ބާސާގެ ކޯޗަކަށް ވަލްވާޑޭ ހަމަޖައްސައިފި

ލުއިސް އެންރީކޭގެ ބަދަލުގައި ބާސެލޯނާގެ ކޯޗަކަށް ހަމަޖެއްސި އާނެސްޓޯ ވަލްވާޑޭ--

ލުއިސް އެންރީކޭގެ ބަދަލުގައި، ބާސެލޯނާގެ ކޯޗުގެ މަގާމަށް، އާނެސްޓޯ ވަލްވާޑޭ ހަމަޖައްސައިފިއެވެ.

ވޭތުވެ ދިޔަ ހަތަރު ސީޒަންގައިވެސް އެތުލެޓިކް ބިލްބާއޯގެ ކޯޗަކަށް ހުރި އުމުރުން 53 އަހަރުގެ ވަލްވާޑޭ، ބާސާއާ ހަވާލުވީ، 2017 އަދި 2018 ސީޒަންގެ ނިޔަލަށެވެ.

ބާސެލޯނާއިން ވަނީ، ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެ ކްލަބުގެ ހެޑް ކޯޗުގެ މަގާމަށް ވަލްވާޑޭ ހަމަޖެއްސިކަން ހޯމަ ދުވަހު ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

"ވަލްވާޑޭ ބުނި އޭނާ ހުރީ ވަރަށް ބޮޑަށް އުފާވެ ހިތްހަމަޖެހިފައި ކަމަށް، އަދި ބާސާ ފަދަ ކްލަބެއްގެ ހެޑް ކޯޗަކަށް ހަމަޖެހިގެން ދިއުމަކީ ވަރުގަދަ ޗެލެންޖެއް ކަމަށް،" ބާސާގެ ރަސްމީ ބަޔާނުގައިވެ އެވެ.

"ބާސާގެ ކޯޗަކަށް ވަލްވާޑޭ އިހްތިޔާރުކުރީ ކީއްވެކަން ބުނެދޭން އަހަރެމެންނަށް ވަގުތު އެބައޮތް. އަހަރެމެންނަށް އެނގޭ އޭނާގެ، ގާބިލްކަމާ، ހިލްމާ ތަޖްރިބާ އެބަހުރިކަން."

"އޭނާއަކީ، ބާސާގަ މި ގެންގުޅޭ ފަދަ ޔޫތު ފުޓްބޯޅައަށް ވަރަށް ޝައުގުވެރިވާ، އަދި ހާއްސަ ސްޓައިލެއް ގެންގުޅޭ ކޯޗެއް. އޭނާގެ ފިލޯސަފީއަކީ، ބާސާގައި މިހާރުވެސް ކުރިއަށް ގެންދާ ފިލޯސަފީއެއް، އޭނަވެސް ތަމްރީނުތައް ކުރިއަށް ގެންދަނީ ބާސާގައި މިހާރުވެސް އެކަންކަން ކުރާގޮތަށް."

ތިން އަހަރަށް ފަހު ލުއިސް އެންރީކޭ ބާސާގެ ކޯޗުކަން ދޫކޮށްލިއިރު އޭނާ ވަނީ އެ ކްލަބަށް، ނުވަ ޓްރޮފީ ހޯދައިދީފައެވެ. އޭގެ ތެރޭގައި، ވިސެންޓޭ ކަލްޑެރޯންގައި އަލަވޭސް އަތުން 3-1 ލަނޑުން މޮޅުވެ ޖެހިޖެހިގެން ތިން ފަހަރަށް ބާސާއަށް ކޮޕަޑެލްރޭ ކާމިޔާބުކޮށްދިނުން ހިމެނެއެވެ.

comment ކޮމެންޓް