ސްރީލަންކަންއިން އިންޑިއާގެ ދެކުނުގެ ތިން ސިޓީއަށް ދަތުރުތައް ފަށަނީ

ސްރީލަންކަން އެއާލައިންގެ ފްލައިޓެއް ---

ސްރީލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސްއިން އިންޑިއާގެ ދެކުނުގެ ތިން ސިޓީއަކަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

ސްރީލަންކަން އެއާލައިންސްއިން މައުލޫމާތު ދޭ ގޮތުގައި، އަންނަ ޖުލައި މަހުގެ ތެރޭގައި އެ އެއާލައިންގެ ނެޓްވޯކު ފުޅާ ކުރަނީ އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ ކޮއިމްބަތޫރު، ތެލަންގަނާ ސްޓޭޓުގެ ހައިދަރުއާބާދު އަދި އަންދްރާ ޕްރަދޭޝްގެ ވިސާކާޕަތުނަމަށެވެ.

މި މަންޒިލުތަކާ ކޮލޮމްބޯއާ ސީދާ ގޮތުން ގުޅާލާ އިރު، ސްރީލަންކަންއިން ގެންދާނީ ނިއުދިއްލީއާއި މުމްބާއީއަށް ކުރާ ދަތުރުތައް އިތުރު ކުރަމުންނެވެ.

ސްރީލަންކަން އެއާލައިންސްގެ ޗީފް ކޮމާޝަލް އޮފިސަރު ސިވާ ރާމަޗަންދްރަން ވިދާޅުވީ އިންޑިއާއަކީ ސްރީލަންކަން އެއާލައިންސްގެ ވަރަށް މުހިންމު މަންޒިލެއް ކަމަށެވެ. އަދި އިންޑިއާގެ އާ މަންޒިލުތަކަށް ދަތުރު ފެށުމަކީ ލަންކާއާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރިއާއި ޚާރިޖީ ގުޅުންވެސް ބަދަހި ކޮށްދޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކަން އެއާލައިންސްއިން މިދިޔަ އަހަރުގެ ތެރޭގައި ވަނީ، އެ އެއާލައިނުން އޭޝިއާގެ އާ ގިނަ މަންޒިލުތަކަކަށް ދަތުރުކުރުމަށް އަމާޒު ހިފައި، އެ މަސައްކަތް ފަށައިފައެވެ. އެ އެއާލައިނުން އިންޑިއާގެ 10 ސިޓީއަކަށް މިހާރުވެސް ދަތުރުކުރެއެވެ. އެއީ މުމްބާއީއާއި ދިއްލީގެ އިތުރުން ޗެންނާއި، ބެންގަލޫރު، ތިރުޗިރައްޕަލި، ތިރުވަނަންތަޕޫރަމް، ކޮޗިން، މަޑޫރާއި، ވަރަނާސީ އަދި ބޮދް ގާޔާއެވެ.

comment ކޮމެންޓް