ފެން ކޭސް ބޭލުމާއި ޓެކްސީން ލާރި މާރުކުރުން ހަލުވި ކުރަން ޖެހިފައި!

މަގު ތޮއްޖެހިފައިވާ އިރު ވެސް ދެން ބޭލުގައި-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

އެއީ އިޝާނަމާދު ވަގުތެވެ. ކޮންމެވެސް ވަރަކަށް ހިމަފޮދު ވާރޭ ވެހެ އެވެ. ނަމާދަށް ދިއުމަށާއި އެކިއެކި ބޭނުންތަކުގައި އެތައް ބަޔަކު މަގުތަކުގައި ހަރަކާތްތެރިވެ އެވެ. ބުރުޒުމަގުން މާދުރަކަށް ނުދެވުނެވެ. މުޅި މަގުހެން އޮތީ ތޮއްޖެހިފަ އެވެ. ބަރުގޮނޑު އަޑު ބަންގީގެ އަޑަށް ވުރެ ގަދަ އެވެ. ވާގޮތެއް ބެލި އިރު ކޯރުކެނޑި ހިނގުމާއި ބުރުޒުމަގާއި ހަތަރު އަނގޮޅިއަށް ފެން ބާލާ ޕިކަޕެއް މަޑުކޮށްގެން ފެން ބާލަނީ އެވެ.

ހިމަފޮދު ވާރޭގައި މުޅި މަގު ތޮއްޖެހި އެތައް ބަޔަކު ލަސްވެގެން އުޅޭ އިރު ވެސް ހަމަ އާންމު އުސޫލުގެ މަތިން މަގު ބަންދުވާ ގޮތަށް ޕިކަޕު މަޑުކޮށްގެން ބާއްވައި ފެން ކޭސްތައް ދިޔައީ މަގު އެއްކައިރިއަށް ޖަހަމުންނެވެ. އަވަސް ކުރަން އުޅޭފާޑެއް ނުޖަހަ އެވެ.

މަގު ތޮއްޖެހިފައިވާއިރު ވެސް ދެން ބޭލުގައި-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ

"އެއީ ހަމަ ފާޑު، ބިދޭސީން އެތިބެނީ، އެއްޗެއް ކިޔައޭ ހިތަށް ނާރާނެ، ކިތަންމެ ޓްރެފިކް ޖޭމް ވިޔަސް ހަމަ އެ [ފެން ކޭސްތައް]ބާލާ ވަރަށް ބާލާފައި ނޫނީ އެމީހުން ނުދާނެ،" ޓްރެފިކްގައި ޖެހިފައިން ޒުވާނަކު ބުންޏެވެ.

ފެންޕިކަޕުތަކުގެ ސަބަބުން ޓްރެފިކް ތޮއްޖެހޭ: ފުލުހުން

ފުލުހުންގެ ހެޑް އޮފް ޓްރެފިކް މެނޭޖްމަންޓް ފަތުހުﷲ ވަހީދު ވިދާޅުވި ގޮތުގައި ފެން ފަދަ ތަކެތި އުފުލާ ގޮތުން މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ކުރިމަތިވާ ކަމަށާއި އެކަން ހައްލުކުރުމަށް ފެން އުފުލުމަށް މިހާރު ވަކި ވަގުތުތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.

"އޭގެ ސަބަބުން ތޮއްޖެހޭކަން ފާހަގަ ކުރެވޭ، އިތުރަށް ހައްލުކުރުމަށް ކުންފުނިތަކާ މަޝްވަރާ ކުރަން ވަނީ ނިންމާފައި،" ފަތުހުﷲ ވިދާޅުވި އެވެ.

އައިލެންޑް ބެވެރޭޖެސް މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ފެން އުފުލާ އެކުންފުނީގެ މުވައްޒަފުންނަށް އަންގާފައިވާނީ ޓްރެފިކް ތޮއްނު ޖެހޭ ގޮތަށް އަމަލުތައް ކުރުމަށް ކަމަށާއި އެކަން ހައްލުކުރަން އެކުންފުނިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ރޯދަ މަހު މާލޭގެ ޓްރެފިކަށް ލުއި ގެނައުމަށް ޓަކައި ވަނީ ފެން އުފުލުމަށް ހާއްސަ ގަޑިތަކެއް އެކުންފުނިން ކަނޑައަޅާފަ އެވެ. ހުކުރު ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް، އަދި ރޭގަނޑު 6:30 އިން 11:00 އަށް ރޯދަ މަހު ފެން އުފުލުމަށް ވަނީ ނިންމާފަ އެވެ.

ފެން ޕިކަޕުތަކުގެ ސަބަބުން އާންމު މަސްމަހު ވެސް ޓްރެފިކް ތޮއްޖެހޭ އިރު އެކަން ބޮޑުވެ ފެން އުފުލަން ހާއްސަ ގަޑިތަކެއް ކަނޑައެޅި އެވެ. ނަމަވެސް ފަހުން ވަނީ އެކަމަށް އަމަލުކުރުން ފަސްކޮށްފަ އެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ވިދާޅުވީ އެއުސޫލަށް އަމަލުކުރަން ފެށުމަށް ޓަކައި ގިނަ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި އެކަން ލަސްވަމުން އަންނަނީ ފެނުގެ ޑިމާންޑް ބޮޑުވުމުން ކަމަށެވެ.

"އެބޭފުޅުން ވިދާޅުވަނީ ފެނުގެ ޑިމާންޑް ވަރަށް ބޮޑުކަމަށް، ފެނުގެ ޑިމާންޑް ބޮޑުކަމުން އަދި ވަކި ގޮތެއް ނުނިންމިގެން މިއުޅެނީ،" މަހުދީ ވިދާޅުވި އެވެ.

ޓެކްސީ އަށް އަރާގޮތަށް ފައިސާ ދެމާ

ދެން އޮތީ ޓުރެފިކް ތޮއްޖެހެން ދިމާވާ އަނެއް ބޮޑު މައްސަލާގެ ވާހަކަ އެވެ. ދިހަ ވަރަކަށް މިނެޓުގެ ދަތުރެއް ނިންމާލުމަށް ފަހު އެއަންނަ މަންޒިލަކަށް އައިސް އެތަނުގައި މަޑުކޮށްގެން އޮވެ ފަސިންޖަރު ޓެކްސީ ޑުރައިވަރަށް ފައިސާ ދިނުމާއި އެދޭ ފައިސާ މާރުކޮށް ބާކީ ދިނުމަށް ހޭދަވާ ވަގުތުގެ ވާހަކަ އެވެ. އެއީ ވެސް މާލޭގެ މަގުތައް ތޮއްޖެހެން ދިމާވާ ބޮޑު މައްސަލައެކެވެ. އޭގެ ބަދަލުގައި ދަތުރަށް އަރާގޮތަށް އެފައިސާ ދޭ ނަމަ އެފުރުސަތު ކުޑަވާނެ އެވެ.

މާލޭ މަގެއްގައި ދުއްވާފައިދާ އުޅަނދުތަކެއް: -- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ޓެކްސީ ޑްރައިވަރުންނާ ވާހަކަ ދައްކާލުމުން އެފަރާތްތަކުން ބުނަނީ އެ މައްސަލަ ބޮޑަށް ދިމާވަނީ ފަސިންޖަރުންގެ ސަބަބުން ކަމަށާއި ބޮޑެތި އަދަދުތަކުން ފައިސާ ހިފައިގެން ޓެކްސީތަކަށް އެރުމާއި ދަތުރު ނިންމާފައި ނޫނީ ފައިސާ ނުދިނުމަކީ ޑުރައިވަރުންގެ ކުށެއް ނޫން ކަމަށެވެ.

ޓުރެފިކް ހެޑް ފަތުހުﷲ ވިދާޅުވީ ޓެކްސީ ސެންޓަރުތަކާ ބައްދަލުކޮށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތައް ހިންގަމުންދާ އިރު ދަތުރު ނިމުމުގެ ކުރިން ފައިސާ ދިނުމަށް އާންމުން ވެސް ހޭލުންތެރި ކުރަމުން އަންނަ ކަމަށެވެ.

އިސްވެ ފާހަގަ ކުރި ދެ މައްސަލައަކީ މާލޭގެ މަގުތަކުގެ ޓުރެފިކް އެންމެ ބޮޑަށް ތޮއްޖެހޭ ސަބަބުތަކެވެ. ހަމަ އެއާ އެކު އުޅަނދުތައް އެކި ބޭނުންތަކަށް މަގުމަތީ މަޑުކޮށްލަން ޖެހޭ ވަގުތުތަކުގައި އޯވާޓޭކްކުރާ ފަރާތްތަކުން އަމަލުކުރާ ގޮތުން ވެސް މަގު ތޮއްޖެހޭ ކަމަށް ޓްރެފިކް ހެޑް ފަތުހުﷲ ވިދާޅުވި އެވެ.

ކުޑަކުޑަ ރަށެއްގައި އެކަށީގެންނުވާވަރަށް އުޅަނދު ދުއްވާ މިމާލޭގެ ޓުރެފިކް ހައްލު ކުރެވޭނީ އެކަމަށް ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. ހާއްސަކޮށް ފެން ޕިކަޕުތަކާއި ޓެކްސީތަކުގެ ސަބަބުން ޓުރެފިކަށް މިހާރު މިދިމާވާ މައްސަލަ މިހާރުން މިހާރަށް ހައްލުކުރަން ޖެހެ އެވެ.

comment ކޮމެންޓް