އީގަލްސް އަތުން ވެސް ނިއު ބަލިވެއްޖެ

ވެޓެރަންސް ކަޕްގައި ނިއުއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އީގަލްސް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ ނިއު ރޭޑިއަންޓް

ވެޓެރަންސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

އެފްއޭއެމް ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) ވެޓެރަންސް ކަޕްގެ ފުރަތަމަ ބުރުގެ ގްރޫޕް އޭގެ މެޗުގައި ކްލަބު އީގަލްސް އަތުން ނިއު ބަލިވެފައިވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ. ނިއު ކުޅުނު ފުރަތަމަ މެޗުގައި އެޓީމު ވަނީ ކްލަބު ވެލެންސިއާ އަތުން ވެސް ބަލިވެފައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ދެ ޓީމުގެ ލަނޑުތައް ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ތެރޭގައެވެ. މެޗުގެ 19 ވަނަ މިނެޓުގައި ނިއުއަށް ހުސައިން ރަޝީދު ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 30 ވަނަ މިނެޓުގައި މުހައްމަދު ޒިޔާދު ވަނީ އީގަލްސްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އީގަލްސްއަށް ލީޑު ލިބުނީ ނިއުގެ އަލީ ރިޒާ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މިއަހަރުގެ ވެޓެރަންސް ކަޕްގައި މިހާތަނަށް ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ނިއުގެ މައްޗަށް 3-0 ލަނޑުން ވެލެންސިއާ މޮޅުވިއިރު، އިއްޔެ ހަވީރު ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އާއި ކްލަބު ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.

ވެޓެރަންސް ކަޕްގެ ފުރަތަމަ ބުރު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ނިއުއާއި، ވެލެންސިއާއާއި، އީގަލްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ގްރޫޕް ބީގައި ހިމެނެނީ ޑީއެސްސީ އާއި، ގްރީން ސްޓްރީޓްސް އަދި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.

ފުރަތަމަ ބުރަށްފަހު ދެ ވަނަ ބުރަށް ދަތުރުކުރާނީ ގްރޫޕް އޭގެ އެންމެ ކުރީގައި އޮންނަ ތިން ޓީމާއި، ގްރޫޕް ބީގެ ކުރީގައި އޮންނަ ދެ ޓީމުގެ އިތުރުން ދެ ގްރޫޕްގެ ފުލުގައި އޮންނަ ދެ ޓީމުގެ މެދުގައި ކުޅޭ ޕްލޭ އޯފް މެޗުން މޮޅުވާ ޓީމެވެ. ދެވަނަ ބުރު ވެސް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

އެ މުބާރާތުގެ ސެމީއަށް ދަތުރުކުރާނީ ދެވަނަ ބުރުގެ ގްރޫޕް 1 އަދި ގްރޫޕް 2ގެ އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ. ސެމީގެ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް 1ގެ އެއްވަނަ އަދި ގްރޫޕް 2ގެ އެއްވަނަ ޓީމެވެ. ދެވަނަ ސެމީގައި ގްރޫޕް 1ގެ ދެވަނަ އަދި ގްރޫޕް 2ގެ ދެވަނަ ޓީމު ބައްދަލުކުރާއިރު، ސެމީގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ސެމީން ބަލިވާ ޓީމާއި ދެވަނަ ސެމީން މޮޅުވާ ޓީމެވެ. މުބާރާތުގެ ފައިނަލުން ޖާގަ ލިބޭނީ ފުރަތަމަ ސެމީން މޮޅުވާ ޓީމު އަދި ތިންވަނަ ސެމީން މޮޅުވާ ޓީމަށެވެ.

comment ކޮމެންޓް