ޓްރަމްޕްގެ ޓުވީޓަކުން ގިނަ ބަޔަކަށް ހައިރާންކަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޓުވިޓާއާ ރަށްޓެހި ބޭފުޅެއް -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (މެއި 31): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޓުވިޓާއާ ވަރަށް ގާތް ބޭފުޅެކެވެ. ރަސްމީ ކަންތަކާއި ނުރަސްމީ ކަންތައްތަކާ ބެހޭ ގޮތުން ޓްރަމްޕް ކުރައްވާ ޓުވީޓުތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެންދެ އެވެ. ނަމަވެސް މިއަދު ހެނދުނު ޓްރަމްޕް ކުރެއްވި ޓުވީޓެއްގެ ސަބަބުން ގިނަ ބަޔަކަށް ލިބުނީ ހައިރާންކަމެވެ.

ބައެއް ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި ޓްރަމްޕް ޓުވީޓު ކުރައްވަން މަސައްކަތް ކުރެއްވީ މީޑިއާއިން އޭނާ ދައްކުވައިދޭ 'ގޯސް' ގޮތާ ބެހޭ ގޮތުންނެވެ. ނަމަވެސް އެޓުވީޓުގައި މީޑިއާ 'ކަވަރޭޖް'ގެ ބަދަލުގައި ޓްރަމްޕް ލިޔުއްވީ ހަމަނުޖެހޭ ބަހެކެވެ.

ރައީސް ޓްރަމްޕް ކުރެއްވި ޓުވީޓު --

އޭގެ ސަބަބުން ބައެއް ފަރާތްތަކުން އެބަހުގެ މާނަ ހޯދުމުގެ މަސައްކަތް ފެށި އިރު އެހެން ފަރާތްތަކުން ވަނީ އެބަސް ކިޔާނެ ގޮތަކާ ބެހޭ ގޮތުން ބަހުސެއް ފަށާފަ އެވެ. އެގޮތުން ޓީވީ ޗެނަލް ފިއުޝަން އިން ޓުވިޓާގައި ކުރިއަށް ގެންދިޔަ އަދި 20،000 މީހުން ބައިވެރިވި ހިޔާލު ހޯދުމުގެ ވޯޓަކުން ދެއްކި ގޮތުގައި އެބަސް ކިޔުން އެންމެ ރަނގަޅު ގޮތަކީ 'ކަވްފީފީ' އެވެ.

އެ ބަސް ޓުވިޓާގައި ޓްރެންޑް ވުމާ ގުޅިގެން އިނގިރޭސިވިލާތުގެ ރީޖެންޓް ޔުނިވާސިޓީގެ އިންގްލިޝް ލެންގުއެޖް ސެންޓަރުން ވަނީ 'ކަވްފީފީ' އަކީ އިނގިރޭސި ބަހެއް ނޫން ކަން ޔަގީންކޮށްދޭ ކަމަށް އެޔުނިވާސިޓީގެ ދަރިވަރުންނަށް އަންގާފަ އެވެ.

ނަމަވެސް ޓްރަމްޕް އެޓުވީޓު ކުރެއްވިތާ މާގިނަ އިރުތަކެއް ނުވެ ބައެއް ފަރާތްތަކުން ވަނީ އެބަސް ލިޔެފައިވާ ޓީޝާޓުތަކެއްވެސް އޮންލައިންކޮށް ވިއްކަން ފަށާފަ އެވެ.

އެޓުވީޓާ ބެހޭ ގޮތުން ވައިޓް ހައުސްއިން އެއްވެސް އެއްޗެކޭ ބުނެފައި ނުވި ނަމަވެސް ޓްރަމްޕް ވަނީ އެޓުވީޓު ކުރެއްވިތާ ފަސް ގަޑި އިރު ފަހުން ޓުވީޓު ޑިލިޓް ކުރައްވައި، އެބަހުގެ މާނަ ހޯދޭނީ ކާކަށްތޯ ސުވާލު ކުރައްވައި، ސަމާސާ ކުރައްވާފަ އެވެ.

comment ކޮމެންޓް