މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ، މެދުރާއްޖެތެރެ އާއި އުތުރަށް ޔެލޯ އެލާޓް

އިއްޔެ ކުރި ވިއްސާރާގައި ހއ. ކެލާގައި ފެން ހިއްކުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ ކެލާ ކައުންސިލް

އުތުރުގެ އަތޮޅުތަކާއި މެދުރާއްޖެތެރެ އަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މިއަދު ނެރުނު އެލާޓްގައި ބުނީ، މިއަދު 9:50 އާ މެންދުރު ފަހު 2:00 އާދެމެދު، އުތުރުގެ އަތޮޅުތަކާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ގަޑިއަކު 23 މޭލާއި 29 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިޖެހޭނެ ކަމަށް ވެސް ޔެލޯ އެލާޓްގައި ބުނެފައިވެ އެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެނީ އެ އެލާޓް ނެރޭ ސަރަހައްދުތަކުގެ ދިރިއުޅޭ ރައްޔިތުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން ސަމާލުވެ، ފިޔަވަޅު އެޅުމަށް ތައްޔާރުވުމަށް އެންގުމަށެވެ. އަދި ޔެލޯޓް އެލާޓް ނެރޭ ސަރަހައްދުތަކުގައި ކަނޑުދަތުރުފަތުރު ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށާއި މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށެވެ. މިވިއްސާރާގައި ޚާއްސަކޮށް މެދުތެރޭ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއަދުގެ މޫސުން

  • ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ
  • ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
  • ވިލާގަނޑުގައި 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ

ވޭތުވެދިޔަ 24 ގަޑިއިރެއްހާ އިރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރާގައި ވަނީ އެކި ރަށްތަކަށް އެކިވަރުގެ ގެއްލުންތައްވެފަ އެވެ. އެގޮތުން ހއ. ކެލާގައި ފެން ބޮޑުވެފައިވާ އިރު، ބައެއް ގެތަކަށް ވަނީ ފެން ވަދެފަ އެވެ. އެ ރަށުގައި ވަނީ އިއްޔެ ޕަމްޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފަ އެވެ.

އޭގެ އިތުރުން ރޭ ކުރި ވިއްސާރާގައި ގދ. ތިނަދޫ އަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން އެރަށުން ވެސް ގަދަވަޔާއެކު އަށް ގެއެއްގެ ފުރާޅު އެއްލާލާފައިވާ އިރު، 15 ގެއަކަށް ވަނީ އެކިވަރުގެ ގެއްލުންތައްވެފަ އެވެ. އޭގެ އިތުރުން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ގެތަކަށް ގެއްލުންތައް ވެފައިވާ އިރު ގަސްތައް ވެއްޓުންފަދަ ކަންކަން ވަނީ އެކި ރަށްރަށުގައި ދިމާވެފަ އެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކަނޑުތައް ވެސް އާދަޔާ ހިލާފަށް ގަދަވެފައިވާ އިރު، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް ސަލާމަތާބެހޭ ފަރާތްތަކުން އިލްތިމާސްކުރެ އެވެ.

comment ކޮމެންޓް