ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް ކަންކަން މުރާޖާކުރަނީ

ޓްރާސްންޕޯޓު އޮތޯރުިޓީން މިއަދު ބޭއްވި ނޫސްވެރންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވާހަކަ ދައްކަވަނީ -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގަމުން ދާތީ، އެފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް ކަންކަން މުރާޖާ ކުރާނެކަމަށް ކޯސްޓްގާޑުން މިއަދު ބުނެފި އެވެ.

ރޭގެ ވަގުތެއްގައި ސަމަ އައިލެންޑް ރިސޯޓުން ފުރައިގެން 14 މީހުންނާ އެކު ދަތުރުކުރި ލޯންޗެއް، ކަނޑުމަތީގައި އޮތް ދޯންޏެއްގައި ޖެހި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ވަނީ ހިނގައިފަ އެވެ. އެ ހާދިސާގައި ގިނަ ބަޔަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ އިރު، އެމީހުންނަށް އޭޑީކޭ ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކޯސްޓްގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ، ރޭގެ ހާދިސާ ހިނގީ މޫސުން ގޯސްވެ، ތަންތަން ނުފެންނަ ފަދަ ހާލަތެއްގައި ކަމަށެވެ.

"ދަތުރު ކުރަމުން ދިޔަ ފަރާތްތަކަށް ވެސް ހަގީގަތުގައި، ކުރިމަތީގައި އެއްޗެއް އޮތްކަން ވެސް ނޭނގި ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ކާނަލް މުހައްމަދު ވިދާޅުވީ މޫސުން ރަނގަޅު ނޫން ހާލުގައިވެސް އުޅަނދުތައް ދުއްވަން ޖެހޭނީ ކޮންޓްރޯލު ކުރެވޭ ސްޕީޑެއްގައި ކަމަށެވެ. ރާއްޖޭގައި ކަނޑު އުޅަނދުތަައް ބާރަށް ދުއްވާ ނަމަވެސް، ހާލަތު އޮތް ގޮތް ނޭނގޭ އިރު އެފަދައިން ދުއްވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، ކޮންޓްރޯލް ކުރެވޭ ސްޕީޑުގައި ދުއްވުމަށް ސަމާލުވާންޖެހޭ ކަމަށް ކާނަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ލޯންޗު ޖެހުނު ދޯނި އޮތީ ނުދިއްލާ ކަމަށާއި، އެހެން ނަމަވެސް މޫސުން ގޯސްވާ ހާލަތްތަކުގައި ވިޒިބިލިޓީއަކީ ދަށްވާ އެއްޗެއް ކަމަށެވެ.

"މާލޭގައި ހުންނަ އިރު ދެ ބަނޑޮސް ދޭތެރެއިން ބޭރު ފެންނާނީ އަބަދު ވެސް ފެންނާނެއޭ ހީވެދާނެ. އެކަމަކު ވިއްސާރަ އިރު ކޯސްޓް ގާޑުގައި ހުންނަ އިރު މާލޭ ނެރު ބައްތި ނުފެންނަ ހިސާބަށް ވެސް ދޭ. އެހެންވެ އެވަގުތަކު ވެހޭ ވާރޭގައި ވިޒިބިލިޓީ ވަރަށް ދަށްވޭ. ރޭގަނޑުގެ ދަން ގަޑީގައި އެކަން ވަރަށް ބޮޑަށް ދަށްވެގެން ދާނެ،"

ކޯސްޓްގާޑުގެ ކޮމާންޑަރު ވިދާޅުވީ، ކޮންމެ ހާދިސާއަކާ އެކު ގިނަ ކަންތައްތަކެއް ދަސްވާ ކަމަށެވެ. މި ހާދިސާއިން ވެސް ކަންތައްތަކެއް ދަސްވެ، ކަންކަން މުރާޖާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެނާ ވިދާޅުވި އެވެ.

އެގޮތުން، ކަނޑުމަތީގައި ދުއްވާ އުޅަނދުތައް ދުއްވާފައި ދަމުން މަޑުކުރަން ޖެހޭ ހާލަތުތަކުގައި މަޑު ކުރެވޭނެ ތަންތަން ދިރާސާކޮށްގެން ކަނޑައެޅުމާއި، މަޑު ނުކުރެވޭނެ ސަރަހައްދުތައް ކަނޑައަޅާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންމެ އުޅަނދެއްގައި ވެސް، 12 މޭލަށް އަލި ފެންނަ ވަރުގެ، ފަސް ވޯލްޓުގެ ބޮތްކެއް ހަރުކުރަން އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އިން އަންގާފައި އޮތީމާ ކަމެއް ކޮށްލުމުގެ ބަދަލުގައި، ދިވެހީންނަށް ބައްޓަންވާ ގޮތަށް ކަންކަން ކުރަން ޖެހޭނެ ކަމަށް ކޮމާންޑަރު ވިދާޅުވި އެވެ.

"އިތުރަށް ލައިޓު ލާންޖެހޭތޯ، މި ހުރިހާ ކަމެއް އަޅުގަނޑުމެން ދިރާސާ ކުރާނަން. ރައްޔިތުންނާއި އޮޑިވެރިންނާއި ކެޕްޓަނުންނާ މަޝްވަރާކޮށްގެން މިކަން ކުރާނީ. ދިވެހި ރައޔްިތުންނަށް، ދިވެހި ބައްޓަނަށް ލައިގެން މިކަމުގައި ދެން މަސައްކަތް ކުރާނީ،" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް