އަދީބު ހުރީ ކަރެކްޝަންސްގެ ބެލެމުގެ ދަށުގައި ނޫން ކަމަށް ބުނެފި

04 އޭޕްރީލް 2017: އަހްމަދު އަދީބް ކުރިމިނަލް ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ނޫންކަމަށް އެ ސާވިސްއިން ބުނެފި އެވެ.

ޓެރަރިޒަމާއި ހިޔާނާތުގެ ބައެއް މައްސަލަތައް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަދީބު ހުންނެވީ ދޫނިދޫގައެވެ.

އަދީބަށް ބޮޑެތި ސިއްހީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބުނެ އާއިލާގެ ފަރާތުން ވަނީ ކަރެކްޝަނަލް ސާވިސްއާއި ފުލުހުންނަށް ސިޓީ ފޮނުވާފައެވެ.

ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން މިރޭ 'ސަން' އަށް ވިދާޅުވީ އަދީބު ބޭސްފަރުވާއަށް ދިއުމުގެ ހުއްދައަށް އެދި އެ ސާވިސްއަށް އޭނާގެ ގާނޫނީ ވަކީލު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް އަދީބު މިހާރު ހުރީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށް ލުގުމާން ވިދާޅުވި އެވެ.

"އަދީބު މިހާރު ހުންނެވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައެއް ނޫން،" ލުގުމާން ވިދާޅުވި އެވެ.

އެހެންނަމަވެސް، އަދީބު މިވަގުތު ހުންނެވީ ކޮންބައެއްގެ ބެލުމުގެ ދަށުގައިކަން ފުލުހުންވެސް އަދި ކަރެކްޝަނުންވެސް އޮޅުންފިލުވައެއް ނުދިނެވެ.

އަދީބުގެ ސިއްހީ ހާލަތު ގޯސްވަމުން ދާކަމަށް ބުނެ އާއިލާގެ ފަރާތުން ވަނީ ފުލުހުންނަށްވެސް ސިޓީއެއް ފޮނުވާފައެވެ. އަދި ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދައަށް ވަނީ އެދިފައެވެ.

އާއިލާގެ ފަރާތުން ފޮނުވި ސިޓީގެ ޖަވާބުގައި ފުލުހުން ބުނެފައިވަނީ އަދީބަކީ ޝަރުއީ ކޯޓަކުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ބަންދުގައި ހުންނަވާ ބޭފުޅަކަށް ވާތީ ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދިއުމުގެ ހުއްދައަށް އެދި ދަންނަވަން ޖެހޭނީ ކަރެކްޝަންސްގައި ކަމަށެވެ.

އާއިލާގެ ފަރާތުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަދީބަށް ދިމާވެފައިވާ ބޮޑެތި ސިއްހީ މައްސަލަތަކުގެ ތެރޭގައި ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ހިމެނޭ ކަމަށެވެ.

އަދީބުގެ ގާނޫނީ ވަކީލު ވިދާޅުވީ އަދީބު ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމުގެ ހުއްދައަށް އެދޭނެ ފަރާތެއް ނޭނގުނު ކަމަށެވެ.

comment ކޮމެންޓް