މާލެއިން އުތުރަށް އަދިވެސް ޔެލޯ އެލާޓް، ކަނޑުދަތުރުކުރުން ރައްކާތެރިއެއް ނޫން!

މީގެ ގަޑިއިރެއް ކުރިން ރާއްޖެ މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް: ކާފުން ފެށިގެން އުތުރުގެ އަތޮޅުތަކަށް އަދިވެސް މޫސުން ވަރަށް ގޯސް ކަމަށް މެޓް އޮފީހުން ބުނޭ ----

މާލެ އަތޮޅުން ފެށިގެން ހއ. އަތޮޅުގެ ރަށްތަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިރޭ ނެރުނު މޫސުމީ އެލާޓްގައި ބުނެފައިވަނީ، މިރޭ މެންދަމު 3:45 އާ ހަމައަށް މާލެ އަތޮޅުން ފެށިގެން އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެނީ އެ އެލާޓް ނެރޭ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން ސަމާލުވެ، ފިޔަވަޅު އެޅުމަށް ތައްޔާރުވުމަށް އެންގުމަށެވެ. އަދި ޔެލޯޓް އެލާޓް ނެރޭ ސަރަހައްދުތަކުގައި ކަނޑުދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

މޫސުމާ ބެހޭ އިދާރާއިން ވަނީ މިއަދު ހެނދުނުން ފެށިގެން މެންދުރު ފަހާ ހަމައަށް ވެސް މާލެ އަތޮޅުން އުތުރަށް ޔެލޯ އެލާޓް ނެރެފައެވެ.

ހުކުރު ދުވެހުގެ ރޭ 8:00 އާ ހަމައަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތް

  • ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ
  • ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ
  • ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދު
  • އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • ވިލާގަނޑުގައި ގަޑިއަކު 40 މޭލާ 50 މޭލު ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވޭ
  • ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ
  • އެހެން ހިސާބުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ

މެޓް އޮފީހުން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެތީ އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް