ފުވައްމުލަކު ސިޓީގެ ފުރަތަމަ މޭޔަރަކަށް ފަލާހު

ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމަށް އިންތިހާބުވި ފަލާހު --- ސަން ފައިލް ފޮޓޯ

ފުވައްމުލަކު ސިޓީ ކައުންސިލްގެ ފުރަތަމަ މޭޔަރަކަށް އަބްދުﷲ ފަލާހު ޝަރީފް މިއަދު އިންތިހާބު ކޮށްފި އެވެ.

މީގެ ކުރިން ފަލާހު ހުންނެވީ ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގަ އެވެ. މި ދައުރުގައި ފަލާހު އިންތިހާބު ވެފައި ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑިއަށެވެ.

ފަލާހު ފުވައްމުލަކު ކައުންސިލްގެ މޭޔަރުގެ މަގާމަށް އިންތިހާބުކޮށްފައި ވަނީ ކައުންސިލަށް އިންތިހާބުވި ތިން މެމްބަރުން މިއަދު ހުވައި ކުރެއްވުމަށް ފަހު، މޭޔަރާއި ޑެޕިއުޓީ މޭޔަރަކު ހޮވުމަށް ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި ތިން މެމްބަރުންގެ އިއްތިފާގުންނެވެ.

ފަލާހު ކައުންސިލަށް އިންތިހާބުވެފައި ވަނީ އެމްޑީޕީގެ ޓިކެޓުގަ އެވެ. ޑެޕިއުޓީ މޭޔަރު ކަމަށް ހޮވުނީ އެމްޑީޕީ ޓިކެޓުގައި ފުވައްމުލަކު މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މުހައްމަދު ޟިރާރެވެ. ޟިރާރަކީ މީގެކުރިން އެރަށު މިސްކިތްމަގު ކައުންސިލްގެ ރައީސް އެވެ.

ފަލާހާއި ޟިރާރުގެ އިތުރުން ފުވައްމުލަކު ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވަނީ އުތުރު ދާއިރާއިން ޕީޕީއެމް ޓިކެޓްގައި އިންތިޚާބުވި ހަމަދު އަބްދުﷲ އެވެ.

ރައީސް އަބްދުﷲ ޔާމީން މިއަދު ވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި އިދާރާއެއް އުފައްދަވައި، ކުރިން އެރަށުގެ ކޮންމެ އަވަށެއްގައި ހުރި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްގެ އިދާރާ އުވާލައްވައިފަ އެވެ.

ދިހަހާސް މީހުންގެ އާބާދީ ހިމެނޭ ރަށްތަކަށް ސިޓީގެ ދަރަޖަ ދޭއިރު، ފުވައްމުލަކަށް އެ ދަރަޖަ ދީފައި ވަނީ މިދިޔަ އަހަރުގަ ސެޕްޓެމްބަރު މަހު އެވެ.

comment ކޮމެންޓް