ޝިއައީން އެޅި މިސްކިތެއް މާލޭގައި ހުރިކަން އެނގޭތަ؟

ބުމްބާ މީހުން މާލޭގައި އެޅި މިސްކިތް: އެ މިސްކިތަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ދިވެހީންނަށް ނަމާދު ކުރެވޭނެ ގޮތް ހަދާފައި-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ސުންނީ ދައުލަތެވެ. މިއީ ދުނިޔޭގައި އޮތް ހަމައެކަނި މިފަދަ ހަމައެކަނި ދައުލަތެވެ. ދިވެހިންގެ ތެރޭގައި އިސްލާމީ ތަފާތު މަޒުހަބުތަކެއް ނެތެވެ. އެ މަޒުހަބުތަކުގެ އަރާރުންތަކަކަށް ދިވެހިން ފަރިތައެއް ނުވާނެ އެވެ. ދުރޫޒުންނާއި ނުޝައިރީން އަދި ޝިއައީންގެ ކޯޅުންގަނޑު އެނގޭ ހެއްޔެވެ؟ ޝިއައީންގެ ނުރައްކަލާއި އެ މީހުންގެ އަޑިނުބައިކަން ދަންނަމު ހެއްޔެވެ؟

ކީރިތި ގުރުއާނަށް ބަދަލު ގެނެސްފައިވާ ކަމަށް ޝިއައީން ދައުވާ ކުރެ އެވެ. ރަސޫލާ ސައްލަﷲ އަލައި ވަސައްލަމްގެ ރަސޫލުކަމާ މެދު ސުވާލު އުފެއްދި ބަޔަކީ ޝިއައީންނެވެ. ޝިއައީންގެ ބާރު ދަށަށް ކައުބާ ގެނައުމަކީ ވެސް އެ މީހުންގެ އަމާޒެކެވެ. މިސްކިތުގައި ގަބުރު ބާއްވައިގެން އަޅުކަން ކުރެ އެވެ. އުމަރުގެފާނާ މެދު މިބައި މީހުން ނަފުރަތު ކުރެ އެވެ. އުމަރުގެފާނު ފަދަ މާތް ޝަހުސިއްޔަތެއްގެ ހަށިކޮޅަށް ހަމަލާދީ ޝަހީދުކޮށްލި އަބޫ ލުއުލުއުލް މަޖޫސީ ނަންމަތީގައި މިސްކިތަކާއި މަގުބަރާއެއް ބިނާކޮށް، އެ މަގުބަރާ ވަށައިގެން ތަވާފުކޮށް އުޅެނީ ޝިއައީންނެވެ.

ޝިއައީންނަކީ މުސްލިމުންގެ ނަމުގައި ތިބި މުސްލިމުނާ ތަފާތު ބަޔެކެވެ.

މިފަދަ ބަޔަކާ ދިވެހިން ބައްދަލު ކުރި ޒަމާނެއް އަ އެވެ. ތާރީހީ ފޮތްތަކުން އެކަން ހެކިދެ އެވެ. އެއީ 19 ވަނަ ގަރުނުގެ މެދުތެރެ އެވެ. ދިވެހި ރަސްކަމުގެ ހާންދާނުގެ ތެރެއަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުން ދިޔައީ ދެ އާއިލާއަކުންނެވެ.

ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަން މިހާރު އޮތް ގޮތަށް، އޭރު އެ ވާދަވެރިކަން އޮތީ ދެ އާއިލާއެއްގެ ދެމެދުގަ އެވެ. އަތިރީގޭ އާއިލާ އާއި ކަކާގޭ އާއިލާގެ ކޯޅުންގަނޑުގެ ތެރެއިން، މާލެއަށް ފުންމާލި ބަޔަކީ 'ބޯރާ ބުމްބާ' މީހުންނެވެ. ރައީސް މުހައްމަދު އަމީން އެ މީހުންނަށް ދެއްވި ނަމަކީ "ވޯރާ" އެވެ. ވޯރާ ވިޔަފާރިވެރިންނެވެ. އެ މީހުން މާލެ ގެނެއީ ކަކާގޭ އާއިލާއިންނެވެ. ވޯރާ މީހުން ތިބެނީ ދިގު ހަރުވާޅު ލައި ގަމީސް ލައިގެންނެވެ. ކަސަބާއި އުއިން ހަދާފައި އޮންނަ ތާކިހަލެއް އެ މީހުންގެ ބޮލުގައި އަޅާފައި އޮވެ އެވެ.

ބުމްބާ މީހުން ނުވަތަ ވޯރާ މީހުން މާލޭގައި އެޅި މިސްކިތް: ގަރުނަކަށް ވުރެ ގިނަ ދުވަސް ވަންދެން އެ މީހުން މާލޭގައި ތިބި.

އެއީ އިންޑިއާ ބައެކެވެ. ގުޖުރާތު ބަހުރުވައިން ވާހަކަ ދައްކައި ލިޔެ އުޅޭ ބައެކެވެ. އަތިރީގޭ ވިޔަފާރި ފުނޑާލައި، އެ އާއިލާ ބަލިކޮށް، ވެރިކަމަށް ގަދަކުރަން ކަކާގެއިން ޖެހި މަޅިއަކީ އެއީ އެވެ. އެ މީހުން ރާއްޖެއައީ 1857 ވަނަ އަހަރު އެވެ.

ޝިއައީންގެ ގަބޫލުކުރުންތަކަށް ހެއްލިފައި ތިބި އެ މީހުން ނަމާދު ކުރުމަށް މާލޭގެ އުތުރު ފަރާތުގައި މިސްކިތެއް ބިނާކުރި އެވެ. އެއީ "ބުމްބާ މިސްކިތް"، މިހާރުގެ ނަމުންނަމަ ބަންޑާރަ މިސްކިތެވެ.

ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެ މިސްކިތަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. ވޯރާއިންގެ އަސަރު އެ މިސްކިތުން ކަނޑުވާލާފައިވާކަން ކަށަވަރެވެ.

ހަސަން ނޫރައްދީނުއްސާނީ )2( ވެރިކަމަށް އިސްވެވަޑައިގަތުމާ ގުޅިގެން ވޯރާއިން ފަރާތުން އަރުވާ ވެދުން ހިފައިގެން ދިޔަ ވަފުދު: ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ވޯރާއިން ރިޝްވަތު ވެސް ބެއްސެވި--

ނަމަވެސް އެ މިސްކިތް އެ ހެރީ ވޯރާއިން އެޅި ބިންގަލުގެ މަތީގަ އެވެ. އަވަށްޓެރި އިންޑިއާގެ އަވަށްތަކުގެ މިސްކިތްތަކުން ފެންނަ ބައެއް ޑިޒައިންތައް އެ މިސްކިތުން ފެންނާނެ އެވެ. މިސްކިތުގެ އެތެރެ އާއި ބޭރު ވެސް ހަދާފައި ވަނީ އެގޮތަށެވެ.

ވިހި ވަނަ ގަރުނު ފެށުނު އިރު، ވޯރާއިންގެ އުނދަގުލާއި ބާރުވެރިކަން ބޮޑުވެ، ދިވެހި ވިޔަފާރި އޮތީ އެ މީހުންގެ މުށުތެރޭގަ އެވެ. އެ މީހުންގެ 300 ވިޔަފާރިވެރިން ތިބީ މާލެއަށް ވަކި ހިއްޕާލާފަ އެވެ. ވިޔަފާރީގެ މޮޅެތި އުކުޅުތައް އެ މީހުން ދަނެ އެވެ. އެ މީހުންނަކީ ހިތުވިޔައަށް މޮޅު ބައެކެވެ.

މިނެކިރުމުގައި ވެސް އެ މީހުން މަކަރު ހެދި އެވެ. ކިރަން ގެންގުޅެނީ ތުޅުދުނޑި އެވެ. އެ އެއްޗަކީ ހީލަތް ހަދަން ފަސޭހަ ގޮތަކަށް އޮންނަ އެއްޗެއް ކަމަށް ބުނެވެ އެވެ. ދައުލަތުގެ ހުއްދަ ނެތި އެ ގޮތް މިގޮތަކަށް ރަނާއި ރިހި އަދި ފައިސާ ރާއްޖެއިން ބޭރު ކުރި އެވެ. ރިޝްވަތުގެ ފައިސާ ބަހަ އެވެ. ހާއްސަކޮށް ރަސްކަމުގެ ހާއްދާނުގެ ތެރެއަށެވެ. އެ މީހުންގެ ބާރު ގަދަވުމުގެ އަސްލަކީ އެއީ އެވެ.

ދެ ވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަމުގައި ދިވެހިންނަށް އެންމެ ބޮޑު ތުރާއެއް ޖެއްސި ބަޔަކަށް ވޯރާއިންވާނެ އެވެ. މަހުގެ އަގު ދަށްކޮށްލުމުން، ދިވެހިންނަށް މަހަކީ ބޭނުން ނެތް އެއްޗަކަށްވި އެވެ. އެންމެ ފަހުން އެއްވެސް އަގަކަށް މަސް ނުގަތުމަށް ވޯރާއިން ނިންމި އެވެ.

ވޯރާއިން ރާއްޖެ އިން ފައްސާލެއްވީ ރައީސް އިބްރާހިމް ނާސިރެވެ. އޮގަސްޓް 1، 1962، އިން ފެށިގެން ވޯރާއިންގެ ވިޔަފާރި ރާއްޖޭގައި މަނާކުރި އެވެ.

ވޯރާއިންގެ މާލޭގައި ގަރުނަކަށް ވުރެ ގިނަ އަހަރު ވަންދެން ވަކި ހިއްޕާލައިގެން ތިއްބެވެ. އެއީ 1857 ވަނަ އަހަރުން ފެށިގެން، 1962 ވަނަ އަހަރާ ހަމައަށެވެ.

މައުލޫމާތު:

- ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހި ރާއްޖެ 1

- ވޯރާ ވިޔަފާރިވެރިން ދިވެހިންނަށް ދިން ބޮޑު ގެއްލުން

- އިއްޔެ މަޖައްލާ

comment ކޮމެންޓް