މީނާ ހުކުރަށް ދިއުން ވަރަށް ތަފާތު!

ހިޝާން ނުކުޅެދުންތެރިކަން ހުންނަ ކުދީން ގޮވައިގެން ހުކުރަށް ދަނީ -- ސަން ފޮޓޯ

ރުގިއްޔާ އަހުމަދުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅު އަހުމަދު އާޒިމް ހުކުރު ނަމާދަށް ގެންދާނެ މީހަކު ނެތިގެން ރުގިއްޔާއަށް އުފުލަން ޖެހުނު ބުރަ ވަރަށް ވެސް ބޮޑެވެ. ކޮންމެ ހުކުރު ނަމާދަކަށް ދަރިފުޅު ގޮވައިގެންގޮސް އޭނާ ޖެހެނީ ނަމާދު ނިމެންދެން މިސްކިތްދޮށުގައި ހުންނާށެވެ. އެހެން ނޫނީ ދަރިފުޅު ނުކުމެގެން ކޮންމެވެސް އެހެން ތަނަކަށް ހިނގައި ދާނެތީއެވެ.

އެހެން އުޅެމުންދިޔަ ރުގިއްޔާއަށް ލުއިކަމެއް ލިބިގެންދިޔައީ އެޒިންމާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަސައްކަތް ކުރާ އަހުމަދު ހިޝާން ހަވާލުވުމުންނެވެ. އެކަން ރުގިއްޔާ ފާހަގަ ކުރަނީ ޝުކުރުވެރިކަމާއެކުއެވެ.

"ވަރަށް ފަސޭހަ، ހިޝާން އާއި ދިމާވީމަ ގެނެސްދޭނެ ގެޔަށް، އެހެންވެ ވަރަށް ފަސޭހަ،" ރުގިއްޔާ ބުންޏެވެ.

ހިޝާންގެ ހުކުރު ދުވަސް އެހެން މީހުންނާއި ވަރަށްވެސް ތަފާތެވެ. ހެނދުނު ހެނދުނާއި ހޭލައިގެން އޭނާ ގޭގެއަށްގޮސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ފެންވަރުވައި ހުކުރަށް ގެންދަން ތައްޔާރުކޮށްދެއެވެ.

ހިޝާން ނުކުޅެދުންތެރިކަން ހުންނަ ކުދީން ގޮވައިގެން ހުކުރަށް ދަނީ -- ސަން ފޮޓޯ

ހިޝާން ވިދާޅުވި ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ އެ މަސައްކަތް ފެށީ ދީނީ ކަންކަމުގައި އެ ކުދިން ބައިވެރިވުމުގެ ފުރުސަތު ނުލިބޭތީ މައިންބަފައިިންގެ އެ ދުމުގެ މަތިންނެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މައިންބަފައިން ވަރަށް ބޮޑަށް ބޭނުންވޭ ދީނީ ކަންކަމުގައި އެކުދިން ބައިވެރި ކުރަން، އެހެންނަމަވެސް އެކުދިންނަށް ވަރަށް ހަނި ފުރުސަތުތަކެއް މިހުންނަނީ، އެގޮތުން މައިންބަފައިންގެ އެދުމުގެ މަތިން ގެންދަން ފެށީ،" ހިޝާން ވިދާޅުވި އެވެ.

ދެން 10:00 ޖަހާކަންހާއިރު މާލޭގެ އެކިއެކި ސަރަހައްދުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެއް ސަރަހައްދަކަށް އެއް ކުރެއެވެ. އެއަށްފަހު ޓެކްސީއެއްގައި އެންމެން އެކުގައި ހުކުރަށް ގެންދެއެވެ. އެކަމުގައި އޭނާއަށް ގޮންޖެހުންތަކެއް ކުރިމަތިވެއެވެ.

ހިޝާން ނުކުޅެދުންތެރިކަން ހުންނަ ކުދީން ގޮވައިގެން ހުކުރަށް ދަނީ -- ސަން ފޮޓޯ

"ސައިކަލެއްގައި ކުދިން އެއްތަނަކަށް ޖަމާކޮށްފައި ދެން ކާރު ހޯދަން މަގުމަތީ ގިނަ ދަތިތަކެއް ކުރިމަތިވޭ، ބައެއް ޓެކްސީ ޑުރައިވަރުން އޮވޭ ނަމްބަރު ދީފަ ގުޅާލަން، އެމީހުން ވަގުތު އޮންނަ ވަރަކުން އެހީތެރިކަން ވެދޭ، އަދި ބައެެއް ފަރާތްތަކުން ފައިސާއެއް ވެސް ނުނަގާ،" ހިޝާން ވިދާޅުވިއެވެ.

އޭނާގެ ބެލެނިވެރިކަމުގެ ދަށުން ހުރިހާ ކުދިން ހުކުރަށް ގެންގޮސް އަނބުރާ އެކުދިން ގޭގެއަށް ގެނެސް އެކުދިންގެ މައިންބަފައިންނާއި ހަވާލުކުރެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްވެސް ދީނީ ކަންކަމުގައި ބައިވެރި ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ހިޝާން ކުރަމުން އަންނަ މަސައްކަތުގައި އޭނާ މުޖުތަމައުގެ އެހީތެރިކަމަށް އެދެއެވެ.

ހިޝާން ނުކުޅެދުންތެރިކަން ހުންނަ ކުދީން ގޮވައިގެން ހުކުރަށް ދަނީ -- ސަން ފޮޓޯ

"އަޅުގަނޑު ބޮޑަށް އެދެނީ ދުއްވާއެއްޗެއް އެކުދިން ގެންދިއުމަށް، އެކުދިން ގެއަށް ގެންދިއުމަކީ ފަސޭހަ ކަމެއް ނޫން، ވާރެވެހެންޏާ ވާރޭގަ ގެންދަން މިޖެހެނީ، އެކަމަށް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވޭ،" ހިޝާން ވިދާޅުވި އެވެ.

comment ކޮމެންޓް