ޗެމްޕިއަންސް ލީގު މެޗުތައް ހަފްތާ ބަންދުގައި ނުކުޅޭ ސަބަބު!

ޗެމްޕިއަންސް ލީގުގެ ޓްރޮފީ --- ފޮޓޯ/ އޭޕީ

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ކްލަބް ފުޓްބޯޅަ މުބާރާތަކީ ޔޫއެފާ ޗެމްޕިއަންސް ލީގެވެ. އެހެން ނަމަވެސް މި މުބާރާތުގެ މެޗުތައް ހަފްތާ ބަންދާ ދިމާކޮށް ނުބާއްވަނީ ކީއްވެތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭނޭ ސުވާލެކެވެ. މި ސުވާލުގެ ޖަވާބު، މުބާރާތް އިންތިޒާމުކުރާ ފަރާތުން މިވަނީ ދީފައެވެ.

ޔޫއެފާއިން ވަނީ ބުރާސްފަތި ދުވަހު، ކާޑިފްގައި ޔޫއެފާ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެވެ. އަދި އެ ބައްދަލުވުމާ ގުޅިގެން ބައެއް މީޑިއާ ތަކުގައި، 2021 ވަނަ އަހަރަށް ފަހު ޗެމްޕިއަންސް ލީގެ ނޮކްއައުޓް ބުރުގެ މެޗުތައް ހަފްތާ ބަންދަށް ބަދަލުކުރާނޭ ކަމުގެ ވާހަކަތަކެއް ފެތުރިގެން ދިޔައެވެ. އެހެން ނަމަވެސް އެފަދަ މަޝްވަރާތަކެއް ނުކުރެވޭކަމަށް ޔޫއެފާއިން ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގެ ފޯމެޓް މިހާރު ހަމަޖެހިފައިވާ ގޮތުން އެ މުބާރާތުގެ ފައިނަލް މެޗު ފިޔަވައި އެހެން މެޗުތައް ކުޅެނީ، އަންގާރަ އަދި ބުދަ ދުވަހުއެވެ. ފައިނަލް މެޗު ކުޅެނީ ހޮނިހިރު ދުވަހުއެވެ.

"އަހަރެމެން މަޝްވަރާއެއް ނުކުރަން، ޗެމްޕިއަންސް ލީގު މެޗުތައް ހަފްތާ ބަންދުގައި ކުޅޭކަށް،" ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ މެޗުތައް ހަފްތާ ބަންދަށް ބަދަލުކުރާން ހަމަޖެހިފައި ނުވާކަން ހާމަކުރަމުން އެ ޖަމިއްޔާގެ ޕްރެޒިޑެންޓް އެލްގްސެންޑަރ ސެފެރިން ވިދާޅުވިއެވެ.

ޔޫރަޕްގެ ހަފްތާ ބަންދުކަމަށްވާ ހޮނިހިރު އަދި އާދީއްތަ ދުވަހަކީ، ޔޫރަޕްގެ އެންމެ ބޮޑު އެއް ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއަރ ލީގުގެ މެޗުތައް ކުޅޭ ދެދުވަހެވެ. އެހެންކަމުން، ޗެމްޕިއަންސް ލީގު މެޗުތައް އެ ދެދުވަހު ބާއްވާ ނަމަ، ޕްރިމިއަރ ލީގު މެޗުތަކާ ފުށުއެރުން އެއީ އެކަށީގެން ވާކަމެކެވެ. ހަމައެހެންމެ ޗެމްޕިއަންސް ލީގު ފައިނަލް ކުޅެނީ ޕްރިމިއަރ ލީގު ނިމޭ ފަހުންނެވެ.

ސެފެރިން ވިދާޅުވީ، ޔޫއެފާ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް، ޕްރިމިއާ ލީގުގެ ޗެއާމަން، ރިޗަޑް ޝޫޑަމޯއާއެކު މަޝްވަރާކުރެވުނީ، ޔޫއެފާއާ ވީހާވެސް ބޮޑަށް ގުޅިގެން ޕްރިމިއަރ ލީގު ކުރިއަށް ގެންދިއުމަށް ކަމަށާއި، އަދި ޝޫޑަމޯގެ ވިސްނުންވެސް ހުރީ ހަމަ އެގޮތަށް ކަމަށެވެ.

comment ކޮމެންޓް