އިނިއެސްޓާ އަދިވެސް ވިސްނަނީ ބާސާއިން ކެރިޔަރު ނިންމާލަން

ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ: ބާސާއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން 2018 ވަނަ އަހަރުގެ މެދުތެރޭގައި ހަމަވާނެ --- ފޮޓޯ/ އޭޕީ

ވިސްނުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އަދިވެސް ވިސްނަނީ ބާސެލޯނާގައި ހުރެ ކެރިޔަރު ނިންމާލުން ކަމަށް ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ބުނެފިއެވެ.

އުމުރުން 33 އަހަރުގެ އިނިއެސްޓާ، ބާސާއާއެކު ހަދާފައިވާ އެއްބަސްވުން 2018 ވަނަ އަހަރުގެ މެދުތެރޭގައި ހަމަވާނެއެވެ. ނަމަވެސް އިނިއެސްޓާގެ ކުރިމަގާމެދު އޭނާ އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. މިސީޒަނުގައި ބާސާގެ ޓީމުން އޭނާ ފެނިފައިވަނީ 13 ސްޕެނިޝް ލަލީގާ މެޗުގައެވެ.

"އަހަރެން އަދިވެސް ބޭނުންވަނީ އުމުރުން 12 އަހަރުއްސުރެ ކުޅެމުން އަންނަ ކްލަބުން ކެރިޔަރު ނިންމާލަން. މިދިޔަ މަހު ވެސް އަހަރެން ކޮންމެވެސް ވަރަށް ވާނީ މިވާހަކަތައް ދައްކާފައި. ކެރިޔަރުގެ މިހާ ހިސާބުގައި ވިސްނުން ރަނގަޅު. އަހަރެން ގޮތެއް ނިންމާނަން،" އިނިއެސްޓާ ބުންޏެވެ.

ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރު އިނިއެސްޓާ ބުނީ، ކުރިއަށްއޮތް އަހަރުތަކުގައި ރަނގަޅު ކުޅުން ދެއްކޭނެ ހުރިހާ ހުނަރެއް އަދިވެސް އޭނާގެ ގައިގައި ހުރިކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު ފަހަރެއްގައި ކުރިއަށްއޮތް ތަނުގައި ކަންތައްތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.

އިނިއެސްޓާއަކީ ބާސާގެ ޔޫތު އެކަޑަމީން އުފެދުނު ކުޅުންތެރިއެކެވެ. ބާސާގެ ސީނިއާ ޓީމަށް 2001 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ އިނިއެސްޓާ ވަނީ އެ ކްލަބާއެކު އަށް ފަހަރު ލަލީގާއާއި، ފަސް ފަހަރު ކޮޕާ ޑެލްރޭއާއި، ހަތަރު ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގާއި، ތިން ފަހަރު ސުޕާ ކަޕް އަދި ތިން ފަހަރު ފީފާ ކްލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް