ލޯންޗް އެކްސިޑެންޓްގައި ޒަހަމްވި ތިންމީހަކު އަދިވެސް އޮތީ އައިސީޔޫގައި: އޭޑީކޭ

އެކްސިޑެންޓުގައި ޒަހަމްވި މީހަކު އޭޑީކޭއަށް ވައްދަނީ --- ސަން ފައިލް ފޮޓޯ

ލޯންޗަކާއި ދޯންޏެއް ޖެހި މީގެ ދެ ދުވަސް ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވި މީހުންގެ ތެރެއިން އެކަކު އަދިވެސް އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އޭޑީކޭ އިން ބުނެފި އެވެ.

އެ އެކްސިޑެންޓުގައި ޖުމްލަ 14 މީހަކަށް އޭޑީކޭ އިން ވަނީ ފަރުވާ ދީފަ އެވެ. އޭގެ ތެރެއިން ދެ މީހަކަށް ލިބިފައިވާ ސީރިއަށް ޒަހަމްތަކުގެ ސަބަބުން ސާޖަރީ ހަދާފައިވާ އިރު، އެ ދެ މީހުންނަށް ފަރުވާދެމުން އައީ ވެންޓިލޭޓަރުގެ އެހީގައެވެ. އަދި ހާލު ދެރަވި އިތުރު އެކަކަށް އައިސީޔޫގައި ފަރުވާ ދެއެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް "ސަން" އަށް ވިދާޅުވީ، އެކްސިޑެންޓުގައި ޒަހަމްވެގެން ސީރިއަސްވި ތިން މީހަކަށް އައިސީޔޫގައި ފަރުވާ ދިންއިރު، އެތަނުން އެކަކު އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. ދެން ވެންޓިލޭޓަރުގައި ފަރުވާދިން މީހާ މިހާރު ވެންޓިލޭޓަރާ ވަކިކޮށްފައިވާ ކަމަށް އައްފާލް ވިދާޅުވި އެވެ.

އައްފާލް ވިދާޅުވީ މިހާރު ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަނީ އެކްސިޑެންޓުގައި ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބުނު މީހާއަށެވެ. ވެންޓިލޭޓަރު ނައްޓާލާފައި ވަނީ އެތެރޭގެ ގުނަވަންތަކަށް ގެއްލުން ލިބިގެން ސާޖަރީ ހެދި މީހާ ކަމަށާއި އެ ދެ މީހުންނާ އެކު އިތުރު އެކަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އައްފާލް ވިދާޅުވީ މިވަގުތު އޭޑީކޭގައި ފަރުވާދެމުން އަންނަނީ އެކްސިޑެންޓުގައި ޒަހަމްވި މީހުންގެ ތެރެއިން ނުވަ މީހަކަށެވެ. އެއީ އެޗްޑީޔޫގައި ތިބި ދެ މީހުންނާއި ވޯޑްގައި ތިބި ހަތަރު މީހުންނާއި އައިސީޔޫގައި ތިބި ތިން މީހުން ކަމަށެވެ.

އައްފާލް ވިދާޅުވީ ވެންޓިލޭޓަރުގައި އޮތް މީހާ ރަނގަޅުވާން އަދި ވަގުތު ނަގާނެ ކަމަށާއި ކުރިއާ އަޅާ ބަލާއިރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން، އެ ރިސޯޓްގެ 15 ސްޓާފުންނާ އެކު ދަތުރުކުރި އެ ލޯންޗް އެކްސިޑެންޓްވީ ރީތިރަށް ރިސޯޓް ކައިރީ އަޅާފައި އޮތް ދޯންޏަކާ އެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވީ އެ ދޯނި އަޅާފައި އޮތް އިރު އޭގައި އެއްވެސް އަލިކަމެއް ނެތުމުން ލޯންޗުގެ ކައްޕިއަށް ދޯނި ނުފެނިގެންނެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ އެކްސިޑެންޓުގައި ދެފަރާތުގެ ވެސް އިހުމާލުވާ ކަމަށެވެ.

ފުލުހުން މިހާރު ވަނީ އެ ދޯނީގެ ކައްޕިއާ އެކު ހަތަރު ފަޅުވެރިން ވެސް ހައްޔަރުކޮށްފަ އެވެ. ދޯނީގައި ތިބި ހަތަރު ބިދޭސީންގެ ވިސާގެ މައްސަލަ އުޅޭތީ އެ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ އިރު، އެމީހުން ޑީޕޯޓްކޮށްލަން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް