ސެޓެލައިޓާ ނުލައި ބްރޯޑްކާސްޓް ކުރުމަށް ޖަޕާނުން 25 މިލިއަން ޑޮލަރު ހަދިޔާކޮށްފި

ސެޓެލައިޓާ ނުލައި ބްރޯޑްކާސްޓް ކުރާ ނެޓްވޯކެއް ގާއިމް ކުރުމަށް ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ދިން ގްރާންޓުގެ އެއބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ

ސެޓެލައިޓާ ނުލައި ބްރޯޑްކާސްޓް ކުރާ ނެޓްވޯކެއް ގާއިމް ކުރުމަށް ޖަޕާން ސަރުކާރުން ދިވެހިރާއްޖެ އަށް 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހިލޭ އެހީ ފޯރުކޮށްދީފި އެވެ.

ސްޓެލްކޯ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ގްރާންޓް އެގްރީމެންޓުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. ޖަޕާނުގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒޫމީ އެންޑޯ އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ އެ ގްރާންޓް އެހީ އަކީ ރާއްޖޭގެ ތާރީޚުގައި ވެސް ޖަޕާނުން ރާއްޖެއަށް ދިން އެންމެ ބޮޑު ފައިސާގެ އެހީ ކަމަށާއި އެކަމުން ދޭހަ ވެގެން ދަނީ ރާއްޖެ އާއި އެގައުމާ ދެމެދު އޮތް ގާތް ގުޅުން ކަމަށެވެ. އަދި އެ ޕްރޮޖެކްޓަކީ 2014 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާ ކުރެވި، ހަމަޖެހިގެން ދިޔަ ޕްރޮޖެކްޓެއް ކަމަށެވެ.

އެމަޝްރޫއުގެ މަގްސަދަކީ ޖަޕާނުގައި ބޭނުންކުރާ އައިއެސްޑީބީ-ޓީ ނިޒާމު ބޭނުންކޮށްގެން ރާއްޖޭގައި ޑިޖިޓަލް ޓެރެސްޓްރިއަލް ބްރޯޑްކާސްޓިންގް ނިޒާމެއް ގާއިމުކުރުން ކަމަށް ފިނޭންސުން ބުންޏެވެ. އެ ނިޒާމުގެ ދަށުން ސަބްމެރިން ކޭބަލް އެޅުމާއި މޫސުމީ ބަދަލުތައް ފަސޭހައިން ދަނެގަނެވޭ ފަދަ ހަރުދަނާ ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށް ވެސް އެެ މިނިސްޓްރީ އިން ބުންޏެވެ.

އެ މަސައްކަތުގެ އަމަލީ މަސައްކަތުގައި އުޅޭނީ ޖަޕާނުގެ ޓެކްނޮލޮޖީ ކުންފުންޏަކާއި ޕީއެސްއެމްއިންނެވެ. އެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ އެމްޑީ އިބްރާހީމް ޚަލީލް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތް 23 މަސްދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މުއްދަތަށް ވުރެ ކުރިން ވެސް އެ ނިޒާމުގެ ޚިދުމަތް މުޅި ރާއްޖެއަށް ދެވޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައިއެސްބީޓީ ގެ ނިޒާމު ތަންފީޒުވެގެންދާއިރު މި ޚިދުމަތް ލިބޭނީ ހަމަ އެކަނި ޕީއެސްއެމްގެ ޗެނަލްތަކަކަށް ނޫން. މި ޚިދުމަތުގެ ތެރޭގައި ރާއްޖޭގެ ޕްރައިވެޓް ބްރޯޑްކާސްޓަރުން ވެސް ހިމެނޭނެ. ސެޓެލައިޓާ ނުލައި ޓްރާންސްމިޝަން ޓަވަރުތަކެއް ބޭނުންކޮށްގެން، އަދި ބައެއް ހިސާބުތަކުގަ ސަބްމެރިން ފައިބާ ވެސް އެޅިގެން ތުރާކުނުން އައްޑޫއާ ހަމައަށް ޚިދުމްތަ ފޯރުކޮށްދޭނަން،" ޚަލީލް ވިދާޅުވި އެވެ.

އެ ޚިދުމަތް ރެގިއުލޭޓުކޮށް ބަލަހައްޓާނީ ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. ޕީއެސްއެމްގެ މަސައްކަތަކީ ޕްރޮޖެކްޓު ހިންގުމެވެ.

"ރާއްޖެ މި އޮތް ގޮތުން ކުރިން ދުރާލާ އިންޒާރުދިނުން، ޚާއްސަކޮށް ސުނާމީ އާލީ ވޯނިން. ދުރާލާ އިންޒާރު ލިބޭނެ. ހިންގަން ތިބި ބަޔަކު ނިދާފަ ތިއްބަސް އޮޓޮމެޓިކް ނިޒާމެއްގެ ތެރެއިން އެ މަސައްކަތް ކުރަމުން ގޮސް ގޭގޭ ގެ ޓީވީތައްވެސް ހުޅުވި، އެލާމުތައް އެޅުވި، އަޅުގަނޑު ވަރަށް ތަފްސީލްކޮށް މި ދަންނަވާލީ. މިހާ ވަރަށް މީގެ ބެނުން ހިފިގެން ދާނެ،" ޚަލީލް ވިދާޅުވި އެވެ.

މި ޕްރޮޖެކްޓު ހިންގަނީ ދިވެހި ސަރުކާރުން ވެސް އިންވެސްޓު ކުރާ ގޮތަށެވެ. ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 35 މިލިއަން ޑޮލަރެވެ. ޖަޕާނުން މި ޕްރޮޖެކްޓުގެ ބޮޑު ބައެއްގައި ހިފައި އޭގެ ފަންޑިން ހަދިޔާކޮށްފައިވާ އިރު ބާކީ ބައި ފަންޑު ކުރާނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.

ޖަޕާނުގެ އެމްބެސެޑަރު ވިދާޅުވީ "ޑިޖިޓަލް ޓެރެސްޓްރިއަލް ބްރޯޑްކާސްޓިންގް ނެޓްވޯކު"އަކީ ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާ، އަދި އެކަމުގެ ސަބަބުން އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ ރައްޔިތުންނަށް ލިބޭ މަޝްރޫއަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް