އެކްސިޑެންޓްވި ލޯންޗާއި ފަސެންޖަރުންގެ ގެއްލުންތައް ކަވާކޮށްދޭނަން: ސެލިންކޯ

ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރު ކުރި އުޅަނދެއް ރީތިރަށް ރިސޯޓް ކައިރީ އަޅާފައި އޮތް އުޅަނދެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއްވެ ގިނަ ބަޔަކު ޒަހަމްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން 14 މީހުންނާ އެކު ދަތުރުކުރަނިކޮށް މިދިޔަ ހަފްތާގައި އެކްސިޑެންޓްވި "ނޫރު 6" ލޯންޗާއި އެލޯންޗުން ދަތުރުކުރި ފަސިންޗަރުންނަށް ލިބުނު ގެއްލުންތައް ކަވަރުކޮށްދޭނެ ކަމަށް ސެލިންކޯ އިންޝުއަރެންސް މޯލްޑިވްސް އިން ބުނެފި އެވެ.

ސަމާ އައިލެންޑްގެ ލޯންޗް "ނޫރު 6" ވަނީ ސެލިންކޯ އިން "މެރައިން ކޮމްޕްރެހެންސިވް" އިންޝުއަރެންސްކޮށްފަ އެވެ. އެއިންޝުއަރެންސްގެ ދަށުން އުޅަނދު 180000 ޑޮލަރާ ހަމައަށް ކަވަރުކޮށްދޭ އިރު އެއަދަދަށް ފަސިންޖަރުންނަށްވާ ގެއްލުންތައް ވެސް ކަވަރުކޮށްދެ އެވެ.

ސެލިންކޯ މޯލްޑިވްސްގެ ސީއީއޯ އަސޯކާ ބަންޑާރަ މިއަދު ސަން އަށް ވިދާޅުވީ އެކްސިޑެންޓް ހިނގުމާ އެކު އެކުންފުނީގެ ޓެކްނިކަލް ޓީމްއިން ގޮސް ގެއްލުންތައް ވަނީ ބަލާފައި ކަމަށާއި އެ ގެއްލުންތައް ވަރަށް އަވަހަށް ކަވާކޮށްދޭނެ ކަމަށެވެ.

"އާންމުކޮށް މިއީ ދުވަސްވާ ކަމެއް، ދެ މަސް ތިން މަސްވާކަމެއް، އެކަމަކު އަޅުގަނޑުމެން ވާނީ އެރޭ އެކަން ބަލާފައި، ގެއްލުންތައް ވަނީ ދެނެގަނެފައި،" އަސޯކާ ވިދާޅުވި އެވެ.

އެ އެކްސިޑެންޓްގައި 14 މީހަކަށް ޒަހަމްވެފައިވާ އިރު، 11 މީހަކަށް ވަނީ އޭޑީކޭ އިން ފަރުވާދީފަ އެވެ.

އޭގެ ތެރެއިން ދެ މީހެއް ތިބީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އެ ދެމީހުންގެ ތެރެއިން އެކަކުގެ އެތެރެހަށީގެ ގުނަވަންތަކަށް ލޭ އެޅިފައިވާ އިރު، ދެވަނަ މީހާގެ ބޮލަށް ލިބުނު ގެއްލުމަށް މިހާރު ވަނީ ސާޖަރީ ވެސް ހަދައިފަ އެވެ.

އެއެކްސިޑެންޓްގައި ނޫރު 6 ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، އެކްސިޑެންޓްވި ދޯނި ދުއްވަން އިން ކައްޕި އާއި އޭގައި ތިބި ހަތަރު ބިދޭސީ ފަޅުވެރިން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ދޯނީގެ ކައްޕި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް 10 ދުވަހަށް މުއްދަތު ޖަހާފައިވާ އިރު، ހަތަރު ބިދޭސީ ފަޅުވެރީންގެ ވީސާގައި މައްސަލަ އުޅޭތީ އެމީހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް