ބުއްދިވެރިގޮތަކީ ވެހޭތާ ފެންނެގުމެވެ.

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ދުނިޔޭގެ އެކި ކަންކޮޅުތަކުން -- ފޮޓޯ/ އޭޕީ

ތަރުބިޔަތުގެ ފޯވައްސެއް

ރަމަޟާންމަސް އަތުވެއްޖެއެވެ. ހެޔޮޢަމަލުތަކާއި ބަރަކާތުގެ ބަހާރު މޫސުން ލައިގެންފިއެވެ. ރަޙްމަތުގެ ވާރެއިން ހިތްތަކުގެ ހަނަފަސްކަން ފިލަން ފަށައިފިއެވެ. އަޅުގަނޑުމެންގެ އުނގުތައް މިމޫސުމުގެ މާމެލާމެލީން ފުރައިލުމުގެ ތައުފީޤު ދެއްވުން އަދައި މަސައްކަތްކުރައްވަމާ ހިންގަވާށެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މިބަރާކާތްތެރި މައްސަރުގެ ބާއްޖަވެރިކަމާއި ހެޔޮކަން ލިބިގަތުމަށް އަޅުގަނޑުމެންނަށް ހަނދާންކޮށްދެއްވިއެވެ. އަޅުކަމުގައި ހީވާގިވުމަށް ދުރާލާ ބާރުއެޅުއްވިއެވެ. މިމަހުގެ އެންމެ ޚާއްޞަ ހެޔޮޢަމަލަކީ ރޯދައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ކާބަފައިން މިމަހަށް ނަންދެއްވައިފައި ވަނީވެސް ރޯދައާ ގުޅުއްވައިގެންނެވެ.

ރޯދައިގެ ބޭރުފުށުގެ ސިފަޔަށް ބަލާއިރު ރޯދަޔަކީ ފަޖުރުލީއްސުރެ އިރުއޮއްސޭންދެން އެއްޗެއް ނުކައިނުބޮއި ހުރުމެވެ. އެހެނިހެން ނަފުސާނީ އެދުންތަކުންވެސް އަމިއްލައަށް މަނާވެގެންހުރުމެވެ. މިއީ އާދައިގެ ކުޑަ ކުޑަ ކަމެއްނޫނެވެ. ގަޑިއެއް ދެގަޑިއެއްހައިއިރުވެސް ހައިހޫނުކަމުގައި ހުރުމަކީ އުނދަގޫކަމެކެވެ. ދުނިޔޭގެ ހުރިހާ ލައްޒަތެއް ނުހޯދައި ދޫކޮށްލައިގެން ހުރުމަކީ ވަރަށް ތުރާކަމެކެވެ. އަނެއްކޮޅުން މިހުރިހާ މީރުކަމަކާއި އަރާމުކަމަކުން މަހްރޫމްވެގެން ތިބެންޖެހޭނީ އަޅުގަނޑުމެން އަމިއްލަޔަށެވެ. އެކަންކަން މަނާކުރާކަށެއް އަޅުގަނޑުމެން ކުރެ ކޮންމެ މީހެއްގެ ގާތަކު ފާރަވަރިޔަކު ނުހުރެއެވެ. ޤާނޫނު ތަންފީޒުކުރާ ސަލާމަތީ ބާރެއްގެ މީހަކު ބަލަހައްޓައިގެނެއް ނުހުރެއެވެ.

ޝައްކެއްނެތެވެ. މިއީ އިންސާނީ ނަފުސު ވަކިގޮތަކަށް ހާނައި ތަރްބިޔަތު ކުރުމުގެ ވަރަށްވެސް ފުރިހަމަ ގޮތެކެވެ. ދެވަނަ މިސާލެއް ނުފެންނަހައި ނަތީޖާ ރަނގަޅުގޮތެކެވެ. ހަމައެކަނި ރޫޙާނީ މަޤްސަދެއް ޙާޞިލުކުރުމަށްޓަކައި މިގޮތަށް އަޅުގަނޑުމެންގެ ނަފުސުތައް މަތަކުރުމުން އެލިބެނީ ވަރަށްވަރުގަދަ ތަރްބިޔަތެކެވެ. މިތަރުބިޔަތުގެ ފޯވަހި ހެޔޮގޮތުގައި ނިންމައިލައިފިނަމަ އަމިއްލަ ނަފުސުގައި ލަގަން އަޅުވައި މަތަކުރުމުގެ އެކަށޭނަކަން ލިބެއެވެ. ހަވާނަފުސު އެދި ގޮވާގޮވުމުގެ އަޑުކަނޑުވައިލައި ހިތްއެދޭ އެދުންތަކަށް ބާރުފޯރުވުމުގެ ޤާބިލުކަންލިބެއެވެ. ތަރުބިޔަތުގެ މިފޯވަހީގެ ރޫޙާއެކު ފޯވަހި ފުރިހަމަކޮށްފި މީހަކަށް ފާފަތަކުން ދުރުވުމަކީ އުނދަގޫ ކަމަކަށްނުވާނެއެވެ. އެހެންކަމުން ރޯދައިގެ މަޤްސަދެއްކަމުގައި ކަނޑައަޅުއްވައިފައިވަނީ ތަޤްވާވެރިވުމެވެ. ކެތްތެރިކަމުގެ ސިފައިން ސިފަލިބިގަތުމެވެ.

ރޯދައިގެ ޙަޤީޤީ ސިފަ

ދުނިޔޭގެ ކޮންމެ އެއްޗަކީވެސް އޭގެ ސޫރައާއި ޙަޤީޤަތުގައި ވަރަށްބޮޑު ފަރަގެއް ހުންނަ އެއްޗެކެވެ. މިނިކާވަގެއްގެ ފޮޓޯއަކު ހަޤީޤީ މިނިކާވަގެއްގެ އާރާއިބާރެއް ނުހުރެއެވެ. ބިރުވެރިކަމެއް ނުހުރެއެވެ. އަލިފާނުގެ ތަސްވީރެއްގައި ހޫނުކަމެއް ނުހުރެއެވެ. އަންދައިލުމުގެ ބާރެއްނުހުރެއެވެ. އެހެންކަމުން ތުއްތުކުދީން މިނިކާވަގާއި ސިންގާ ހޭމަތަކާ ކުޅެއުޅެއެވެ. އެކަމަކު ދިރިދިރ އޮތް ސިންގާއަކާ ވައިއެޅިލުމަކީ ގަދަފަދަ ފަހުލަވާނަކަށްވެސް ލާހިކުމަކެއްނޫނެވެ. ބައެއް މީހުން ގެދޮރު ޒީނަތްތެރިކުރަންވެސް އަލިފާނުގެ މަންޒަރުތަކުގެ ފޮޓޯ ބޭނުންކުރެއެވެ. އެކަމަކު ހަޤީޤީ އެންމެ އަލިފާންކަންޏެއްވެސް ގަތްވެއްގެ ދުރުމިން އަންދައިލައިފާނެއެވެ.

ހަމައެފަދައިން އަޅުކަމުގެ ގޮތުގައި ކުރާ ކަންކަމުގައިވެސް އެކަންކަމުގެ ސޫރަޔާއި ހަޤީޤަތުގައި ފަރަޤު ހުރެއެވެ. އެގޮތުން ބަލާއިރު ހައިހޫނުކަމާއި ކަރުހިއްކައިގަތުމަކީ ރޯދައިގެ ސޫރައެވެ. ރޯދައިގެ ޙަޤީޤަތެއްނޫނެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ މިމޭރުމުން އިރްޝާދު ދެއްވައިފައިވެއެވެ. ދޮގުހަދާމީހާ އެހުންނަނީ ރޯދަޔަކަށެއްނޫނެވެ. ޣީބަބުނާމީހާ އެހިފަނީ ރޯދައެއްނޫނެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިރްޝާދު ދެއްވައިފައިވާގޮތުގައި ރޯދަހިފާ އެތައްބަޔަކަށް ރޯދައިން ލިބޭހައިވެސް ކަމަކީ ހައިހޫނުކަމާއި ކަރުހިއްކުމެވެ. އާދެ، މިއީވެސް ރޯދަހިފޭ ވައްތަރުތެކެވެ. ރޯދައިގެ މިފަދަ ވައްތަރުތަކަކީ ރޯދައިގެ ރޫޙެއްނެތް ވައްތަރުތަކެވެ. މިބާވަތުގެ ރޯދަތަކަކީ ރޯދައިގައި ހުންނާންޖެހޭ ދިރުންނެތް ރޯދަތަކެވެ.

ރޯދަހިފާންޖެހެނީ މާތްﷲގެ ރަސްކަންފުޅުދެކެ ލޯބިން ތިމާގެ ހިތް އާރާސްތުކުރުމަށެވެ. ﷲގެ ރުހިވޮޑިގަތުން ހޯދުމުގެ ޖަޒުބާތުން ތިމާގެ ހިތް ފުރައިލުމަށެވެ. އެހެން ހުރިހާ އެދުންތަކެއް ހަނދާންނައްތައިލުމަށްފަހުއެވެ. ފާފާތަކާމެދު ތިމާގެ ޠަބީޢަތު ނަފުރަތުވުމަށެވެ. ތިމާގެ ބެލުންތައް ޢިއްފަތްތެރިކުރުމަށެވެ. ނެތިމޮށުމާއި، ޣީބަ ބުނުމާއި މިނޫންވެސް ބަދުބަސްބަހުން ތިމާގެ ދޫރައްކާތެރި ކުރުމަށެވެ. ތިމާގެ ހިތާއިހަށިގަޑުން ހެޔޮޢަމަލުތަކާއި ހެޔޮބަސްތަކުގެ ފޮނިކަން ލިބިގަތުމަށެވެ. ތިމާގެ ލޯބިވެރިޔާ އުފާކުރުވުމަށްޓަކައި ކެއިންބުއިމުން އެއްކިބާވެ ނަފްސާނީ އެންމެހައި ލައްޒަތަކުން މަހްރޫމުވެހުރި ލޯބިވެރިޔަކު ފަދައިންނެވެ. މިގޮތުގައި ރޯދަހިފައިފިނަމަ އެމީހެއްގެ ނަފުސު ހެޔޮގޮތުގައި ތަރްބިޔަތުވާނެކަމީ ކަށަވަރުކަމެކެވެ. ފާފައިން ރެކިގަތުމުގެ އެކަށޭނަކަން އުފެދޭނެކަން ޔަޤީނެވެ. ނަފުސުގެ އަޅުވެތިކަމުން މިނިވަންވާނެކަމާމެދު ޝައްކެއްނެތެވެ. މިގޮތަށް ހޯދޭ އެއްމަސްދުވަހުގެ ތަރުބިޔަތުގެ އަސަރު އަހަރުގެ ކުރިޔަށް އޮންނަ އެގާރަމަސް ދުވަހުވެސް ފިލައިނުގޮސް ހުންނާނެކަން ޔަޤީނެވެ. އެހެންކަމުން ރޯދަހިފާންވީ ރޯދައިގެ ހަޤީޤަތާ ކުފޫހަމަވާގޮތަށަވެ. ރޯދައިގެ ރޫޙާއެއްގޮތަށެވެ. ރޯދަޔާމެދު ވިސްނާންވީ ތިމާގެ ހަވާ ނަފުސުގެ އެދުންތަކުގެ މައްޗަށް މާތްﷲގެ ހުކުމްފުޅު ބާރުވެރިކުރުމުގެ ޢަމަލެއްކަމުގައެވެ.

ކީރިތި ޤުރުއާނުގެ މައްސަރު

އިސްލާމްދީނުގެ ނަބިއްޔާއަށް ކީރިތި ޤުރުއާން ބާވައްލައްވަން ފެއްޓެވީ ރޯދަ މަހެއްގައެވެ. ކޮންމެ ރޯދަމަހަކުވެސް ޖިބްރީލު ޢަލައިހިއްސަލާމް ވަޑައިގެން އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ކީރިތި ޤުރުއާން މުދާރަސާ ކޮށްދެއްވައެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސުވަރުގެ ވަޑައިގެންނެވި އަހަރުގެ ރަމަޟާންމަހު ދެފަހަރަށް މުދާރަސާ ކޮށްދެއްވިއެވެ.

އެކަމުން އެނގެނީ ކީރިތި ޤުރުއާނާއި ރޯދަމަހާ ހުރި ވަރުގަދަ ގުޅުމެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ރަމަޟާން މަހު ތަރާވީޙު ނަމާދުކުރުމުގެ މަޤްސަދަކީވެސް ޤުރުއާންކިޔެވުމެވެ. ރަމަޟާންމަހު ތަރާވީހު ނަމާދުގައި ކީރިތި ޤުރުއާން ޚަތިމުކުރެވެއެވެ. ހަމައެފަދައިން ރޯދަމަހުގެ ދަމުނަމާދަކީވެސް ދިގުކޮށް ޤިޔާމުކޮށް ޤުރުއާން ކިޔެވުމުގެ ނަމާދެވެ. އެހެންކަމުން އުންމަތުގެ ސަލަފުން ރޯދަމަހު ޤުރުއާން ކިޔަވައި ވިދާޅުވުމަށް ޚާއްޞަގޮތެއްގައި ސަމާލުކަންދެއްވިއެވެ. މުސްލިމުންގެ ކިބައިން އެދެވިގެންވާ ގޮތަކީ ރަމަޟާންމަހުގެ ދުވާލު ރޯދައިގެ ނޫރުން ދިއްލިފައިވުމެވެ. ރޯދަމަހުގެ ރޭތައް ކީރިތި ޤުރުއާނުގެ ޒަރީޢާއިން އާބާދުވެފައިވުމެވެ. މާތްﷲގެ އެންމެ ފަހުގެ ވަހީގެ ފޮތް މިއޮތީ މިއުންމަތު މީހުންގެ އަތުގައެވެ. ބާވައިލެއްވި ފޮތްތަކުގެތެރެއިން މަންސޫޚު ނުކުރައްވައި އޮތް ހަމައެކަނި ފޮތަކީ މިއީއެވެ. އެހެންކަމުން އެފޮތުގެ ޙައްޤު އަދާކުރުމަކީ މުސްލިމެއްގެ ކޮންމެ ދުވާލެއްވެސް ކޮންމެ ރޭގަނޑެއްވެސް އެފޮތްކިޔެވުމުން ހުސްވެގެންނުވުމެވެ. ކަންމިހެން ހުރުމާއެކުވެސް އަޅުގަނޑުމެން އެފޮތުގެ ޙައްޤު އަދާކުރަނީ ކޮންގޮތަކަށްކަން ޚުދު އަޅުގަނޑުމެންނަށް އެނގޭނެއެވެ. އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކަށް އަހަރުދުވަސް ފާއިތުވެދަނީ ޚަތިމެއްކޮށްލުމުގެ ނަސީބުނުލިބިއެވެ. ހިތާމާއިގެ ކޮޅެއްވެސް ނެތެވެ. ނަސީބުދެރަކަމުގެ ޙައްދެއްނެތެވެ.

ކޮންމެއަކަސް މިގޮތުގައި އަހަރުގެ އެގާރަމަސް ހޭދަކޮށްލެވުނު ކަމުގައިވިޔަސް ރޯދަމަސް އެގޮތަށް ނަގައި ނުލަމާ ހިންގަވާށެވެ. ޤުރުއާންގެ މައްސަރުގައި ޤުރުއާން ކިޔެވުމަށް އާބާރެއްލަމާ ހިންގަވާށެވެ. ޢާއްމުކޮށް ވިހިމިނިޓް އިރުން ކީރިތި ޤުރުއާނުގެ ފޮތެއް ކިޔަވައިލުމަކީ އުނދަގޫކަމެއް ނޫނެވެ. އެހެންކަމުން ރެއަކާ ދުވާލު ގަޑިޔެއްހައިއިރު ޤުރުއާން ކިޔެވުމުގައި ހޭދަކޮށްލިޔަސް ރޯދަމަހުގެތެރޭގައި ތިން ޚަތިމުކޮށްލެވިދާނެއެވެ. ޤުރުއާން ކިޔަވަން ހޭދަކުރާ ވަގުތުގެ އިތުރަށް ޤުރުއާން ތަރުޖަމާ ކިޔައިލުމަށްވެސް ދުވާލަކު ގަޑިޔެއްހައި އިރު ހޭދަކޮށްލައިފިނަމަ އެއީ ނޫރެއްގެ މަތީގައި އަޅުގަނޑުމެންނަށް ދިއްލައިލެވޭ ނޫރެއްކަން ކަށަވަރެވެ. އަޅުގަނޑުމެން މުޅިއަހަރު ތެރޭގައިވެސް ކީރިތި ޤުރުއާނުގެ ތަރުޖަމާއާއި ތަފްސީރާއެކު ވަގުތު ހޭދަކުރާންޖެހެއެވެ. އެވަރު ނުކުރެވޭނަމަ އެންމެ ނަގައިލައިފައިވެސް ރޯދަމަހު ކީރިތިޤުރްއާނުގެ ތަރުޖަމާއާއި ތަފުސީރާއެކު ވަގުތުކޮޅެއް ހޭދަކޮށްލުން މުހިންމެވެ. މާތްﷲ އަޅަމެނަށްޓަކައި ފޮނުއްވައިފައިވާ "ފަތްކޮޅު" ތަކުގައި އަންގަވައިފައިހުރީ ކޮންކޮން ވާހަކަފުޅުތަކެއްކަން ދެނެގަތުމަށްޓަކައެވެ.

ވިސްނައިވަޑައިގެން ބައްލަވާށެވެ. އަޅުގަނޑުމެންގެ ވެރިރަސްކަލާނގެ އަޅުގަނޑުމެންނާ މުޚާޠަބުކުރައްވައި ބަސްވަޙީކުރެއްވުމުން އެބަސްފުޅުތައް މޭރުންވޭތޯ ނުބަލައި ތިބުމަކީ ކިހައިބޮޑު ފަރުވާކުޑަކޮށްލުމެއްތޯއެވެ. އެކަލާނގެ އަޅުގަނޑުމެންނާ މުޚާޠަބުކުރައްވައި ބަސްވަޙީކުރެއްވުމުން އަޅުގަނޑުމެން ކަންފަތަށް ކަފަޖަހައި ބަންދުކުރީކަމުގައި ނުވެދާނެތޯއެވެ؟ އެކަލާނގެ ކަލާމްފުޅު އޭގެ އުޖާލާކަމާއި ނޫރާއެކު އަޅުގަނޑުމެން ކުރިމަތީގައި ވަނިކޮށް އަޅުގަނޑުމެން މޫނުއަނބުރައިލައި ދެލޯ ތަގުޅިކުރިކަމުގައި ނުވެދާނެތޯއެވެ. އަގުވަޒަން ނުކުރުމާއި، ޝުކުރުވެރިނުވުމުގެ މިއަށްވުރެ ސަރީހު މިސާލެއް އޮންނާނެތޯއެވެ.

ދުޢާކުރުން

ރޯދަމަހާ ގުޅިފައިވާ މުހިންމު އަނެއްކަމަކީ ދުޢާކުރުމެވެ. ރޯދަމަހަކީ ދުޢާ އިޖާބަކުރެއްވުމުގެ މޫސުމެކެވެ. ﷲ ސުބުޙާނަހޫވަތަޢާލާ ރަމަޟާންމަހުގެ ރޭތަކުގައި އެކަލާނގެ އަމިއްލަ ޒާތުފުޅުން އަޅުތަކުންނާ މުޚާތަބުކުރައްވައެވެ. ސުވާލުކުރައްވައެވެ. ފާފަފުއްސެވުން އެދޭމީހަކު އެބަހުރިހެއްޔެވެ.ތިމަންﷲ އެމީހަކަށް ފުއްސަވައިދެއްވުމަށްޓަކައެވެ. ރިޒުގެ އެދޭ މީހަކު އެބަހުރިހެއްޔެވެ. ތިމަން ﷲ އެމީހަކަށް ރިޒުގު ދެއްވުމަށްޓަކައެވެ. އެހެން މުހުތާދެއް އެދިގެން ހުރި މީހަކު އެބަ ހުރި ހެއްޔެވެ. ތިމަން ﷲ އެމުހުތާދެއް ފުއްދަވައި ދެއްވުމަށްޓަކައެވެ. ޚުދު ދެއްވާ ފަރާތުން އެދޭށޭ، ދެއްވާނަމޭ އަންގަވާއިރު އެދި ނުދަންނަވައި ހުންނަމީހަކަށްވުރެ ނަސީބުދެރަ މީހަކީ ކޮބައިތޯއެވެ؟

ރޯދަމަހުގައި ހިމެނޭ ދުޢާ އިޖާބު ވަގުތުތަކަށް ވިސްނާލާއިރު ރޯދަވީއްލާ ވަގުތަކީ ދުޢާ އިޖާބަ ވަގުތެކެވެ. ތަހައްޖުދު ނަމާދުގެ ވަގުތަކީ ދުޢާ އިޖާބަ ވަގުތެކެވެ. ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގެ ތެރޭގައި ލައިލަތުލްޤަދްރި ވިލޭރޭ ވަނީ ލައްވައިފައެވެ. އެރެޔަކީވެސް ދުޢާ އިޖާބަކުރައްވާ ގަޑިތަކެއް އެކުލެވިގެންވާ ރެއެކެވެ.

ވިސްނައިލަމާ ހިންގަވާށެވެ. މުޅި އިސްލާމީ އުންމަތްވަނީ ޒަޚަމުވެ ލޭ އޮހޮރި އޮހޮރިއެވެ. ފަލަސްޠީނާއި، ބަރުމާއާއި، ކަޝްމީރާއި، އަފްޣާނިސްތާނާއި، އިރާޤާއި، ލީބިޔާއާއި، ޔަމަނާއި މިހެންގޮސް ފާހަގަކޮށްފައި ނުކުރާނެ ޤައުމެއް ނެތޭވެސް ދެންނެވިދާނެއެވެ. އަޅުގަނޑުމެން މިތިބީ ނަސާރާއިންނާއި ، ޔަހޫދީންނާއި، މުޝްރިކު ހިންދީންގެ ވަކި ދަށުގައި ކުކުރާލަކުކުރާލައެވެ. މިފަދަ ޙާލަތެއްގައި އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާއެވެ.

އަޅުގަނޑުމެންގެ ނަސީބުދެރަކާމާ މެދު ފިކުރުކުރަމާ ހިންގަވާށެވެ. ރޯދަވީއްލާ ވަގުތަކީ ދުޢާ އިޖާބަކުރައްވާ ވަގުތެއްކަން އަޅުގަނޑުމެން ދަންނަމުއެވެ. ނަމަވެސް އެވަގުތު އަޅުގަނޑުމެންނަށް ސަމާލުކަން ދެވެނީ ދުޢާކުރުމަށްތޯއެވެ؟ ނުވަތަ ކާމޭޒުމަތީގައި އަތުރައިލައިފައި ހުންނަ ހެދިކާތަކާއި ޖޫސްތަކާއި އެކިނަންނަމުގެ ބަތްތަކާއި މުސަންމާ ކުކުޅުތަކަށްތޯއެވެ؟ އަޅުގަނޑު އެދެނީ ތިޔަ ލޮބުވެތި އަޚުން އުޚުތުން ޖަވާބުދެއްވުމަށެވެ.

އިންސާނީ ހަމްދަރުދީގެ މައްސަރު

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ މިމަހަށް ނަންދެއްވައިފައިވަނީ އިންސާނީ ހަމްދަރުދީގެ މައްސަރުގެ ނަމުންނެވެ. މިމައިގަނޑު ނަމުގައި އަޅުގަނޑުވާނީ މިދިޔަ ބުރާސްފަތި ދުވަހުވެސް ވާހަކަތަކެއް ލިޔެފައެވެ. ނަމަވެސް އިސްލާމްދީނާ އިންސާނީވަންތަކަމާހުރި ގުޅުމަކީ، ނުވަތަ ރޯދަޔާ އިންސާނީ ހަމްދަރުދީއާ ހުރި ގުޅުމަކީ އެއްދުވަހަކުން ދެދުވަހަކުން ނިންމައިލެވޭނެ މައިގަނޑު ނަމެއްނޫނެވެ. އެހެންކަމުން މިއަދުވެސް މިމައިގަނޑު ނަމުގައި އެއްޗެއް ދަންނަވާލާނަމެވެ.

އާދެ، ރޯދަމަހަކީ މާތްﷲގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި އެކަލާނގެ ހަޟްރަތަށް ކުއްތަންވުމުގެ މަހެކެވެ. ހަމައެފަދައިން ރޯދަމަހަކީ އެކަލާނގެ އަޅުތަކުންނަށް ހެޔޮފޯރުވައި ހަމްދަރުދީވުމުގެވެސް މަހެކެވެ. މުސްލިމު އަޚުން އުޚުތުންގެ މުހުތާދުތައް ފުއްދައިދިނުމުގެވެސް މައްސަރެކެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ އައްޞިއްދީޤާ ރަޟިޔަﷲ ޢަންހާ ވިދާޅުވާގޮތުގައި ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދީލަތިފުޅުކަން ރޯދަމަހު ބާރުވައިރޯޅިއަކަށްވުރެވެސް ކުރިއަރައިގެންދެއެވެ.

ރޯދަމަހު ކުރައްވާ ޚައިރާތު އިތުރުކުރެއްވުމަށްޓަކައި ޞަޙާބީންގެ ބައެއް ބޭކަލުން އެބޭކަލުންގެ މުދަލުގެ ޒަކާތް ނެރުއްވަންވެސް ރޯދަމަސް ޚާއްޞަ ކުރެއްވިއެވެ. ސަލަފުންގެ ތެރެއިންނާއި، މިޒަމާނުގެ ހެޔޮކަމުގެ އަހްލުވެރީންގެ ތެރެއިންވެސް މިމިސާލު ފެނެއެވެ. މިކަމާގުޅިގެން ދަންނަވާން އޮތީ ހަމައެކަނި ޒަކާތްދިނުމަކުން މުދަލުގެ ޙައްޤު އަދައެއް ނުކުރެވެއޭ މިހެންނެވެ. ޒަކާތަކީ އަދާކުރަން ވާޖިބުއެއްޗެކެވެ. އެހެންކަމުން ޒަކާތްދިނުމުން މިންޖުވެވޭނީ ހަމައެކަނި ޖަވާބުދާރީވާން ޖެހުމުގެ ޒިންމާއިންނެވެ. އެއީ، ދީނީ ގޮތުން ހޭދަކުރުމުގެ އެންމެ ތިރީ ހަރުފަތެވެ. ޒަކާތްދިނުމުން އަދި ކިރިޔާ އެއެރެނީ ހަމައެކަނި ރުކުގެ ބުޑަށެވެ. ބޮންތި ހުރީ އަދި މާ އުހުގައެވެ. އަޅުގަނޑުމެން އަތުލާންވީ ބޮންތިއެވެ. ރަމަޟާންމަހަކީ ފަރުޟާއެކު ސުންނަތަށްވެސް ޚާއްޞަކަމެއް ދޭންޖެހޭ މަހެކެވެ. އެހެންކަމުން ޒަކާތާއެކު މުދަލުގެ އެހެނިހެން ޙައްޤުތައްވެސް އަދާކުރާންޖެހެއެވެ.

މުސްލިމުންގެ ތެރޭގައި ޒަކާތުގައި ހިފުން ހުއްދަނުވާ އެކަމަކު ބޮޑެތި މުހުތާދުތަކާއި ބޭނުންތައް ޖެހިފައިތިބި އެތައްބަޔަކު އެބަތިއްބެވެ. ހަމައެފަދައިން ޒަކާތުގެ ފައިސާ ހޭދަނުކުރެވޭނެ އެކިއެކި ދީނީ މަޞްލަހަތުތައްވެސް އެބަހުއްޓެވެ. އެހެންކަމުން ހެޔޮކަމުގެ އަހްލުވެރި ދީލަތި ފޯރާމީހުން މިކަންކަން ދަންނާންޖެހެއެވެ. މިއީވެސް މާތްﷲ ތަނަވަސްކަން ދެއްވައިފައިވާ ފަރާތްތަކުން ﷲއަށްޓަކައި އަދާކުރާންޖެހޭ ޙައްޤެކެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އީމާނާއި ޢަމަލުގެ މިމޫސުންބަހާރު ނުނިމެނީސް މިމޫސުމުގެ ފައިދާ އެންމެ އެދެވޭގޮތުގައި ލިބިގަންނަމާ ހިންގަވާށެވެ. ހަމައެކަނި ނަތީޖާ ދެކޭންޖެހޭ ދުވަސް އައުމުގެ ކުރީން ޢަމަލުކުރުމުގައި ހީވާގިވަމާ ހިންގަވާށެވެ. އެހެން އިބާރަތަކުން ދަންނަވާނަމަ ވެހޭތާ ފެން ނަގަމާ ހިންގަވާށެވެ. އެހެންނޫނީ އަޅުގަނޑުމެން ހިތާމަކުރާންޖެހޭނެއެވެ.

comment ކޮމެންޓް