ގަދަވަޔާ އެކު ތިނަދޫ އަށް ގެއެއްގެ ފުރާޅު އެއްލާލައިފި

މިރޭ އެރި ކޮޅިގަނޑެއްގައި ތިނަދޫގެ ގެއެއްގެ ފުރާޅު އެއްލާލާފައި ---- ފޮޓޯ: ކިޔުންތެރިއެއް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވައި ގަދަވެ ގދ. ތިނަދޫ އަށް ގެއެއްގެ ފުރާޅުއެއްލާލައިފިއެވެ.

ތިނަދޫ ކައުންސިލް މެމްބަރު ސައުދު އަލީ "ސަން" އަށް ވިދާޅުވީ މިރޭ އިޝާ ނަމާދު ވަގުތު އެރަށަށް އެރި ކޮޅިގަނޑެއްގައި 20 ވަރަށް މިނެޓު ވަންދެން ވައި ބާރުވެ އެކި ގެ ތަކަށް އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށެވެ.

އެ ކޮޅިގަނޑުގެ ސަބަބުން އެރަށު އަށް ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

ތިނަދުއަށް މިރޭ އެރި ކޮޅިގަނޑުގައި ރުކެއް ވެއްޓިފައި

އެރަށަށް ނަގޫރޯޅިއެއް އެރިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރިނަމަވެސް އެއީ ދޮގެއް ކަމަށް ސައުދު ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލްގެ ނައިބް ރައީސް އައްސަދު އަލީ "ސަން" އަށް ވިދާޅުވީ އަށް ގެއެއްގެ ފުރާޅު އެއްލާލާފައިވާއިރު އިތުރު 15 ގެއެއްގެ ފުރާޅަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ.

ބޮޑަށް ގެއްލުން ވެފައިވަނީ އަލަށް ހަދަމުންދާ ގެތަކަށް ކަމަށާއި ގެތަކުގެ އިތުރުން ފަސް ގުދަނަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުގެ އެކި ހިސާބުތަކުގައި ހުރި ގެތަކަށް ގެއްލުންވި. ރުއްތަކާއި ބައެއް ގެ ތަކުގެ ފާރު ވެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ. ބޮޑަށް ގެއްލުންވީ ރަށުގެ ހުޅަނގު ފަރާތުގައި ހުރި ގެތަކަށް،" އައްސަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ހާލުގައި ޖެހުނު މީހުން މިހާރު ތިބީ އަވަށްޓެރި ގޭތަކުގެ ބޯހިޔާވަހި ކަމުގައެވެ. އަދި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަޝްވަރާ ކުރެވެމުން އަންނަ ކަމަށްވެސް އައްސަދު ވިދާޅުވިއެވެ.

އެމްއެންޑީއެފުން ބުނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގދ. ތިނަދޫ ހަތަރު ގެއެއްގެ ފުރާޅު އެއްލައިލި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ، މިރޭ 20:20 ކަންހާއިރު ކަމަށެވެ. އަދި އެ ޚާބަރު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިޔާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ.

އެ ހާދިސާގައި ދެ ރުކާއި ދެގަހެއް ވެއްޓި، މަގު ބަންދުވެފައި ވާތީ، މަގުތަކުސް ގަސްތައް ނަގައި ސާފުކުރުމުގެ މަސައްކަތްވެސް ސިފައިން ކުރަމުން ދާކަމަށެވެ.

comment ކޮމެންޓް