ކޮންމެ ސިކުންތަކު ފިޓް ޖެހޭ ކުއްޖާ ބޮޑު އޮޕަރޭޝަނަކަށް އެދިއެދި!

އަނޫފް އޭނާގެ ބައްޕައާއެކު: އޭނާ އަކީ ފިޓް ޖެހުން އިންތިހާއަށް ކުރިމަތިވާ ހިތުގެ މައްސަލަ ހުންނަ ކުއްޖެއް-- ސަން ފޮޓޯ: ކިޔުންތެރިއެއް

އެ ދަރިފުޅުގެ އުމުރުން މިވީ އަދި އެންމެ ހަތް އަހަރެވެ. ވާހަކައެއް ނުދެއްކެވެއެވެ. ހިނގާބިގާވެ ނޫޅެވެއެވެ. އިރުއިރުކޮޅުން ދެލޯބޮޑުވެ މުޅި ކުއްޖާ ހަރުދަނޑި އަރައި ޚަބަރުހުސްވަނީއެވެ. މިއީ ށ. ފުނަދޫ ރެޑްފިޝް، ހަސަން އަނޫފްގެ ކޮންމެ ދުވަހުގެވެސް ހާލެވެ.

އުފަންވިއިރު މައްސަލަތަކެއް

އެއީ ށ. ނޫމަރާއަށް އުފަން، ފާރޫގް ހުސެއިން އާއި ސާދާ މުހައްމަދު ނައީމްގެ ފަސް ވަނަ ދަރިފުޅެވެ. މައިމީހާގެ ބަނޑުގައި ކުއްޖާ އެކޮޅުކޮޅުން އޮތުމުން، ވިހެއުމުގައި މައްސަލަތަކެއް ކުރިމަތިވިއެވެ. އަދި އެ ދަރިފުޅުގެ ސިއްހީ މައްސަލަތަކެއް ހުރިކަން ފާހަގަވީ އެކުއްޖާގެ އުމުރުން ދެ މަސް ފަހުންނެވެ.

"އެންމެ ފަހު ވެކްސިން ޖަހައިގެން އަންހެނުންނާއި ދެ މީހުން އަންނަނިކޮށް ދަރިފުޅު ފިޓްޖެހުނީ. އޭގެ ފަހުން ކަނދުރާ ހަރެއްނުލާ،" ދަރިފުޅު އެހާލަތަށް ދިޔަ ހިތްދަތި ހާދިސާ ކިޔައިދެމުން ފާރޫގް ބުންޏެވެ.

އޭގެ ފަހުން އެރަށުން ޑޮކްޓަރަށް ދައްކައި، އެކަމަށް އެއްވެސް ހައްލެއް ނުލިބުމުން މާލެ އައިސް ޑޮކްޓަރަށް ދެއްކުމުން ދިން ޖަވާބަކީ އަނޫފްގެ ހިތުގެ މައްސަލަ ހުންނަ ކަމަށެވެ. އޭރުވެސް ފިޓްޖެހުމަށް ހައްލެއް ނުލިބެއެވެ. އެހެންކަމުން އިންޑިއާއަށް ގޮސް ޓެސްޓުތަކެއް ހެދިއެވެ.

އަނޫފް އޭނާގެ ބައްޕައާއެކު: އޭނާ އަކީ ފިޓް ޖެހުން އިންތިހާއަށް ކުރިމަތިވާ ހިތުގެ މައްސަލަ ހުންނަ ކުއްޖެއް-- ސަން ފޮޓޯ: ކިޔުންތެރިއެއް

"އިންޑިއާއިން ޓެސްޓް ހެދީމަ މިއެނގުނީ ހިތުގައި ތިން ލޯވަޅު ހުރިކަން. އަދި ޓެސްޓްތަކުން އެބަބުނޭ ކޮންމެ ސިކުންތަކު އެއް ފަހަރު ފިޓްޖެހޭކަމަށް،" ދަރިފުޅުގެ ބާލިހާލަތު ކިޔައިދެމުން އަސަރާއެކު ފާރޫގު ބުންޏެވެ.

ފިޓްޖެހޭތީ އޭރު އޮޕަރޭޝަން ކުރެވެންނެތް

ފާރޫގު ބުނީ ދަރިފުޅުގެ ހިތުގެ މައްސަލަ ހައްލުކުރުމަށް ޑޮކްޓަރުން ލަފާ ދިނީ އޮޕަރޭޝަނެއް ކުރަން ކަމަށެވެ. އެކަމަށް އެކަނިވެސް އެއްލައްކަ ރުޕީސް ހަރަދުވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފިޓްޖެހޭތީ އޮޕަރޭޝަން ކުރެވެން އޭރު ނެތީއެވެ.

"ސިކުންތަކު އެއް ފަހަރަކު ފިޓް ޖެހޭ. އޮޕަރޭޝަން ކުރަން ހޭނެއްތިޔަސް ހޭއަރާނެ ކަމެއް ނޭނގެ. އެހެންވީމަ ފިޓްޖެހޭ ދޭތެރެ ދުރުވީމައޭ އޮޕަރޭޝަން ކުރެވޭނީ ޑޮކްޓަރު ބުނީ،" ފާރޫގު ބުންޏެވެ.

އިންޑިއާއަށް އޭރު ދިޔައިރު އަނޫފުގެ އުމުރުން ވަނީ ތިން މަސްވެފައެވެ. ޑޮކްޓަރުނާ ހަވާލާދީ ފާރޫގު ބުނީ ފަރުވާއަށް އިންޑިއާއަށް ދެވުނުލެއް މާ ލަސްވީކަމަށް ޑޮކްޓަރުން އޭރު ބުނި ކަމަށެވެ.

އޮޕަރޭޝަނަށް ދިއުމަށް އެހީއަކަށް އެދިއެދި

އަނޫފަށް ފަރުވާ ހޯދުމަށް ދެ ފަހަރެއްގެ މަތިން ވަނީ އިންޑިއާއަށް ގޮސްފައެވެ. ފިޓްޖެހުން ހައްލު ކުރުމަށް ރާއްޖެއިން ބޭރުން ބޭސް ގެނެސް މިހާރުވެސް ބަރާބަރަށް އަންނަނީ ބޭސް ދެމުންނެވެ. ހަމައެއާއެކު ވާހި އެރުވުމާއި ދަވަތައް ނެގުންފަދަ ފަރުވާތައް އަންނަނީ ދެމުންނެވެ.

ފާރޫގު ބުނީ ކުރިން ސިކުންތަކުން އެއް ފަހަރު ފިޓްޖެހޭކަމަށް ޓެސްޓުތަކުން ދެއްކިނަމަވެސް މިހާރު ފެންނަފެނުމަށް އެއަށްވުރެ ރަނގަޅު ކަމަށާއި މިހާރު އަމާޒަކީ އެހީތެރިކަމެއް ހޯދައިގެން އަވަހަށް އިންޑިއާއަށް ދިއުން ކަމަށެވެ.

"މިހާރު ފިޓްޖެހެނީ ދުވާލަކު ދެ ފަހަރު ނޫނީ ތިން ފަހަރު. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެހީތެރިކަމަކަށް،" ފާރޫގު ބުންޏެވެ.

އެހީތެރިވުމަށް:

އަނޫފުގެ ބައްޕަ: 7789941

އެކައުންޓް:

‎7724-253862-001 ފާރޫގް ހުސެއިން

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް