ހައްޖު ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓް ކުރަން އޭސީސީން އަންގައިފި

ހައްޖަށްދާ މީހުން ފުރުން -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖަށް މީހުން ގެންދިޔުމަށް އެދި ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްލާމިކް މިނިސްޓްރީ އަށް އަންގައިފިއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހައްޖަށް މީހުން ގެންދިޔުމަށް ކުންފުނިތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރިއިރު، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރިއިރު ބޭނުންކޮށްފައި ވަނީ ފްރީ ބިޑް މީޓިންގައި ދީފައިވާ މިންގަނޑާ ތަފާތު މިންގަނޑެއްކަން ލިޔުންތަކުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ހުށަހެޅި ޕްރޮޕޯސަލްތަކަށް ޕޮއިންޓުދީފައި ވަނީ ހަމަހަމަ އުސޫލަކުން ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ހައްޖު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މިންގަނޑަކީ ފްރީ ބިޑް މީޓިންގައި ދީފައިވާ މައުލޫމާތުތަކާ ޚިލާފަށް ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށް ވެސް އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ޑިސްކޮލިވެފައިވާ ނުވަ ފަރާތުގެ ތެރެއިން ހަ ފަރާތެއް ޑިސްކޮށްލިފައި ކޮށްފައި ވަނީ ރަނގަޅަށް ނޫން ކަން ބިޑް ފޮތުގައިވާ މައުލޫމާތަށް ބެލުމުން އެނގޭ ކަމަށެވެ.

އެ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓްކުރާއިރު، އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން އިވެލުއޭޝަން ކޮމެޓީގައި ނުހިމެނުމަށް އޭސީސީން ވަނީ އަންގާފައެވެ.

ފްރީ ބިޑް މީޓިންގައި ދީފައިވާ މައުލުމާތާ އެއްގޮތަށް ބިޑްތައް އިވެލުއޭޓް ކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އިސްލާމިކް މިނިސްޓްރީއަށް އަންގާފައެވެ.

comment ކޮމެންޓް