އީ ސިނގިރޭޓާއި ޝީޝާ ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ކުރަނީ

އަންހެނުންތަކެއް ޝީޝާ ބޮނީ --

ރާއްޖެއަށް އަލަށް ތައާރަފް ވަމުންދާ އީ ސިނގިރޭޓާއި ޝީޝާ އަދި ވޭފިން ފަދަ ތަކެތި ކޮންޓްރޯލް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކޮންމެ އަހަރެއްގެ މެއި 31 ވަނަ ދުވަހު ދުނިޔޭގައި ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި މިނިސްޓަރު އެގޮތަށް ވިދާޅުވީ، ދުންފަތް ބޭނުންކުރުންފަދަ ސިއްހީ ގޮތުން ނުރަނގަޅު އާދަތަކާ ދުރުހެލިކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވަމުންނެވެ.

އަދި ވިދާޅުވީ، އެހެން ގައުމުތަކުގައި އެއްގޮތަށް ރާއްޖޭގައި ވެސް ދުންފަތުގެ އުފެއްދުންތައް ބަންދު ކުރެވިފައި ހުންނަ ފޮށީގެ ބޭރުގައި ގްރެފިކް ހެލްތު ވޯނިން މެސެޖްތައް ވަރަށް އަވަހަށް ތައާރަފް ކުރެވޭނެ ކަމަށެވެ.

ނަމަވެސް އީ ސިނގިރޭޓާއި ޝީޝާ ފަދަ ތަކެތި ކޮންޓްރޯލްކޮށް ސިނގިރޭޓު ފޮށީގެ ބޭރުގައި މަންޒަރު ޖަހައިގެންދެވޭ މެސެޖްތަކެއް ތައާރަފް ކުރަން ފަށާނީ ކޮންއިރަކު ކަމެއް މިނިސްޓަރުގެ ހިތާބުގައި ވިދާޅެއްނުވެ އެވެ.

ދިވެހިންގެ ތެރޭގައި ފެޝަނަކަށްވެ ޒުވާނުން އެޔަށް ދެވިހިފާފައިވާ ޝީޝާ، ޝޯޝަލް މީޑިއާތަކާއި އެހެނިހެން ގޮތްގޮތުން އިސްތިހާރު ކުރުމަކީ މިހާރު އާއްމު ކަމެކެވެ. އެގޮތުން ބައެއް ރެސްޓޯރެންޓް ކެފޭ ތަންތަން އިސްތިހާރު ކުރުމަށް ޝީޝާ ބޭނުން ކުރާއިރު، ބައެއް ހަރަކާތްތައް ހިންގުމަށް ވެސް ޝީޝާގެ ޕްރޮމޯޝަންތައް ހިންގައެވެ.

ނަމަވެސް އެހެން ގައުމުތަކުގެ ސަގާފަތެއް ކަމަށް ވެފައި އޮންނަ ޝީޝާ އިން ލިބޭ ގެއްލުން ސިނގިރޭޓާ އެއްފަދައެވެ. އެމެރިކާގެ ސެންޓާ ފޮ ޑިސީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން (ސީޑީސީ) ބުނެފައި ވަނީ ސިނގިރޭޓް ދުމުގައި ހިމެނޭ ގިނަ ވިހަ މާއްދާތަކެއް ޝީޝާގައި ވެސް ހިމެނޭ ކަމަށެވެ.

އަދި ޝީޝާގައި ބޭނުން ކުރާ ޗާކޯލްގެ ސަބަބުން ދުންފަތް ހޫނުވެ، އޭގެ ސަބަބުން މަތީ އަދަދަކަށް ކާބޮން މޮނޮކްސައިޑް އާއި ދަނގަޑު އަދި ކެންސަރު ޖެހޭ ފަދަ ވިހަތައް އިންސާނާގެ ހަށިގަނޑަށް ދެއެވެ.

ސިނގިރޭޓު ބުއިން ހުއްޓުމަށް ކަމަށް ބުނެ ޒުވާނުންގެ ތެރޭގައި މިހާރު އާއްމު ވަމުން އަންނަ އީ ސިނގިރޭޓާއި ވޭޕަކީ ވެސް ގެއްލުން ބޮޑު އެއްޗެކެވެ. އެމެރިކާގެ ޖާނަލް އޮފް އެޑިކްޝަން މެޑިސިއިން ހެދި ދިރާސާއަކުން ދައްކާ ގޮތުން އީ ސިނގިރޭޓް އަދި ވޭޕަރުގައި ބޭނުންކުރާ ދިޔާ ފްލައިޑަކީ ސިނގިރޭޓުގައި ވެސް ހިމެނޭ ދެވި ހިފާ މާއްދާ އެއް ކަމަށްވާ ނިކޮޓިން ހިމެނޭ އެއްޗެކެވެ.

މިނިސްޓަރުގެ ހިތާބުގައި ވިދާޅުވި ގޮތުގައި ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކުގައި ދުނިޔޭގައި އަހަރަކު ހަތް މިލިއަން މީހުން މަރުވެއެވެ. އަދި ރާއްޖޭގައި މަރުވާ މީހުންގެ 81 ޕަސެންޓަކީ ވެސް އެފަދަ ބަލިތަކުގެ ސަބަބުން މަރުވާ މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އަހަރަކު 462 މިލިއަން ސިނގިރޭޓް ރާއްޖެއަށް އެތެރެކުރެވޭއިރު، އެކަމަށް 1.1 ބިލިއަން ރުފިޔާ އިސްރާފު ކުރެވޭ ކަމަށެވެ.

"ރާއްޖެއަކީ ދުންފަތް އުފައްދާ ގައުމެއް ނޫން. އެހެނަސް ދުންފަތް އެތެރެކޮށް ބޭނުންކުރާ ގައުމެއް. އެހެންކަމުން ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިން ބޮޑު ނަފާއެއް ލިބެމުންދަނީ ހަމައެކަނި ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކާ މައިގަނޑު މަދު ވިޔަފާރިތަކަކަށް. އެހެން އެންމެންނަށް އެކަމުން ލިބެމުންދަނީ ނުހަނުނުމެ ބޮޑު ގެއްލުން،" މިނިސްޓަރު ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާކުރުމުގެ މައްސަލަ އާއި ދުންފަތް ކޮންޓްރޯލް ކުރުމާ މެދު ވަރަށް ފުންކޮށް ވިސްނަންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ، ދުންފަތުގެ ޝިކާރައަކަށްވެ އެ އަމަލުކޮށް އެކަމުން ލިބޭ ހުރިހާ ގެއްލުމެއް ލިބުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށެވެ. އަދި އެ ގެއްލުން ތިމާގެ ސަބަބުން މުޖުތަމައުގެ އެހެން މީހުންނަށް ފޯރުކޮށްދިނުމަކީ ވެސް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.

މިނިސްޓަރުގެ ހިތާބު މިއަދު ނިންމަވާލެއްވީ މައިންބަފައިންނާއި މުދައްރިސުންނާއި ސިޔާސީ ފަރާތްތަކާއި މުއައްސަސާތަކުގެ ވެރިންނާއި ގައުމުދެކެ ލޯބިވާ އެންމެހާ ފަރާތްތަކުގެ ކިބައިން ކަންތައްތަކަކަށް އެދެމުންނެވެ.

"ފުރާވަރު ކުދިންނާއި ޒުވާނުން އަދި ގައުމުގެ މަސައްކަތްކުރާ އުމުރުފުރާގެ ގިނަ ބަޔަކު ދުންފަތުގެ ވިހަ ދުމެއް ހުށަހެޅި، އެމީހުންނާއި ގައުމުގެ މުސްތަގްބަލް ބަނަވެގެންދާތަން ބަލަން އެއްވެސް ކަމެއް ނުކޮށް ތިބުމަކީ އެކަކަށް ވެސް އޮތް އިހްތިޔާރެއް ކަމުގައި ގަބޫލުފުޅު ނުކުރައްވާށޭ،"

"ޒުވާން ޖީލު ދުންފަތުގެ ވަބާއިން ރައްކާތެރިނުކުރެވޭނަމަ ތަރައްގީއަށް އެތައް ގޮންޖެހުންތަކެއް ކުރިމަތި ވަމުން އަންނާނެކަން ގަބޫލުފުޅު ކުރައްވާށޭ. ދުންފަތް ކޮންޓްރޯލް ކުރުމަކީ ފަރުދީ އަދި ގައުމީ ޒިންމާއެއްކަން ގަބޫލުފުޅު ކުރައްވާ ދުންފަތުގެ ވަބާއިން ރައްޔިތުންނާއި ގައުމު ސަލާމަތްކޮށް ދިނުމުގެ މާތް އަޒުމުގައި މިއަދު މަސައްކަތް ފައްޓަވާދެއްވާށޭ،"

comment ކޮމެންޓް