އާއިލާއަށް ވަގުތު ދިނުމަށާއި އެއްކޮށް، މުޖޭ ހާއްސަވީ ކުޅިވަރަށް!

ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް އަހްމަދު މުޖުތަބާ (މުޖޭ) ---

ހޭންޑްބޯޅައަކީ މިހާރު ރާއްޖޭގައި އެންމެ ބާރު ދުވެލީގައި ކުރިއަރަމުންދާ އެއް ކުޅިވަރެވެ. އެ ކުޅިވަރަކީ ރާއްޖެއަށް ކިތަންމެ ޅަ ކުޅިވަރެއް ކަމުގައިވިޔަސް، އެ ކުޅިވަރު ކުރިއަރައިގެން ދިޔައީ ހީނުކުރާހާ ވަރަށްވުރެ ބާރަށެވެ. އޭގެ ފަހަތުގައި ގިނަ ބައެއްގެ ދައުރު ފާހަގަކޮށްލެވެ އެވެ. ހާއްސަކޮށް މިހާރު ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ އަހްމަދު މުޖުތަބާ (މުޖޭ)ގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ.

މުޖޭއަކީ ކުޅިވަރަށް ހުރި ލޯތްބެއްގެ ސަބަބުން ހަޔާތުގެ ވަކި ހިސާބަކުން ކުޅިވަރަށް މުޅިން ހުސްކޮށްލި ބޭފުޅެކެވެ. ސަރުކާރުގެ ވަޒީފައެއްގައި އުޅުނެވެ. ޕްރައިވެޓް ކުންފުންޏެއްގެ ވެސް ވަޒީފާއެއް ވެސް އަދާކުރި އެވެ. ނަމަވެސް އެ ވަޒީފާތަކުގައި އުޅެމުން އާއިލާއަށް ވަގުތު ނުދެވޭތީ މުޖޭ އިހުތިޔާރުކުރީ ކުޅިވަރަށް ހިދުމަތްކޮށްދިނުމަށެވެ.

އާލިއާ ސްކޫލްގައި ތައުލީމު ހާސިލުކުރުމަށް ފަހު މުޖޭ އެންމެ ފުރަތަމަ ވަޒީފާއެއްގެ ގޮތުގައި ހިޔާރުކުރީ ކަސްޓަމްސް އެވެ. ކަސްޓަމްސްގައި ހަތަރު އަހަރު އުޅެފައި ޔުނިވާސަލްގެ ޝިޕިންގް ކޮމްޕެނީގެ ވަޒީފާއެއްގައި ދިހަ އަހަރު ހޭދަކުރި އެވެ. ނަމަވެސް މައްސަލައަކަށް ވެގެންދިޔައީ ގިނަ ވަގުތުތަކެއްގައި ވަޒީފާގައި އުޅެން ޖެހުމެވެ. އާއިލާއަށް ވަގުތު ދިނުމަށް ޓަކައި އެހެން ގޮތަކަށް ވިސްނަން މުޖޭއަށް މަޖޫބޫރުވެގެންދިޔަ އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް އަހްމަދު މުޖުތަބާ (މުޖޭ) ---

"އޭރުގައި ވެސް ވާގޮތަކީ ހެނދުނު ހަތެއް ޖަހާއިރު ވަޒީފާއަށް ދާގޮތަށް މެންދަމު 12 ޖަހަންދެން ވަޒީފާގައި އުޅެންޖެހެނީ. އާއިލާއާ ވަރަށް ދުރުވެގެންދޭ. އާއިލާއަކަށް ވަގުތެއް ނުދެވޭ އަޅުގަނޑަކަށް. އެހެންވީމާ އަޅުގަނޑު ހިތަށްއެރީ އާއިލާއަށް ވަގުތުނުދެވެންޏާ އެންމެ ރަނގަޅު ގޮތަކީ ކޮންމެވެސް އެހެން ކަމެއްގެ ތެރެއަށް ވަދެގަންނާނީއޭ. އެހެންވީމާ ކުޅިވަރު އަޅުގަނޑު އިހުތިޔާރުކުރީ. އެގޮތުން މަޑުމަޑުން އަޅުގަނޑު ފުޓްބޯޅަ ކޯޗިން ހަދަމުންއައިސް ފުޓްބޯޅަ ކޯޗިންގެ ތެރޭގައި އަޅުގަނޑު މަސައްކަތްކުރީ،" 'ސަން ސްޕޯޓްސް'އަށް ދިން އިންޓަވިއުއެއްގައި މުޖޭ ވިދާޅުވި އެވެ.

ކުޅިވަރަށް ހިދުމަތްކުރުމަށް ވަގުތު ހުސްކޮށްލުމަށް ފަހު މުޖޭ ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ދާއިރާގައި މަސައްކަތްކޮށްފަ އެވެ. އޭރު ފުޓްބޯޅަ ތެރޭގައި އުޅެމުންދަނިކޮށް، ހޭންޑްބޯޅައިގެ ހިޔާލު މުޖޭއަށް ލިބުނީ ކޮފީއަކުން ދެކެވުނު ވާހަކަތަކެއްގެ ތެރެއިންނެވެ.

ކޮންމެ ތަނަކަށް ނުކުމެވެގެންވިޔަސް ބޭނުންވީ ހޭންޑްބޯޅަ އާލާކުރަން!

އާ ކުޅިވަރެއް އާލާކޮށް، ތަރައްގީކުރެވޭނީ ވަރަށްގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. ކުޅިވަރެއް ތަރައްގީ ކުރެވޭނީ ގިނަ ބައެއްގެ އެހީތެރިކަމާއެކީ އެވެ. ހަތަރު ވަރަކަށް މީހަކަށް ކުޅިވަރެއް އާލާކުރަން އުނދަގޫވާނެ އެވެ. އެކަމަށް ކުޅިވަރުގެ ޝަހުސިއްޔަތުންގެ އެހީ ބޭނުންވާނެ އެވެ. އެގޮތުން ހޭންޑްބޯޅަ ކުރިއެރުވުމަށް މިހާރުގެ ރައީސް، އަހްމަދު އިސްމާއިލްގެ އެހީއަށް އެދެން ޖެހުނެވެ.

އެސޯސިއޭޝަންގެ އިދާރީ ހިންގުމާ އެކަމާ ހަވާލުވާނެ މީހުން މަދުކަމާ އެކު ކަންކަމާ 'ގަޓުހުރި' މީހެއް ބޭނުންވެގެން އަހްމަދު އިސްމާއިލްގެ އެހީއަށް އެދުނެވެ. ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީއޭ)އިން އަހްމަދު އިސްމާއިލް ވަކިވެ، ހޭންޑްބޯޅައާ ގުޅުމުން މުޖޭއާ އެކު ހަރަކާތްތެރިވި ފަރާތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް އަހްމަދު މުޖުތަބާ (މުޖޭ) ---

"އެހިސާބުން އަޅުގަނޑުމެންނަށް ހިތްވަރެއް ލިބުނު. ކުޅިވަރުގައި އެހާ ގިނަދުވަހު މަސައްކަތްކޮށްފައި ހުރި ތަޖުރިބާކާރަކާ އެކު މަސައްކަތްކުރަން ލިބުނީމަ، އެންމެންނަށް ވަރަށް ބޮޑަށް ހިތްވަރެއް ލިބި މިކަމުގައި ކާމިޔާބެއް ލިބޭނެކަމުގެ މަގު ފަހިވެގެންދިޔަ. އަހްމަދު އިސްމާއިލްގެ އޭރުގެ ވިސްނުމަކީ ހިނގާށޭ މަގުމަތީގައި ވެސް ކުޅެން ފަށަން. މަޖީދީމަގުގެ ތަންކޮޅެއްގައި ކުޅެން ފެށީމާ ޕޮލިހުން އައިސް ބާލާނެއޭ. އަނެއްކާ އަނެއް ދިމާލަކަށް އަރާނީއޭ. އަނެއްކާ އަނެއްދުވަހު ބާލާނެއޭ. ސަރުކާރަށް ވެސް އުނދަގޫވެގެން ކޮންމެވެސް ތަންކޮޅެއް ދޭނެއޭ. ކޮންމެވެސް ދުވަހެއް އަންނާނެއޭ، ކޮންމެވެސް ގޮތެއް އޮންނާނެއޭ. ނޫނީ އެސޯސިއޭޝަން އުވާލާނެއޭ. ދެކޮޅުންކުރެ ކޮންމެވެސް އެއްކޮޅެއް ޖެހޭނެއޭ. އެ ވިސްނުން އޭރުގައި ގެންގުޅުނީ،" މުޖޭ ވިދާޅުވި އެވެ.

ކުރިން ޖެނެރަލް ސެކްރެޓަރީ އަދި މިހާރު ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް މުޖޭ ވިދާޅުވީ، އެގޮތަށް އޭރު ވާހަކަ ދެކެވުނަސް މަގުމައްޗަށް ނާރާ ކަމަށާއި މާލޭގައި ހުސްހެން ހީވާ ސަރަހައްދުތަކަށް އެކިއެކި ގްރޫޕްތައް ގޮވައިގެން ނުކުމެ ކުޅެލާ އުޅުމުގެ ތެރޭގައި ހޭންޑްބޯޅަ ވައިގަ ހިފި ކަމަށެވެ. އަދި މިހާރު ގައުމީ ޓީމުތައް އުފެދި ކްލަބުތައް އުފެއްދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޭންޑްބޯޅަ މޯލްޑިވްސް އުފެދުނީ ކިހިނެތް؟

ހޭންޑްބޯލް މޯލްޑިވްސް އުފެއްދުމުގެ ހިޔާލު މުޖޭއަށް ދިނީ ހޭންޑްބޯޅާގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ޝާން (ބަދަވީ ޝާން) އެވެ. އޭރު ކޮފީއަކުން އެ ވާހަކަތަކަށް ދެކެވުނުއިރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކުރީގެ ގޯލްކީޕަރު އިބްރާހިމް ރަޝީދު (ރެޖީނާ އިބުރެ) ވެސް ބައިވެރިވި އެވެ. އޭރު މުޖޭއަށް ޝާން ދިން ހިޔާލަކީ ހޭންޑްބޯޅައަކީ ރާއްޖޭގައި ކުރިއެރުވިދާނެ ކުޅިވަރެއް ކަމެވެ.

އޭރު އެމްއެންޑީއެފްގައި ޝާން މަސައްކަތްކުރަމުންދާތީ އޭނާއަށް އެކަމުގައި އަމަލީގޮތުން ބައިވެރިވެވޭނެ ގޮތެއް ނެތެވެ. އެހެންކަމުން 2007 ވަނަ އަހަރު އެސޯސިއޭޝަން ރަޖިސްޓްރީކުރީ މުޖޭއާއި ރެޖީނާ އިބުރެ އަދި ޒަރީރުއާ ތިން މީހުން ވެގެންނެވެ. އެއަށް ފަހު އެންމެ ބޮޑަށް މަސައްކަތްކުރީ ހޭންޑްބޯޅަ ކުޅެވޭނެ ތަނެއް ހޯދުމެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް އަހްމަދު މުޖުތަބާ (މުޖޭ) ---

އޭރުއްސުރެ ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު ހޭންޑްބޯޅަ ކުޅެވޭނެ ތަނެއް ލިބިދާނެކަމުގެ ފެހި ސިގްނަލެއް ލިބިގެންދިޔައީ ދާދި ފަހުންނެވެ. އެސޯސިއޭޝަން އުފެއްދުމުގައި އިބްރާހިމް އިސްމާއިލްގެ ހިތްވަރު ލިބިގެންދިޔައިރު އެމްއެންޑީއެފްގެ ތެރެއިން މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ އަހްމަދު ޝިޔާމްގެ އެހީތެރިކަން ވެސް ލިބިގެންދިޔަ އެވެ.

ހޭންޑްބޯޅައަކީ ވުޖޫދުގައި އޮތް ކުޅިވަރެއްކަން ވެސް މުޖޭއަށް ކުރިން ނޭނގޭ!

މުޖޭއަކީ ކުރިން ހޭންޑްބޯޅަ ކުޅުނު ފަރާތެއް ވެސް ނޫނެވެ. އާލިއާ ސްކޫލުގައި ތައުލީމު ހާސިލްކުރަމުގެ ތެރޭގައި ގިނަ ކުޅިވަރުތަކެއް ކުޅުނުއިރު ވެސް ހޭންޑްބޯޅައަކީ ކޮބައިކަމެއް ނޭނގެ އެވެ. ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ އެ ސްކޫލުގެ ދަރިވަރުންނާ އެކު އެކި ކުޅިވަރުގެ ތަޖުރިބާ މުޖޭއަށް ލިބިގެންދިޔަ އެވެ.

"އަޅުގަނޑު އަސްލު ހޭންޑްބޯލެއް ނުކުޅެން. އަޅުގަނޑު ކިޔަވާ ނިމުނީ އާލިއާ ސްކޫލުން. އާލިއާ ސްކޫލަކީ ވަރަށް ފްރެންޑްލީ މާހައުލެއްގައި ވަރަށް މަދު ކުދިންކޮޅެއް އުޅޭ، ވަރަށް މަޖާކުރާ ސްކޫލެއް. މުޖާކުރެއޭ މިބުނަނީ އެކި ގްރޭޑްތައް އޮންނައިރު ވެސް އެންމެން އެކުގައި އުޅޭނީ. އާލިއާ ސްކޫލްގައި ތިބި ކުދިންގެ މެދުގައި ވަރަށް ޓީމް ވޯކް އޮންނާނެ. އޭރުގައި އަޅުގަނޑުމެންގެ ވިސްނުމަކީ ޖެހުނުހާ ކުޅިވަރެއް ކުޅުން،" އޭނާ ވިދާޅުވި އެވެ.

މުޖޭ ވަނީ ކުރިން ގައުމީ ކްރިކެޓް މުބާރާތުގައި ކުޅެ، ތިންވަނަ އަދި ދެވަނަ ޑިވިޝަންގައި ފުޓްބޯޅަ ވެސް ކުޅެފަ އެވެ. އޭގެ އިތުރުން ގިނަ ކޯޗިން ކޭމްޕެއް ފުރިހަމަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބާސްކެޓާއި ވޮލީގެ އިތުރުން އެހެން ކުޅިވަރުތައް ވެސް ހިމެނެ އެވެ.

"އަޅުގަނޑަކީ ހޭންޑްބޯޅަ ކުޅުނު މީހެއް ނޫން، ޕްރެކްޓިސް ކުރި މީހެއް ނޫން. އެކަމަކު މީގެ ގަވާއިދުތައް ދަސްކުރުމާ ކަންތައްތަކުގައި އަޅުގަނޑަށް ވަރަށް ކުރިއެރުން ލިބުނު. ރެފްރީކަން ކޮށްފައި ފޭބީމަ ގޯސް ކަންތައްތައް ކިޔައިދޭން އެނގޭ މިންވަރަށް އަޅުގަނޑު ބޭރުގައި އިނދެގެން ބަލާފައި ބުނެދެވޭނެ މިންވަރަށް އަޅުގަނޑަށް ގަވާއިދު އެނގިއްޖެ. އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގައި ގަވާއިދުތަކަށް ގެންނަ އިސްލާހުތަކަށް ބަސް ބުނަން އެނގޭހާ ހިނދަށް އެ ގަވާއިދުތައް އެނގިއްޖެ. އެހެންވީމާ އެއީ އަޅުގަނޑަށް މީގެ ތެރެއަށް ވަދެވިފަ އޮތް މިންވަރު ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ." އޭނާ ވިދާޅުވި އެވެ.

މުޖޭއަކީ ކުޅިވަރުގައި ނަމޫނާ ބޭފުޅެކެވެ. ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު، އެއްވަނަ ކުޅިވަރެއްގެ ގޮތުގައި ހޭންޑްބޯޅަ ހިޔާރުކުރި އެވެ. ސަބަބަކީ ހޭންޑްބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމަށް ވަގުތު ދިނުމަށެވެ. މިވަގުތު އެންމެ އިސްކަމެއް ދެނީ ވެސް ހޭންޑްބޯޅަ ކުރިއެރުވުމަށެވެ. މުޖޭއަކީ ހޭންޑްބޯޅަ ކުރިއެރުވުމުގެ "ހީރޯ"އެކެވެ.

comment ކޮމެންޓް