އެންމެ ފަހުން ޝާހުއާ އެކު މަސައްކަތް ކުރާނެ ބަތަލާ އިން ލިބިއްޖެ

ޑައިރެކްޓަރު އާނަންދު އެލް ރާއިގެ ކުރިއަށް އޮތް ފިލްމުގައި އޭނާ އާ އެކު ފެނިގެން ދާނީ ކެޓްރީނާ ކައިފް އަދި އަނުޝްކާ ޝަރްމާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

އެ ފިލްމަށް ބަތަލާ އިން ހަމަނުޖެހިގެން އެކަން ވަނީ މީޑިއާގެ ބޮޑު ސަމާލުކަމެއް ހޯދައިފަ އެވެ. ކުރިން އެ ފިލްމަށް ހަމަޖެއްސީ ހުނަރުވެރި ބަތަލާ އާލިއާ ބަޓް އެވެ. ނަމަވެސް ވަގުތު ދެވެން ނެތުމުން އާލިއާ ވަނީ ފިލްމު ދޫކޮށްލައިފަ އެވެ.

ޝާހު އާއެކު ފިލްމުގައި މަސައްކަތް ކުރާނެ އަންހެން ފަންނާނުން ނުލިބިގެން އުޅުމަށް ފަހު އެންމެ ފަހުން މިހާރު މިވަނީ އެ ފިލްމަށް ބަތަލާ އިން ހަމަޖެހިފަ އެވެ. ޑައިރެކްޓަރު އާނަންދު ވަނީ ފިލްމަށް ކެޓްރީނާ އަދި އަނުޝްކާ ހަމަޖެހިފައިވާ ކަން ޔަގީން ކޮށްދީފަ އެވެ.

ޝާހު، ކެޓްރީނާ އަދި އަނުޝް ވަނީ 2012 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ޖަބް ތަކް ހޭ ޖާން'ގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ފިލްމުގައި އަނުޝްކާ އާއި ކެޓްރީނާ އެކުގައި ފެނިގެންދާ އެއްވެސް މަންޒަރެއް ނުހިމެނޭނެ އެވެ. ޝާހު އެ ފިލްމުގައި އަދާކުރާނީ ޑްވޯފް އެއްގެ ރޯލެވެ. އެއީ އުމުރަށް ވުރެ ހަށިގަނޑު ކުޑަކޮށް ހުންނަ މީހެއްގެ ރޯލެވެ.

ފިލްމުގެ ޝޫޓިން ކުރިއަށް ދާނީ މީރަތު، ނިއު ދިއްލީ، މުމްބާއި އަދި އެމެރިކާގަ އެވެ.

comment ކޮމެންޓް