ކަނޑުދަތުރު ނުކުރެވޭ ހާލަތަކަށް ގޮސްދާނެތީ ކާބޯތަކެތި ރައްކާތެރިކުރަން އެދެފި

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކަނޑުދަތުރު ނުކުރެވޭ ވަރަށް ކަނޑުތައް ގަދަވެ، ކާޑު އުފުލުމަށް ދަތިވެދާނެތީ ކާޑުގެ ބާވަތްތައް ބޭނުންކުރުމުގައި ރައްކާތެރިވުމަށް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު (އެންޑީއެމްސީ)އިން އިލްތިމާސްކޮށްފި އެވެ.

އެންޑީއެމްސީ އާއި އެމްއެންޑީއެފް ކޯސްޓްގާޑް އަދި ޑިފެންސް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ވިއްސާރާގައި ކަނޑުތައް އާދަޔާ ހިލާފަށް ގަދަވަމުން އަންނަ ކަމަށެވެ. އެ ހާލަތުގައި ދަތުރު ނުކުރެވިއްޖެނަމަ، ރަށްރަށަށް ކާޑުގެ ބާވަތްތައް ނުވަތަ މުދާ ގެންދިއުމަށް ދަތިތަކެއް ކުރިމަތިވެ، ކާޑު ލިބުން ލަސްވެދާނެކަމަށް ބަލައި، ކާބޯތަކެތި ބޭނުން ކުރުމުގައި ސަމާލުވުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

"ކުރިއަށް އޮތްތާގައި ވެސް ބެލެވެނީ ފަސޭހަކަމާ އެކު ލަފާފުރާ އުޅުމަށް ދަތިވާނެ ކަމަށް. އެހެންވީމަ މުޖުތަމައުގެ ތެރޭގަ ހާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގަ ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވަން ޖެހޭނެ އެ ރަށްރަށުގަ މިހާރު ހުރި ކާޑުގެ ތަކެއްޗާ ކުއްލިއަކަށް ބޭނުންކުރީމަ މަދުވެދާނެ ކަމަށް ފާހަގަކުރެވޭ ބައެއް ވަސީލަތްތައް ބޭނުން ކުރުމުގައި ވަރަށް ހުށިޔާރުވާން ވާނެ. ދަތުރު ނުކުރެވިއްޖެއްޔާ މިއީ ފަސޭހައިން ނުލިބޭ ތަކެތި،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު މެޓް އޮފީހުން ވަނީ މެދުރާއްޖެތެރޭގެ އަތޮޅުތަކާ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެ އެލާޓްގައި ބުނެފައި ވަނީ ވިލާގަނޑުގައި 55 މޭލަށް ވެސް ވައިގަދަވާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ކޯސްޓްގާޑް ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހީމް ވިދާޅުވީ، ދަތުރު ކުރާ ފަރާތްތައް މިހާރަށްވުރެ ޒިންމާދާރު ވެގެން މޫސުމަށް ބަލައިގެން ދަތުރުކުރަން ޖެހޭ ކަމަށެވެ.

"މޫސުން ގޯސްވެ ޔެލޯ އެލާޓަށް ދަންދެން ނެރެފައި އޮއްވައި ވެސް ސަލާމަތީ ކަންކަން ފުރިހަމަނުކޮށް މި ފުރަނީ. ޕަމްޕެއް ނުހުރޭ ސެޓެއް ރަނގަޅަށް މަސައްކަތެއް ނުކުރޭ. އެހެންވީމަ މިފަދަ ހާލަތަކަށް މޫސުން އައިސްފައި އޮންނަ އިރު ދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ބަލައިގެން އަޅުގަނޑުމެންނަށް މައުލޫމާތު ދީގެން ދަތުރުކުރަން އަޅުގަނޑުމެން ހަމަ ތަކުރާރުކޮށް އިލްތިމާސްކުރަން،" ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

ކާނަލް މުހައްމަދު އިބްރާހީމް ވިދާޅުވީ، މިހާރު ކުރަމުން އަންނަ ވިއްސާރާގައި ކަނޑުތައް ވެސް އާދަޔާ ހިލާފަށް ގަދަވާ ކަމަށެވެ. އެގޮތުން މީގެކުރިން ކުރާ ވިއްސާރައާ ހިލާފަށް މިފަހަރުގެ ވިއްސާރާގައި ވިލާގަނޑާ އެކު އާދަޔާ ހިލާފަށް ވައި ބާރުވާކަން ފާހަގަވެފައިވާ ކަމަށާއި އެފަދަ ވައިގަނޑަކީ ދޯންޏެއް ބަންޑުން ޖަހާލަން އެކަށީގެންވާ ބާރުމިނުގައި އަންނަ ވައި ކަމަށް ކާނަލް ވިދާޅުވި އެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި މިހާތަނަށް 14 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ އިރު އެއިން ތިން ރަށަކަށް ވަގުތުން އެހީދޭންޖެހޭ ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން މައުލޫމާތުދެ އެވެ. އެ ރަށްރަށަށް ޑިޒާސްޓާ މެނޭޖްމަންޓާއި ކަމާބެހޭ ފަރާތްތަކުން އެހީވަމުން އަންނަ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މައުލޫމާތުދެ އެވެ.

comment ކޮމެންޓް