އިލެކްޓްރޯނިކް ސިސްޓަމުން ވޯޓުދީގެން، އެސްޓީއޯގެ ހިއްސާއަކަށް 51 ރުފިޔާ ބަހަން ފާސްކޮށްފި

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އިލެކްޓްރޯނިކް ސިސްޓަމުން ވޯޓުލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯގެ އަހަރީ އަންމު ޖަލްސާއެއްގައި ހިއްސާދާރުން ވޯޓުދިނުމަށް ފަރުމާކުރި އިލެކްޓްރޯނިކް ވޯޓިންގް ސިސްޓަމްގެ ބޭނުން ފުރަތަމަ ފަހަރަށް ހިފައި، އެކުންފުނީގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކާށް 51 ރުފިޔަ ބެހުމަށް ފާސްކޮށްފިއެވެ.

އެސްޓީއޯއިން މިރޭ ދަރުބާރުގޭގައި ވަނީ، އެކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފައެވެ. އެ ޖަލްސާގައި ހިއްސާދާރުން ވޯޓުލުމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ އެސްޓީއޯއިން ފަރުމާކުރި ޚާއްސަ އިލެކްޓްރޯނިކް ވޯޓިންގް ސިސްޓަމެއް މެދުވެރިކޮށެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އިލެކްޓްރޯނިކް ސިސްޓަމުން ވޯޓުލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަލްސާއަށް ހާޒިރުވީ 172 ހިއްސާދާރުންނެވެ. އެއީ 948،020 ހިއްސާއެވެ. ނަމަވެސް މެޖޯރިޓީ ހިއްސާދާރުގެ އެދުމުގެ މަތިން މިރޭގެ ވޯޓުތައް ކުރިޔަށް ގެންގޮސްފައިވަނީ ކޮންމެ ހިއްސާއަކީ އެއް ވޯޓުގެ ގޮތުގައި ބަލައިގެންނެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 51 ރުފިޔާ ބެހުމަށް ފާސްކުރީ 948،020 ހިއްސާގެ ތެރެއިން 942،610 ހިއްސާގެ ވޯޓު ލިބިގެންނެވެ. އެއާ ދެކޮޅަށް ވޯޓު ދިނީ 5،410 ހިއްސާއެވެ.

އިލެކްޓްރޯނިކް ސިސްޓަމް ބޭނުންކޮށްގެން ވޯޓުލުމުގެ ކަންކަން ކުރިޔަށް ދިޔައީ ވަރަށް ހަލުއިކޮށެވެ. އެގޮތުން، ޖަލްސާއަށް ހާޒިރުވި ކޮންމެ ހިއްސާދާރަކަށް ރަތް ކުލައާއި ފެހި ކުލައިގެ ވޯޓު ކާޑެއް ދިން އިރު، ވޯޓު ލުމަށް ހަދަން ޖެހުނު ގޮތަކީ، އެސްޓީއޯގެ މުވައްޒަފުންގެ އަތުގައި އޮތް ޓެބްލެޓުގައި ހުރި ދަގަނޑު ޕެޑުގައި ކާޑު ޖައްސާލުމެވެ. ވޯޓަށް އެހި ކޮންމެ އައިޓަމެއްވެސް ކުރިޔަށް ގެންގޮސް ނިންމާލުމަށް ނެގީ ދެ މިނިޓެއްހާ ވަގުތެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި އިލެކްޓްރޯނިކް ސިސްޓަމުން ވޯޓުލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި ހަތް މެމްބަރުން ތިބޭ އިރު، ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަނުކުރި ހަ މެމްބަރުންނަކީ މިހާރުވެސް ބޯޑަށް ސަރުކާރުން ލާފައިވާ ހަ މެމްބަރުންނެވެ. އެއީ ކުންފުނީގެ ޗެއާމަން ހުސައިން ސާލިމް މުހައްމަދު، މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު، އަދި ޑިރެކްޓަރުން މުހައްމަދު މިހާދު، އާމިރު މަންސޫރު، އާއިޝަތު ރަފިއްޔާ އަދި އާއިޝަތު ރަޔާހީން ޝަރީފެވެ.

ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް އިންތިޚާބުވީ، މިހާރުވެސް އާންމު ހިއްސާދާރުން ތަމްސީލުކުރާ މެމްބަރު މުހައްމަދު ފަރުސަތެވެ.

އެސްޓީއޯއަށް 2016 ވަނަ އަހަރު ވަނީ ސާފު ފައިދާގެ ގޮތުގައި 288.2 މިލިޔަން ރުފިޔާ ލިބިފައެވެ. އަދި އެސްޓީއޯ ގްރޫޕުގެ ދަށުން ހިނގާ ހުރިހާ ކުންފުންޏަކަށް ޖުމްލަ 430.6 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފައިވެއެވެ.

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިރޭ ބޭއްވި ޖަލްސާގައި ހިއްސާދާރުންނަށް ޕްރެޒެންޓޭޝަނެއް ދެއްވަމުން، އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏަކަށް ވާ އިރު، އެކުންފުނިން މަސައްކަތް ކުރަނީ ބޮޑު ފައިދާއެއް ހޯދުމަށް ނޫން ކަމަށެވެ. ޝަހީރު ވިދާޅުވި ގޮތުގައި އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަނީ އެކަށީގެންވާ ފައިދާއެއް ހޯދައި، ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދިނުމަށެވެ.

އެސްޓީއޯއަކީ ދައުލަތުގެ 81.63 ޕަސަންޓު ހިއްސާ، އަދި އާންމުންގެ 18.37 ޕަސަންޓު ހިއްސާ އޮންނަ، ދައުލަތުގެ ވިޔަފާރި ކުންފުންޏެވެ.

comment ކޮމެންޓް