ފަސް އަހަރަށް ފަހު ޕަރިނީތީ އާއި އަރްޖުން އަނެއްކާ ވެސް އެކުގައި

ދެހާސް ބާރަ ވަނަ އަހަރު ރިލީޒް ކުރި ފިލްމު އިޝަގްޒާދޭ އިން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޖޯޑު، ޕަރިނީތީ ޗޯޕްރާ އަދި އަރްޖުން ކަޕޫރު ވަރަށް އަވަހަށް އެކުގައި ފިލްމަކުން ފެނިގެން ދާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ހަބީބް ފައިސަލްގެ 'އިޝަގްޒާދޭ'ގައި ދެމީހުންގެ ފަރާތުން ފެނިގެން ދިޔަ ކެމިސްޓްރީ ގިނަ ބަޔަކު ފާހަގަ ކުރި އެވެ. ނަމަވެސް އޭގެ ފަހުން ދެމީހުން އެކުގައި ފިލްމެއްގެ މަސައްކަތް ކޮށްފައެއް ނުވެ އެވެ.

ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން، ގައުމީ އެވޯޑު ހޯދާފައިވާ ޑައިރެކްޓަރު ދިބާކަރު ބެނަރްޖީގެ ކުރިއަށް އޮތް ފިލްމުން ފެނިގެން ދާނީ ޕަރިނީތީ އަދި އަރްޖުން އެވެ. އެއީ ލޯބީގެ ވާހަކަތަކެއްގެ މައްޗަށް އުފައްދާ އެކްޝަން ފިލްމެކެވެ.

ޚަބަރުތައް ބުނާ ގޮތުން، މިދިޔަ ޖެނުއަރީ މަހު ދެ ތަރިން ވެސް ވަނީ ފިލްމަށް އެއްބަސްވެފަ އެވެ. މިއީ ފަސް އަހަރު ފަހުން ދެމީހުން އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.

'އިޝަގްޒާދޭ' އަކީ ޕަރިނީތީ އަދި އަރްޖުން އަށް ވެސް ޚާއްސަ ފިލްމެކެވެ. އެއީ އަރްޖުންގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ. އަދި ޕަރިނީތީ އެ ފިލްމުގައި އަދާކުރި ރޯލަށް ގައުމީ ފިލްމު އެވޯޑުގައި ޚާއްސަ އެވޯޑެއް ވަނީ ލިބިފަ އެވެ.

އަރްޖުން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ޝްރައްދާ ކަޕޫރު އާއެކު ފިލްމު 'ހާފް ގާލްފްރެންޑް' އިންނެވެ. އަރްޖުން ދެން އެންމެ އަވަހަށް ފެނިގެން ދާނީ އަނީސް ބަޒްމީގެ 'މުބާރަކާން' އިން އަރްޖުން ކަޕޫރު އާއެކު އެވެ.

ޕަރިނީތީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 'މޭރީ ޕިޔާރީ ބިންދޫ' އިންނެވެ. ޕަރިނީތީ ދެން އެންމެ އަވަހަށް ފެނިގެން ދާނީ 'ގޯލްމާލް 4' އިންނެވެ.

comment ކޮމެންޓް