ވެލެންސިއާ އަތުން މާޒިޔާއަށް މޮޅެއް

ވެޓެރަންސް ކަޕްގައި ވެލެންސިއާ އަތުން މޮޅުވި މާޒިޔާގެ ޓީމު: އެ މެޗުން މާޒިޔާ މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ މާޒިޔާ

މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) ވެޓެރަންސް ކަޕްގައި ކްލަބު ވެލެންސިއާގެ މައްޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު މޮޅުވެއްޖެއެވެ.

އެފްއޭއެމް ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ ބުރުގެ މެޗުގައި ވެލެންސިއާގެ މައްޗަށް މާޒިޔާއިން ކުރި ހޯދީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. ވެލެންސިއާއިން މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން ވަނީ މޮޅުވެފައެވެ. މިއަދުގެ މެޗަކީ މާޒިޔާގެ ފުރަތަމަ މެޗެވެ.

ވެޓެރަންސް ކަޕްގައި މާޒިޔާއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ މާޒިޔާ

މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ނާޒް (އާކޭ) އާއި މުހައްމަދު ޝާޒްލީ (ޝާޒް)އެވެ. މެޗުގެ 18 ވަނަ މިނެޓުގައި އާކޭގެ ލަނޑު ފެނިގެންދިޔައިރު، ޝާޒްގެ ލަނޑު ފެނިގެންދިޔައީ މެޗުގެ 22 ވަނަ މިނެޓުގައެވެ.

ވެޓެރަންސް ކަޕްގެ ފުރަތަމަ ބުރު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ނިއުއާއި، ވެލެންސިއާއާއި، އީގަލްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ޑީއެސްސީ އާއި، ގްރީން ސްޓްރީޓްސް އަދި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ވެޓެރަންސް ކަޕްގައި މާޒިޔާއާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ މާޒިޔާ

ފުރަތަމަ ބުރަށްފަހު ދެ ވަނަ ބުރަށް ދަތުރުކުރާނީ ގްރޫޕް އޭގެ އެންމެ ކުރީގައި އޮންނަ ތިން ޓީމާއި، ގްރޫޕް ބީގެ ކުރީގައި އޮންނަ ދެ ޓީމުގެ އިތުރުން ދެ ގްރޫޕްގެ ފުލުގައި އޮންނަ ދެ ޓީމުގެ މެދުގައި ކުޅޭ ޕްލޭ އޯފް މެޗުން މޮޅުވާ ޓީމެވެ. ދެވަނަ ބުރު ވެސް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

އެ މުބާރާތުގެ ސެމީއަށް ދަތުރުކުރާނީ ދެ ވަނަ ބުރުގެ ގްރޫޕް 1 އަދި ގްރޫޕް 2ގެ އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ. ސެމީގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް 1ގެ އެއްވަނަ އަދި ގްރޫޕް 2ގެ އެއްވަނަ ޓީމެވެ. ދެވަނަ ސެމީގައި ގްރޫޕް 1ގެ ދެވަނަ އަދި ގްރޫޕް 2ގެ ދެވަނަ ޓީމު ބައްދަލުކުރާއިރު، ސެމީގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ސެމީން ބަލިވާ ޓީމާއި ދެވަނަ ސެމީން މޮޅުވާ ޓީމެވެ. މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނީ ފުރަތަމަ ސެމީން މޮޅުވާ ޓީމު އަދި ތިންވަނަ ސެމީން މޮޅުވާ ޓީމަށެވެ.

comment ކޮމެންޓް