ ގޮންޒާލޯ ހިގުއައިންއާއި މިރަލެމް ޔަނިޗް ފޮނުވާލި ހަމަލާ ވެސް ރެއާލްގެ ކީޕަރު ކޭލާ ނަވާސް ވަނީ މަތަކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ޓްރޮފީ ރެއާލުން އުފުލާލަނީ: ޔުވެންޓަސް އަތުން ރެއާލް މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ އޭޕީ

ރެއާލުން މެޗުގެ ލީޑު ހޯދީ އެ ޓީމުން ފޮނުވާލި ފުރަތަމަ ހަމަލާއިންނެވެ. ޑެނިއެލް ކާވޭހަލް ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ފޮނުވާލި ހަމަލާ، ޔުވެންޓަސް ގޯލުގެ ތިރީ ކަނަށް ވަދެފައިވަނީ ޔުވެންޓަސްގެ ލިއޮނާޑޯ ބޮނޫޗީ ފައިގައި ޖެހިފައެވެ.

ޔުވެންޓަސްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ގޮންޒާލޯ ހިގުއައިން ދިން ބޯޅައަކުން ޔުވެންޓަސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކްރޮއޭޝިއާ ފޯވަޑް މާރިއޯ މަންޒޫކިޗެވެ. ރެއާލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން މަންޒޫކިޗަށް ލިބުނު ބޯޅަ، އޭނާ ވަނީ ރީތިކޮށް ކޮންޓްރޯލް ކޮށްލުމަށްފަހު، އޯވަހެޑެއް ޖަހައި ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ ރެއާލުންނެވެ. ނަތީޖާއެއްގެ ގޮތުން ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށް، ރެއާލުން މެޗުގެ 61 ވަނަ މިނެޓުގައި އަލުން ލީޑު ހޯދިއެވެ. ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސަމީރޯއެވެ. ޔުވެންޓަސްގެ ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ސަމީ ކެދީރާ ފައިގައި ޖެހިފައެވެ.

ޗެމްޕިއަންސް ލީގުގެ ޓްރޮފީ ރެއާލުން އުފުލާލަނީ: ޔުވެންޓަސް އަތުން ރެއާލް މޮޅުވީ 4-1 ލަނޑުން --- ފޮޓޯ/ އޭޕީ

ރެއާލުން ލީޑު ހޯދިތާ ތިން މިނެޓްފަހުން އެޓީމުން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ލޫކާ މޮޑްރިޗް ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރޮނާލްޑޯއެވެ. އެ ލަނޑަކީ ރޮނާލްޑޯގެ ކެރިޔަރުގައި އޭނާ ކާމިޔާބުކުރި 600 ވަނަ ލަނޑެވެ. އަދި ޗެމްޕިއަންސް ލީގުގެ ތިން ފައިނަލުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށް ވެސް ރޮނާލްޑޯ ވަނީ ވެފައެވެ. އަދި މިރޭގެ ދެ ލަނޑާއެކު އޭނާއަކީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއެވެ.

ޔުވެންޓަސްއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ހުއާން ކުއާޑްރާޑޯއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ ބޯޅަ ނެތީސް ރެއާލްގެ ސާޖިއޯ ރާމޯސްއަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.

ރެއާލުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. މާސެލޯ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އުމުރުން 21 އަހަރުގެ މާކޯ އަސެންސިއޯއެވެ. އޭނާ ވަނީ ޔުވެންޓަސްގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

comment ކޮމެންޓް