ލޯންޗް އެކްސިޑެންޓްގައި ޒަހަމްވި ދެމީހަކު އޮތީ ވެންޓިލޭޓަރުގެ އެހީގައި: އޭޑީކޭ

ރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭއަށް ގެންދަނީ -- ސަން ފޮޓޯ: މުހައްމަދު ސަމާހް

ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެކިވަރުގެ ޒަހަމްތައް ރޭ ލިބުނު 14 މީހުންގެ ތެރެއިން ދެމީހެއްގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އެމީހުންނަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އޭޑީކޭ އިން ބުނެފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، އެ ދެމީހުންގެ ތެރެއިން އެކަކުގެ އެތެރޭގެ ބައެއް ގުނަވަންތަކަށް ނުވަތަ "އިންޓާނަލް އޯގަންސް" އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ބައެއް ގުނަވަނަށް ލޭ އެޅިފައިވާ ކަމަށާއި އެ ދެމީހުންގެ ވެސް ސާޖަރީ ހަދާފައިވާ ކަމަށް އައްފާލް ވިދާޅުވި އެވެ. އެތަނުން ދެވަނަ މީހާއަށް ބޮޑަށް ގެއްލުންވެފައި ވަނީ ބޮލަށެވެ.

ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން 14 މީހަކު އޭޑިކޭއަށް ގެންގޮސްފައިވެއެވެ. އޭގެތެރެއިން ތިން މީހަކު ރޭ ވަނީ ދޫކޮށްލާފައެވެ. ބާކީ 11 މީހުންނަށް އަދި ވެސް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

އައްފާލް ވިދާޅުވީ ޒަހަމްތަކެއް ވެގެން ހޮސްޕިޓަލަށް ގެނައި މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން ދަނީ ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ) ގައި ކަމަށާއި އެ ތިން މީހުންގެ ހާލު ރަނގަޅުވަމުންދާ ކަމަށެވެ.

އޭގެ އިތުރުން ޖުމްލަ ހަތަރު މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާ އިރު، އިތުރު ހަތަރު މީހަކަށް ޖެނެރަލް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. ވޯޑުގައި ފަރުވާ ދެމުންދާ މީހުންނަށް މާ ބޮޑު އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް އޭޑީކޭއިން ބުނެއެވެ.

ރޭ ހިނގި އެކްސިޑެންޓުގައި ޒަހަމްވެފައި ވަނީ ސަމާ އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ އެ ރިސޯޓްގެ މުވައްޒަފުންނަށެވެ.

ރޭ ގާތްގަނޑަކަށް 8:30 އާއި 9:00 އާއި ދެމެދުގެ ވަގުތެއްގައި އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ، ސަމާ އައިލެންޑުން ފުރައިގެން ދަތުރުކުރި ދޯންޏެއް، ރީތިރަށް ރިސޯޓް ކައިރީ އަޅާފައި އޮތް ދޯންޏެއްގައި ޖެހިގެންނެވެ. އެކްސިޑެންޓް ހިނގިއިރު ރީތިރަށް ރިސޯޓް ކައިރީ އޮތް ދޯނީގައި އެއްވެސް އަލިކަމެއް ނެތް ކަމަށާއި އޭގައި ލޯންޗް ޖެހުނީ އަލިކަމެއް ނެތުމުގެ ސަބަބުން ލޯންޗްގެ ކައްޕިއަށް ނުފެނިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް