ޕީޕީއެމްގެ ދިދަ ބޭނުންކޮށްފައިވާނަމަ، އެކަންކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން: ފާރިސް

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން --- ސަން ފައިލް ފޮޓޯ

ޕީޕީއެމްގެ ދިދަ ބޭނުންކޮށްފައިވާނަމަ އެކަން ކޮށްފައިވާނީ ގާނޫނީ ހަމަތަކުގެމަތިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސް އެހެން ވިދާޅުވީ ރޭ 9:30 ގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގެން ތަހުގީގު ޓީމުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެންނެވުމުން ފާރިސް ވިދާޅުވީ މިރޭ އޭނާ ހާޒިރުކުރީ ޕީޕީއެމްގެ ދިދަ އޭނާ ބޭނުންކުރި ކަމަށް ބުނެ ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގައި ސުވާލު ކުރުމަށް ކަމަށެވެ.

"އަޅުގަނޑު ދެންނެވިން ޕީޕީއެމްގެ ދިދަ ބޭނުންކުރިނަމަ ބޭނުންކޮށްފައި އޮންނާނީ ގާނޫނީ ހަމަތަކުގެމަތިން ކަމަށް،" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އޭނާއާ މެދު ފުލުހުން އަމަލުކުރަނީ ޒާތީގޮތުން ކަމަށް ގަބޫލުކުރެވޭ ކަމަށް ތަހުގީގުގައި ސުވާލުކުރި ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި އޭނާ އެއްވެސް ކުށެއްކޮށްފައިނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށްދޭ ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.

އޭނާގެ މައްސަލައެއް އޮތްނަމަ ޕްރޮސިކިއުޓާ ޖެނެރަލް މެދުވެރިކޮށް އަވަހަށް ދައުވާކޮށްދިނުމަށް ތަހުގީގުގައި ސުވާލުކުރި ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ސިވިލް ކޯޓުގެ ހުކުމަކުން ޕީޕީއެމްގެ ބާރުތައް މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ހަވާލުކުރިފަހުން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ވަނީ ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ޕީޕީއެމްގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްފައެވެ.

ފާރިސް ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އަދި ކޯޓުން މައްސަލަ ނުނިމެއެވެ.

ޕީޕީއެމް ދެބައިވެ ރައީސް ޔާމީންގެ ފެކްޝަނަކާއި ރައީސް މައުމޫންގެ ފެކްޝަނެއް އުފެދުނު އިރު ފާރިސް ހުންނެވީ މައުމޫން ފެކްޝަންގައެވެ.

އިދިކޮޅު ފަރާތްތަކާ ގުޅިގެން ފާރިސް އަންނަނީ ފަހަކަށް އައިސް ސިޔާސީ މަސައްކަތްކެއް ކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަނީ ފާރިސްއެވެ.

comment ކޮމެންޓް