ލޯންޗެއް އެކްސިޑެންޓްވެ 14 މީހަކަށް ސީރިއަސް ޒަހަމްތަކެއް!

މިރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލްގައި -- ސަން ފޮޓޯ: މުހައްމަދު ސަމާހް

ސަމާ އައިލެންޑް ރިސޯޓުން ފުރައިގެން ދަތުރު ކުރި އުޅަނދެއް ރީތިރަށް ރިސޯޓް ކައިރީ އަޅާފައި އޮތް އުޅަނދެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެކްސިޑެންޓް ހިނގި އިރު ދުއްވާފައި ދިޔަ އުޅަނދުގައި 15 މީހުން ތިބި ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ސްޕޯކްސްޕާސަން ކެޕްޓަން އާޒިމް ވިދާޅުވި އެވެ.

މިރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލްގައި -- ސަން ފޮޓޯ: މުހައްމަދު ސަމާހް

އެކްސިޑެންޓް ހިނގިއިރު އޭގައި ތިބި މީހުންނަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައި ކަމަށް އޭޑީކޭގެ އޮފިޝަލުންނާ ހަވާލާދީ އެ ހޮސްޕިޓަލުގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަ ސަން ގެ ނޫސްވެރިން މައުލޫމާތުދެ އެވެ.

އެމީހުންނަށް ލިބުނު ޒަހަމްތަކުގެ ސީދާ ތަފްސީލެއް އަދި ނުލިބެ އެވެ. ނަމަވެސް 14 މީހަކު މިހާރު ވަނީ އޭޑީކޭއަށް ގެންގޮސްފައެވެ.

އެކްސިޑެންޓުގައި ޒަޚަމްވި މީހުންގެ ހާލަތާ ގުޅޭގޮތުން އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އައްފާލް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: މުހައްމަދު ސަމާހް

އެކްސިޑެންޓްގައި އަނިޔާލިބުނު ފަރާތްތަކާ ގުޅޭގޮތުން އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، އެކި މީހުނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ވަކިވަކި މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ހާމަކުރަން މިވަގުތު ދަތިކަމަށެވެ.

"އަޅުގަނޑުމެންގެ ޑޮކްޓަރުން ގެންދަވަނީ އެ ފަރާތްތަކަށް ފަރުވާދެއްވަމުން. އަދި ވަގުތުކޮޅެއް ނަގާނެ ލިބިފައިހުރި އިންޖަރީތަކާ ގުޅޭ މައުލޫމާތު ރަސްމީގޮތެއްގައި ހާމަކުރަން،" އައްފާލް ވިދާޅުވިއެވެ.

މިރޭ ހިނގި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލްގައި -- ސަން ފޮޓޯ: ފަޔާޒް މޫސާ

އޭނާ ވިދާޅުވީ، 14 މީހަކަށް ފަރުވާ ދެމުން ގެންދާއިރު، އޭގެ ތެރޭގައި ބިދޭސީ ދެމީހަކު ހިމެނޭ ކަމަށެވެ. އެގޮތުން، އައިސީޔޫގައި 3 މީހަކު، އީއާރުގައި 2 މީހަކު އަދި އޮބްޒަވޭޝަން ގައި 7 މީހަކަށް ފަރުވާދެމުންދާ ކަމަށެވެ.

އެ އެކްސިޑެންޑް ހިނގަން މެދުވެރިވީ، ރީތިރަށް ރިސޯޓްކައިރީ އަޅާފައި އޮތް މުދާ އުފުލާ އުޅަނދެއް، އެއްވެސް ލައިޓެއް ނުދިއްލާ ނިއްވާލާފައި އޮތުމުން، ސަމާ އައިލެންޑުން ދަތުރުކުރި ލޯންޗުގެ ކައްޕިއަށް އެ އުޅަނދު ނުފެނިގެންނެވެ.

އެމީހުން މިހާރު ވަނީ ސަމާ އައިލެންޑްގެ ލޯންޗަކާއި ރީތިރަށް ރިސޯޓްގެ ލޯންޗެއްގައި މާލެއަށް ގެނެސްފައެވެ. ލޯންޗްގައި ތިބި 15 މީހުންނަކީ ވެސް ސަމާ އައިލެންޑް ރިސޯޓްގެ ސްޓާފުންނެވެ.

comment ކޮމެންޓް