ވެންގާގެ ކޮންޓްރެކްޓް އާކުރަން އާސެނަލުން ނިންމައިފި

އެފްއޭ ކަޕްގެ ތަށި އާސެނަލްގެ ކޯޗު އާސެން ވެންގާ އުފުލައިލަނީ: އާސެނަލުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 2-1 ލަނޑުގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށްގެން --- ފޮޓޯ/ އޭޕީ

ގިނަ އަދަދެއްގެ ސަޕޯޓަރުން ނުރުހުން ފާޅުކުރި ނަމަވެސް އިތުރު ދެ އަހަރަށް އާސެނަލްގައި މަޑުކުރުމަށް އެޓީމުގެ މިހާރުގެ ކޯޗް އާސެން ވެންގާ ނިންމައިފިއެވެ.

އުމުރުން 65 އަހަރުގެ ކޯޗް އާސެނަލްގައި އިތުރު ދެ އަހަރު މަޑުކުރަން ނިންމާފައިވާކަން މީޑީއާ ތަކުން ހާމަކޮށްފައިވަނީ އާސެނަލްގެ މެޖޯރިޓީ ޝެއާ ހޯލްޑަރުންނާ އެކު ސިއްރިޔާތުގައި ބޭއްވި ބޯޑް ބައްދަލުވުމަށްފަހުގައެވެ.

އުމުރުން 65 އަހަރުގެ ކޯޗް އާސެނަލްގައި މަޑުކުރާނެކަން މާދަމާގެ ވަގުތެއްގައި އިއުލާންކުރާނެ ކަމަށް ބެލެވޭއިރު ވެންގާ ވަނީ މި ސީޒަނުގެ އިނގިރޭސި ލީގު ޗެމްޕިއަން ބަލިކޮށް އާސެނަލަށް އެފްއޭ ކަޕް ހޯދައިދީފައެވެ.

މި ސިޒަނުގައި އާސެނަލް ކުޅުނު މެޗު ތަކުން ނެރުނު ދަށް ނަތީޖާތަކާ ގުޅިގެން އަދި ޗެމްޕިއަންސް ލީގުން އެޓީމަށް މި އަހަރު ޖާގައެއް ނުލިބުމުން އެޓީމަށް ސަޕޯޓް ކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ ވެންގާ މަގާމުން ދުރުކުރުމަށް ގޮވާލާފައެވެ.

ނަމަވެސް ޗެލްސީއަތުން މޮޅުވެ އެފްއޭ ކަޕް އާސެނަލް ހޯދުމާ އެކު އިތުރު ސީޒަނަކަށް ވެންގާ އާސެނަލްގައި މާޑުކުރާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ.

ފްރާންސަށް އުފަން ވެންގާ އެންމެ ފުރަތަމަ އާސެނަލްއާ ގުޅުނީ 1996 އަހަރުއެވެ. މިހާރު އޭނާ އާސެނަލަށް އިރުޝާދު ދޭތާ 21 އަހަރު ވެފައިވާއިރު އޭނާ ވަނީ އެކުލަބާ އެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފައެވެ.

comment ކޮމެންޓް