ދޯންޏަކުން ދަތުރު ކުރި ބަޔަކު ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި

އެމްއެންޑީއެފް ކޯސްޓްގާޑް އުޅަނދެއް ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ރޯދި" ނަމަކަށް ކިޔާ ސަޕްލައި ދޯނިން ދަތުރު ކުރި ފަސް މީހުން ކަނޑުމަތިން ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް އާޒިމް ވިދާޅުވީ، އެ މީހުން ކަނޑުމަތިން "ފަޒާ" ނަމަކަށް ކިޔާ ލޯންޗަކަށް ނަގާފައިވާ ކަމަށާއި، އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ދޯނީގެ ފަސް މީހުން ފެނިފައި ވަނީ މާލެ އަތޮޅު ފިހާޅޮހި ރިސޯޓުގެ ހުޅަނގުން ހަތަރު ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އޭރު އެ އެންމެން ވެސް ތިބީ ލައިފް ޖެކެޓު އަޅައިގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ، މިހާރު އެ ދޯނި ފިހާޅޮހީގެ ހުޅަނގުން 10 ނޯޓިކަލް މޭލަށް ފެތިފައިވާ ކަމަށާއި، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެ ދޯނި ފެތިފައިވާކަމަށް އެމްއެންޑީފުން ބުނި ނަމަވެސް އެ ދޯނި އޮތްތަން އަދި ލޮކޭޓް ކުރެވިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އެ ދޯނީގެ ގެގަނޑުގެ ބައެއް ފެންމަތިން އޮޔާދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ރޯދި ދޯނި ފެތިފައިވާއިރު، އެ ދޯނި އަޑިއަށް ދާކަމުގެ ރިޕޯޓު ރިޕޯޓުކޮށްފައި ވަނީ، މިއަދު ހެނދުނު 10:25 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ދޯނި ދިޔަވެ އަޑިއަށްދާން ފެށީ އަރިއަތޮޅުގައި އޮންނަ ރަންވެލި ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށެވެ.

comment ކޮމެންޓް