ފުޓްބޯޅައިގައި ރާއްޖެ ގިރާކުރި އެކި މަރުހަލާތައް ދައްކުވައިދިން ހާއްސަ މެޗް!

މިއަދު ކުޅުނު ހާއްސަ މެޗުގެ ތެރެއިން--ފޮޓޯ ޕީއެސްއެމް

ދިވެހިރާއްޖެއަކީ ފުޓްބޯޅައިގެ މުހިއްމު ތާރީހެއް އޮތް ގައުމެކެވެ. ރާއްޖޭގައި ފުޓްބޯޅައިގެ ފޯރި ނެތް އިރެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަގީގަތަކީ ރާއްޖެއަކީ ކްރިކެޓްގެ ފޯރި އޮތް ހިސާބުގަނޑެއްގައި އޮތް ފުޓްބޯޅައިގެ ''ހިތެއް'' ކަމެވެ.

ހޯމަދުވަހު ހަވީރު އެފްއޭއެމްގެ އެއް ނަންބަރު ޓާފް ދަނޑަށް މީހުންތައް ޖަމާވަމުން ދިޔައީ ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުން ކުޅޭ ހާއްސަ މެޗު ބަލައިލުމަށެވެ. ދިވެހި ފުޓްބޯޅަ އެކި މަރުހަލާތައް ގިރާކުރަމުން އައިއިރު ދިވެހި ތާރީހު ދުށް މޮޅު ކުޅުންތެރިންގެ ކުޅުން އެތައް އަހަރެއް ފަހުން ފެންނާތީ އެ އުފަލުގައި ބައިވެރި ވުމަށެވެ.

ހޯމަދުވަހު ހަވީރު 17:00ގައި ފެށި މި މެޗުގައި ވާދަކުރީ ލެޖެންޑްސް އޭ ޓީމާއި ލެޖެންޑްސް ބީޓީމެވެ. މެޗު އިންތިޒާމް ކުރެވިގެން ދިޔައީ މިއަހަރުގެ ވެޓަރަންސް މުބާރާތުގެ ޝަރަފުގައެވެ. މެޗު ކާމިޔާބުކުރީ ލެޖެންޑްސް ބީ ޓީމުންނެވެ. ނަތީޖާއަކީ 4-1އެވެ.

ދިވެހި ފުޓްބޯޅައިން މިހާތަނަަށް ހޯދި އެންމެ ބޮޑު ކާމިޔާބީތައް ހޯދައިދިން ތިން ކެޕްޓަނުންވެސްވަނީ މި މެޗުގައި ކުޅެފައެވެ. ފުޓްބޯޅައިން އެންމެ ފުރަތަމަ ރާއްޖެއަށް މެޑެއްޔެއް ހޯދައިދީ ފުޓްބޯޅައިން ދިވެހި ގައުމު މިދެކޭ ކުރިއެރުން ތަކުގެ ފެށުން ކަމުގައިވާ 1984 ވަނަ އަހަރު ބޭއްވި ސާފް ގޭމްސްގެ ލޯ މެޑަލް ކާމިޔާބުކުރި ކެޕްޓަން އިބްރާހިމް ނޫރައްދީން ވަނީ މިމެޗުގައި ކުޅެފައެވެ. ދެން މެޗު ފަޅުފިލުވައިދިނީ ރާއްޖެއަށް އެންމެ ފުރަތަމަަ ރިހި މެޑައްޔެއް ހޯދައިދިން ކެޕްޓަން މުހައްމަދު ކަލީމެވެ. އެއަށް ފަހު މެޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ އަންދަރުސަވާ އިބްރާހިމް ރަޝީދެވެ. އޭނާއަކީ 1997 ވަނަ އަހަރު ބޭއްވި ފުރަތަމަ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ މަގާމް ރާއްޖެއަށް ހޯދައިދިން ކެޕްޓަނެވެ.

މެޗަށް ފަހު ކުރީގެ ބައެއް ކުޅުންތެރިން ހިތްހަމަ ޖެހުމާއި އުފާބެރިކަން ހިއްސާކޮށްފައިވާއިރު މި މެޗުން ފެނިގެންދިޔައީ ރާއްޖެ ފުޓްބޯޅައިގައި ހޯދާފައިވާ ކާމިޔާބީ ތަކެވެ. ދިވެހިން ފުޓްބޯޅައަށް ޒަމާނުންސުރެ ދެމުން އައި އަހައްމިއްޔަތުކަން މިއަދުގެ މެޗުން ފެނިގެން ދިޔައިރު ގަރުނުގެ ފުޓްބޯޅަ ޝަހުސިއްޔަތު މޫސާމަނިކު (ކުޑަމޫސަ)އަނެއް ކާވެސް ދިވެހި ފުޓްބޯޅައިގެ ތެރެއިން ފެނުނު އިރު ޑީއެންސީން ވިދާލި އަބްދުﷲ މުފީދު (އުދުހޭ މުފީދު) މެން ކަހަލަ ކުޅުންތެރިން ވަނީ މި މެޗުގައި ފެނިގެން ގޮސްފައެވެ.

comment ކޮމެންޓް