އުޒުރެއް ނެތި ރޯދަ ދޫކޮށްލި ތިން މީހަކު ހައްޔަރުކޮށްފި

ފުލުހުން އޮޕަރޭޝަންއެއްގައި ހަރަކާތްތެރިވަނީ ---ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހު މަގުބޫލް އުޒުރެއް ނެތި ރޯދަ ދޫކޮށްލުމުގެ ތިން މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހު މަގުބޫލް އުޒުރެއް ނެތި ގަސްތުގައި ރޯދަ ދޫކޮށްލައި ދުވާލު ކެއިންބުއިމާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށް ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.

އިތުރު ތަފްސީލް އަދި ވަނީ ލިބޭގޮތްނުވެފަ އެވެ.

ގާނޫނު އުގޫބާތުގެ 616 ވަނަ މާއްދާގެ ހ. ގެ ދަށުން އެއީ ކުށެކެވެ. ކުށަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަޑަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ކުށުގެ ރެކޯޑަށް ބަލައި އަދަބު ބޮޑު ކުރުމުގެ ބާރާއި ޖޫރިމަނާ ކުރުމުގެ ބާރު ވެސް ފަނޑިޔާރަށް ލިބިގެންވެ އެވެ.

ގަސްތުގައި ރޯދަ ދޫކުރުމަކީ ފާފައަކަށް ވާއިރު، އެމީހަކު ތައުބާވެ އަލުން އެރޯދަ ހިފަން ޖެހޭނެ އެވެ.

ފުލުހުން ބުނީ އުޒުރެއްނެތި ރޯދައަށް ނުހުންނަ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނަށް ހުށައެޅުމަށް އިލްތިމާސްކުރާ ކަމަށާއި އޭރުން އެބަޔަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް