ކޭބީސީގެ ނުވަ ވަނަ ސީޒަންގެ ހޯސްޓަކީ ވެސް އަމީތާބް!

ސޮނީ ޗެނަލް އިން ދެއްކުމަށް ހަމަޖެހިފައިވާ ގޭމް ޝޯވ، ކޯން ބަނޭގާ ކްރޯރްޕަތީ (ކޭބީސީ)ގެ ނުވަ ވަނަ ސީޒަނު ހުށަހަޅައިދޭނީ މެގަ ސްޓަރ އަމީތާބް ބައްޗަން ކަމަށް އޭނާ ބުނެފިއެވެ.

ޓުވިޓާ މެދުވެރިކޮށް އަމީތާބު އެ ޚަބަރު ހިއްސާ ކޮށްފައި މިވަނީ، ކޭބީސީގެ ކުރިއަށް އޮތް ސީޒަނުގައި ހޯސްޓުގެ ގޮތުގައި ފެނިގެން ދާނީ މާދުރީ ޑިކްޝިޓް އަދި އައިޝްވާރްޔާ ރާއީ ބައްޗަން ކަމަށް ރިޕޯޓުތައް ބުނަމުން ދަނިކޮށެވެ.

އަމީތާބް މިހާރު ވަނީ އެ ޝޯވ އަށް 'ލުކް ޓެސްޓް' ވެސް ހަދައިފަ އެވެ. އަދި ޝޯވގެ ޕްރޮމޯޝަން ވީޑިއޯ ވެސް ވަނީ ޝޫޓުކޮށް ނިމިފައެވެ.

ކޭބީސީއަކީ އެ ޝޯގައި ކުރެވޭ ހުރިހާ ސުވާލަކަށް ރަނގަޅު ޖަވާބު ދީގެން މިލިއަނަރަކަށް ވުމުގެ ފުރުސަތު ލިބޭ ޝޯވ އެކެވެ. ޝޯވ ގެ ނުވަ ވަނަ ސީޒަން ޓީވީ އިން ދައްކަން ފަށާނީ އަންނަ އޯގަސްޓު އަދި ސެޕްޓެމްބަރު މަހުއެވެ.

ދެހާސް ވަނަ އަހަރު ޝޯވގެ ފުރަތަމަ ސީޒަން ވެސް ހޯސްޓު ކުރީ އަމީތާބެވެ. އަދި އަމީތާބު ވަނީ އެންމެ ސީޒަނެއް ފިޔަވައި، ކޭބީސީގެ ހުރިހާ ސީޒަނެއް ހުށަހަޅައިދީފައެވެ. ކޭބީސީ 3 ހުށަހަޅައިދިނީ ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާންއެވެ.

ކޭބީސީގެ އަށް ވަނަ ސީޒަން ގެނެސްދީފައި ވަނީ 2014 ވަނަ އަހަރުއެވެ.

comment ކޮމެންޓް